ވޯލްޑް ސާފިން ގޭމްސް: ރާއްޖެ އަށް މުބާރާތް ނިމިއްޖެ
ވޯލްޑް ސާފިން ގޭމްސް: ރާއްޖެ އަށް މުބާރާތް ނިމިއްޖެ

އެލް ސަލްވަޑޯގައި މިހާރު ކުރިއަށްދާ މިއަހަރުގެ އައިއެސްއޭ ވޯލްޑް ސާފިން ގޭމްސްގެ ރެޕޭޗާޖް ދެވަނަ ބުރުން ރާއްޖެއަށް މުބާރާތް ނިމިއްޖެ އެވެ.

ރެޕޭޗާޖް ދެވަނަ ބުރުގައި ވާދަކުރި ރާއްޖޭގެ ތިން އެތުލީޓުން ވެސް ނިންމާލަން ޖެހުނީ ވާދަކުރި ހީޓުގެ ހަތަރުވަނައިގަ އެވެ.

ފަސްވަނަ ހީޓުގައި ވާދަކުރި އަހުމަދު އާގިލް (އަންމަޑޭ) އަށް ޖުމްލަ 4.20 ޕޮއިންޓް ހޯދުނުއިރު، 19 ވަނަ ހީޓުގައި ވާދަކުރި ހޫދު އަހުމަދު (ހޫބްޒް) އަށް އެއްކުރެވުނީ 4.46 ޕޮއިންޓެވެ. އަދި 21 ވަނަ ހީޓުގައި ވާދަކުރި އިސްމާއިލް ރަޝީދު (ސްމައިލީ) އަށް އެއްކުރެވުނީ ޖުމްލަ 5.87 ޕޮއިންޓެވެ.

ސާފިން ޓީމުގެ ކޯޗު، ދެކުނު އެފްރިކާގެ ކްލައިޑް މާޓިން ބުނީ، މި މުބާރާތުގައި ބޭނުންވި ޓާގެޓަށް ވާސިލް ނުވެވުނު ކަމުގައި ވިއަސް، ކުރިއަށް އޮތް ބައިނަލްއަގުވާމީ މުބާރާތްތަކަށް ދާއިރު މި މުބާރާތުން ލިބުނު ފިލާވަޅުތަކުގެ ބޭނުން އެންމެ ރަނގަޅަށް ހިފަން ޖެހޭނެ ކަމަށެވެ.

މިއީ ރާއްޖޭން ވޯލްޑް ސާފިން ގޭމްސްގައި ވާދަކުރި ފުރަތަމަ ފަހަރެވެ. މުބާރާތުގެ ފުރަތަމަ ބުރުގައި ވާދަކޮށް އަންމަޑޭ ވަނީ ހީޓުގެ ދެވަނަ ހޯދައި، މެއިން އިވެންޓުގެ ދެވަނަ ބުރަށް ދަތުރު ކޮށްފަ އެވެ. މިއީ ރާއްޖޭގެ ރާޅާއެޅުންތެރިއެއް މެއިން އިވެންޓުގެ ދެވަނަ ބުރުގެ ފުރުސަތު ހޯދި ފުރަތަމަ ފަހަރެވެ.

މެއިން އިވެންޓުގެ ދެވަނަ ބުރުން ފުރުސަތު ނުލިބޭ އެތުލީޓުންނަށް ރެޕޭޗާޖް އިވެންޓުގައި ވާދަ ކުރުމުގެ ފުރުސަތު ލިބުނު އިރު، މި ބުރުގެ ފުރަތަމަ ހީޓުގައި ހޫބްޒް ވަނީ ވާދަކުރި ހީޓުގެ އެއްވަނަ ހޯދައިފަ އެވެ. މިއީ ބައިނަލްއަގުވާމީ މުބާރާތެއްގައި ހޫބްޒް ވާދަކުރި ފުރަތަމަ ފަހަރެވެ. އަދި ވޯލްޑް ސާފިން ގޭމްސްގެ ހީޓަކުން ރާއްޖޭގެ އެތުލީޓެއް އެއްވަނަ ހޯދި ފުރަތަމަ ފަހަރު ވެސް މެއެވެ.

ގައުމީ ސާފިން ޓީމަށް މި އަހަރު ބައިނަލްއަގުވާމީ އިތުރު ދެ މުބާރާތް އެބަ އޮތެވެ. އެންމެ އަވަހަށް ދެން އޮންނާނީ އަންނަ މަހުގެ 8-17 އަށް ކ. ތުލުސްދޫގައި ބާއްވާ އޭޝިއަން ސާފިން ޗެމްޕިއަންޝިޕް މުބާރާތެވެ. އެއަށް ފަހު އޮގަސްޓް 25 އިން ސެޕްޓެމްބަރު 3 އަށް މަޑަގަސްކަރައިގައި ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ވެސް ސާފިން ގައުމީ ޓީމު ވާދަކުރާނެ އެވެ.