ރިޓަޔާނުކުރަން، ބައިވަރު ހުށަހެޅުންތައް ލިބިފައި އެބަހުރި: ލަމްޕާޑް
ރިޓަޔާނުކުރަން، ބައިވަރު ހުށަހެޅުންތައް ލިބިފައި އެބަހުރި: ލަމްޕާޑް

ލަންޑަން (ޖެނުއަރީ 28) - ފުޓްބޯޅައިން ރިޓަޔާކުރުމުގެ ވިސްނުމެއް އަދި ނެތް ކަމަށާއި ބައިވަރު ހުށަހެޅުންތައް ލިބިފައިވާ ކަމަށް ޗެލްސީ އަދި އިނގިރޭސި ގައުމީ ޓީމުގެ ކުރީގެ މިޑްފީލްޑަރު ފްރޭންކް ލަމްޕާޑް ބުނެފި އެވެ.

އުމުރުން 38 އަހަރުގެ ލަމްޕާޑް މިދިޔަ ސީޒަނުގައި އެމެރިކާގެ ނިއުޔޯކް ސިޓީ ދޫކޮށްލި ފަހުން ހުރީ ހުހަށެެވެ. ލަމްޕާޑް ބުނީ ގިނަ ކްލަބްތަކަކުން އޭނާ ހޯދަން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބްތައް ވެސް ހިމެނޭ ކަމަށެވެ.

"އަހަރެން ރިޓަޔާއެއް ނުކުރަން. އަދިވެސް އަހަރެން ގަބޫލުކުރާ ގޮތުގައި އަހަންނަށް ކުޅެވޭނެ. ކުޅުން ހުއްޓާލަން އަދި އަހަންނަށް އެހާ ފަސޭހައެއް ނޫން،" ލަމްޕާޑް ބުންޏެވެ.

ޗެލްސީ އަށް 14 އަހަރު ކުޅެދިނުމަށް ފަހު އޭނާ 2014 ވަނަ އަހަރު އެ ކްލަބް ދޫކޮށްލީ ކްލަބަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާގެ ގޮތުގަ އެވެ. އޭނާ ނިއު ޔޯކް ސިޓީ އަށް ސޮއިކުރުމަށް ފަހު އެންމެ ފުރަތަމަ ލޯނެއްގެ ދަށުން ކުޅުނީ އެ ކްލަބާ ގުޅުން އޮންނަ މެންޗެސްޓާ ސިޓީ އަށެވެ.

"ސިޓީ އާއި ޗެލްސީ އަށް ކުޅުމަކީ އަހަރެންގެ ކެރިއަރުގައި ހާއްސަވާނެ ދެ ކަމެއް. މި ވަގުތު ވެސް އަހަންނަށް ޕްރިމިއާ ލީގުގެ ބައެއް ކްލަބްތަކުން ހުށަހެޅުން ލިބިފައި އެބަހުރި. ގޮތެއް ނިންމާނީ ވަރަށް ވިސްނުމަށް ފަހު،" ލަމްޕާޑް ބުންޏެވެ.

ލަމްޕާޑް ހޯދަން އެންމެ ބޮޑަށް މަސައްކަތް ކުރަމުން އަންނަ ކްލަބަކީ އޭނާގެ ކުރީގެ ކްލަބް ވެސްޓް ހޭމް ޔުނައިޓެޑެވެ. ލަމްޕާޑް ބުނީ ސީނިއާ ކެރިއަރު ފެށި ޓީމަށް ކުޅެލުމުގެ ފުރުސަތުގެ ބޭނުން ހިފުމާ މެދު ވިސްނަމުން އަންނަ ކަމަށެވެ.