މަޖިލީހަށް ދިމާވެފައި މިއޮތީ އަޖައިބެއް، އެމްޑީޕީ ބޭނުން ވާނީ އޭޖީގެ ވޯޓު ނުނަގަން: ނަޝީދު
މަޖިލީހަށް ދިމާވެފައި މިއޮތީ އަޖައިބެއް، އެމްޑީޕީ ބޭނުން ވާނީ އޭޖީގެ ވޯޓު ނުނަގަން: ނަޝީދު

ރާއްޖޭގެ ރައްޔިތުންގެ މަޖިލީހަށް ދިމާވެފައި މިވާ ފަދަ އަޖައިބެއް މަދުން ނޫނީ ނުފެންނާނެ ކަމަށާއި އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި އެމްޑީޕީން ބޭނުން ވާނީ އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނުނަގަން ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މަޖިލީހަށް ދިމާވެފައި މިއޮތީ އަޖައިބެއް، އެމްޑީޕީ ބޭނުން ވާނީ އޭޖީގެ ވޯޓު ނުނަގަން: ނަޝީދު
މަޖިލީހަށް ދިމާވެފައި މިއޮތީ އަޖައިބެއް، އެމްޑީޕީ ބޭނުން ވާނީ އޭޖީގެ ވޯޓު ނުނަގަން: ނަޝީދު

މަޖިލީހުގެ ރިޔާސަތުގައި ނަޝީދު އިންނަވައި، އޭޖީ ރިފްއަތުގެ އިތުބާރު ނެތް ކަމަށް ހުށަހެޅި ވޯޓާ ގުޅިގެން، ގާނޫނާ ޚިލާފަށް އަމަލުކުރައްވާފައިވާ ކަމަށް ވިދާޅުވެ އެމަނިކުފާނު ރިޔާސަތުން ދުރުކުރަން އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕުން މިއަދު ވަނީ ފާސްކޮށްފަ އެވެ.

ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވައްދަން ފާސްކޮށް، ސޮއި ހޯދަން ފެށިތާ ހަތް ގަޑިއިރު ތެރޭގައި، މިހާތަނަށް 54 މެމްބަރުންގެ ސޮއި ވަނީ ހަަމަކޮށްފަ އެވެ.

މައްސަލަ ހުށަހެޅުމުގެ ކަންކަން ހިނގަމުން ދަނިކޮށް، ނަޝީދުގެ މެސެޖުގައި ވަނީ، އެމަނިކުފާނު މަޖިލީހުގައި މަސައްކަތް ކުރެއްވީ އޭޖީގެ ދިފާއުގައި ކަމަށް ސިފަކުރައްވައިފަ އެވެ. ވޯޓު ނަގައި އޭޖީ ބަލިކަށިކުރަން ބޭނުންވީ އެމްޑީޕީން ކަމަށް ވެސް ވިދާޅުވި އެވެ.

ރިފްއަތުގެ އިތުބާރު ނެތް ކަމަށް ހުށަހެޅީ ޗާގޮސްގެ މައްސަލައިގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ބައެއް ދޫކޮށްލި ކަމަށް ކުރާ ތުހުމަތުގަ އެވެ. މި މައްސަލައާ ގުޅިގެން އަމަލުކުރައްވާ ގޮތުން މަޖިލީހުގެ ނިޒާމް ގެއްލި، މިއަދު ވެސް ޖަލްސާ ކުރިއަށް ނުގެންދެވިގެން ޖެހުނީ ހުއްޓާލާށެވެ.

އެމްޑީޕީގެ ގްރޫޕްތަކަށް ނަޝީދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ މަޖިލީހަށް ދިމާވެފައި މިއޮތީ އަޖައިބެއް ފަދަ ކަމެއް ކަމަށެވެ. ވެރިކަން ކުރާ އެމްޑީޕީގެ ސަރުކާރުގެ އެޓާނީ ޖެނެރަލް މަގާމުން ވަކިކުރަން ހުށަހެޅީ އިދިކޮޅު ޕާޓީން ކަން ފާހަގަކުރެއްވި އެވެ.

"އެމްޑީޕީ މަސައްކަތް ކުރާނެ ކަމަށް ލަފާވާނީ އޭޖީ ސަލާމަތްކުރަން. ވޯޓާ ހަމައަށް ނުދާން. ވޯޓެއް ނަގައިފި ނަމަ މޮޅުވީ ނަމަވެސް ހަނި މެޖޯރިޓީއަކުން ހުންނަވާ އޭޖީއަކަށް ވުރެން ވޯޓު ނުނަގާ އޭޖީއެއް ރަނގަޅުވާނެ ކަމަށް އާއްމު މީހަކު ދެކޭނެ," ނަޝީދު ވިދާޅުވި އެވެ.

ނަޝީދު މިގޮތަށް ވިދާޅުވި އިރު އެމްޑީޕީގެ ޕީޖީން ބުނެފައި ވަނީ އޭޖީގެ އިތުބާރު ނެތް ކަމުގެ މައްސަލަ ފެއިލްކޮށްލާނީ މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތަކުން ކަމަށެވެ. އިދިކޮޅުން މައްސަލަ ހުށަހެޅީ 13 މެމްބަރުންގެ ސޮޔާ އެކުގަ އެވެ.

އެކަމަކު، ރިފްއަތުގެ އިތުބާރު އޮތް ކަމަށް އެމްޑީޕީގެ ޕީޖީގެ 56 މެމްބަރުންގެ ވޯޓު ލިބޭނެ ކަމަށް އެ ގްރޫޕްގެ ލީޑަޝިޕުން އޮތީ ވިދާޅުވެފަ އެވެ.

ރައްޔިތުންގެ މަޖިލިހުގެ ގަވާއިދުގައިވާ ގޮތުން މަޖިލިހުގެ ރައީސް މަގާމުން ވަކި ކުރެވޭނީ ޖަލްސާ އަށް ހާޒިރުވެ، ވޯޓުގައި ބައިވެރިވާ މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްކުރުމުންނެވެ. މަޖިލީހުގެ މެމްބަރުންގެ އަދަދަކީ 87 ކަމަށް ވާއިރު، ހުރިހާ މެމްބަރުން ހާޒިރުވެ ވޯޓުގައި ބައިވެރިވެއްޖެ ނަމަ ނަޝީދު މަގާމުން ދުރުކުރަން 44 ވޯޓު ބޭނުންވާނެ އެވެ.

މަޖިލިސްގެ ރައީސްގެ އިތުބާރު ނެތް ކަމަށް ފާސްވާ އަދަދަށް ވުރެން އިތުރަށް، މައްސަލަ ހުށަހަޅަން ވެސް އެމްޑީޕީގެ ޕީޖީން ވަނީ ހަމަކޮށްފަ އެވެ. މައްސަލަ ހުށަހަޅަން ބޭނުން ވާނީ 22 މެމްބަރުންގެ ސޮޔެވެ. އެކަމަކު މިހާތަނަށް އިތުބާރު ނެތް ކަމަށް 54 މެމްބަރުން ސޮއިކޮށްފައިވާ އިރު ނަޝީދު މަގާމުން ދުރުކުރެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވަނީ ވިދާޅުވެފަ އެވެ.