06 ޖޫން 2023 - 16:27

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް މައްސަލަ ފާސް ކުރެވޭ ވަރަށް އެމްޑީޕީން ސޮއި ހަމަކޮށްފި އެވެ.
އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ އަގުލަބިއްޔަތުން މިއަދު ވަނީ ނަޝީދުގެ އިތުބާރު ނެތް މައްސަލަ މަޖިލީހަށް ހުށަހަޅަން ފާސްކޮށްފަ އެވެ. އެ ބައްދަލުވުމުގައި ބައިވެރިވި 41 މެންބަރުންގެ ތެރެއިން އެ ވަގުތު މައްސަލާގައި ސޮއި ކުރެއްވީ 36 މެންބަރުންނެވެ.
އޭގެ ފަހުން އެމްޑީޕީ ޕީޖީގެ ނައިބު އަދި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސޮއި ކުރި މެންބަރުންގެ އަދަދު މިހާރު 44 އަށް އަރާފައިވާ ކަމަށެވެ.
އެހެން ނަމަވެސް މިހާރު އެ މައްސަލާގައި ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް (ސަން ސިޔާމް) އާއި ބައެއް އެހެން މެންބަރުން ވެސް ވަނީ ސޮއި ކުރައްވައިފަ އެވެ. އެނގިފައިވާ ގޮތުގައި އެމްޑީޕީގެ ޕީޖީން ތައްޔާރު ވަނީ 50 އަށް ވުރެ ގިނަ މެންބަރުންގެ ސޮޔާ އެކު އެ މައްސަލަ ހުށަހެޅުމަށެވެ.
އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަސްލަމް ވިދާޅުވީ ނަޝީދުގެ އިތުބާރު ނެތް މައްސަލަ ހުށަހަޅަން މިއަދު އަސްލަމް ވިދާޅުވީ މައްސަލަ ހުށަހަޅާނީ މަޖިލީހުގެ އަގުލަބިއްޔަތުގެ ސޮއި ލިބުމަށް ފަހުގައި ކަމަށެވެ. އެއީ 44 މެންބަރުންގެ ސޮޔެވެ.
އެހެން ނަމަވެސް 50 އަށް ވުރެ ގިނަ މެންބަރުންގެ ސޮއި ހަމަ ކުރާނެ ކަމަށް އަސްލަމް ޕްރެސް ކޮންފަރެންސްގައި ވިދާޅުވި އެވެ.
ނަޝީދުގެ އިތުބާރު ނެތް މައްސަލަ މަޖިލީހަށް ހުށަހެޅި އިރު އިދިކޮޅު ފަރާތްތަކުން ހުށަހަޅާފައިވާ އެޓާނީ ޖެނަރަލް އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތް މައްސަލަ ވެސް މަޖިލީހުގައި ކުރިއަކަށް ނުދެ އެވެ. ރިފްއަތު މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތް ކަމަށް ބުނެ އެ މައްސަލަ ވެސް އޮތީ ހުއްޓިފަ އެވެ.