ބޯޑަރުގައި ރާނާ ފާރުގެ އަގު ހޯދާނީ މެކްސިކޯގެ މުދަލުން ޓެކްސް ނަގައިގެން
ބޯޑަރުގައި ރާނާ ފާރުގެ އަގު ހޯދާނީ މެކްސިކޯގެ މުދަލުން ޓެކްސް ނަގައިގެން

ވޮޝިންޓަން (ޖެނުއަރީ 27) - އެމެރިކާ އާއި މެކްސިކޯގެ ސަރަހައްދީ ރޮނގުގައި ރާނާ ފާރުގެ އަގު ހޯދާނީ މެކްސިކޯ އިން އެތެރެކުރާ މުދަލުން 20 ޕަސެންޓުގެ ޓެކްސްއެއް ނަގައިގެން ކަމަށް ވައިޓްހައުސް އިން ބުނެފި އެވެ.

ބޯޑަރުގައި ރާނާ ފާރުގެ އަގު ހޯދާނީ މެކްސިކޯގެ މުދަލުން ޓެކްސް ނަގައިގެން
ބޯޑަރުގައި ރާނާ ފާރުގެ އަގު ހޯދާނީ މެކްސިކޯގެ މުދަލުން ޓެކްސް ނަގައިގެން

އެމެރިކާގެ ރައީސް މިހާރު ވަނީ މެކްސިކޯގެ ސަރަހައްދީ ރޮނގުގައި ފާރު ރޭނުމަށް އަންގަވައިފަ އެވެ. އަދި އެކަމަށްދާ ޚަރަދު ހޯދާނީ މެކްސިކޯ އިން ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ. އެކަމަކު މެކްސިކޯ އިން ބުނެފައި ވަނީ ފާރު ރޭނުމަށް އެއްވެސް ޚަރަދެއް ނުކުރާނެ ކަމަށެވެ. ފާރު ރޭނުމުގެ މައްސަލައިގައި އުފެދުނު ހިތްހަމަނުޖެހުމުގެ ތެރޭގައި، މެކްސިކޯގެ ރައީސް އެންރީކް ޕީނާ ނިއެޓޯ ވަނީ ޓްރަމްޕާ އެކު މި މަހު 31 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުން ވެސް ކެންސަލް ކުރައްވައިފަ އެވެ.

ފާރު ރޭނުމަށް ފައިސާ ޚަރަދު ކުރެވޭނީ އެމެރިކާގެ ކޮންގްރެސް އިން ފާސްކޮށްގެންނެވެ. މެކްސިކޯގެ ބޯޑަރުގައި 2،000 މޭލު (3،200 ކިލޯ މީޓަރު) ގެ ދިގު ފާރު ރޭނުމަށް 8 ބިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް ޓްރަމްޕް ލަފާ ކުރައްވާފައިވެ އެވެ. ނަމަވެސް ތަޖްރިބާކާރުން ބުނަނީ މި އަދަދު ދެ ގުނަވާނެ ކަމަށެވެ. މެކްސިކޯގެ ބޯޑަރުގައި ފާރެއް ރޭނުމަކީ ޓްރަމްޕުގެ ކެމްޕޭނުގެ އެންމެ ބޮޑު އެއް ވައުދެވެ.

މެކްސިކޯގެ ޚާރިޖީ ވަޒީރު ލުއިސް ވިޑެގަރޭ ވިދާޅުވީ އެ ގައުމުގެ މުދަލަށް ޓެކްސް ނަގަން ފެށުމުން އެމެރިކާ މީހުންނަށް މެކްސިކޯގެ ތަކެތީގެ އަގު ބޮޑުވާނެ ކަމަށެވެ. އަދި އެންމެ ފަހުން ފާރުގެ އަގު އަދާކުރަން ޖެހެނީ އެމެރިކާގެ ރައްޔިތުން ކަމަށް އޭނާ ވިދާޅުވި އެވެ.

ވައިޓްހައުސް އިން ބުނެފައި ވަނީ މެކްސިކޯގެ މުދަލުން 20 ޕަސެންޓުގެ ޓެކްސްއެއް ނަގަން ފެށުމުން އަހަރަކު 10 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ކަމަށެވެ. މެކްސިކޯ އިން އަހަރަކު 300 ބިލިއަން ޑޮލަރުގެ މުދާ އެމެރިކާ އަށް އެތެރެކުރެ އެވެ.