06 ޖޫން 2023 - 10:20

ގިނަ ބަޔަކު އިންތިޒާރު ކުރަމުން އައި އެޕަލްގެ އޮގްމެންޓެޑް ރިއަލިޓީ ހެޑްސެޓް ކަމަށްވާ އެޕަލް ވިޝަން ޕްރޯ އިއްޔެ ދައްކާލައިފި އެވެ.
އެޕަލް އިން އާ ޑިވައިސެއް މި ނެރުނީ ގާތްގަނޑަކަށް 10 އަހަރު ފަހުންނެވެ. މި ޑިވައިސް ދައްކާލީ އިއްޔެ ބޭއްވި އެޕަލް އިވެންޓުގަ އެވެ.
އެޕަލްގެ ސީއީއޯ ޓިމް ކޫކް ވިދާޅުވީ އާ ހެޑްސެޓަކީ "ހަގީގީ ދުނިޔެ އާއި ވާޗުއަލް ދުނިޔެ އެއްވެސް ދަތިކަމެއް ނެތި ގުޅުވައިދޭ ހެޑްސެޓެއް" ކަމަށެވެ.
ދެ ގަޑިއިރު ޗާޖު ހިފަަހައްޓާ މި ހެޑްސެޓުގެ އަގަކީ 3،499 ޑޮލަރު (53،954ރ.) ކަމަށާއި އަންނަ އަހަރުގެ ކުރީކޮޅު އެމެރިކާގައި ނެރޭނެ ކަމަށް އެޕަލް އިން ބުންޏެވެ.
މިއީ މިހާރު ބާޒާރުގައި ހުރި ވާޗުއަލް ރިއަލިޓީ ހެޑްސެޓްތަކުގެ އަގަށް ވުރެ މާ ބޮޑު އަގެކެވެ. މިދިޔަ ހަފުތާގައި، ފޭސްބުކް ހިންގާ މެޓަ ކުންފުނިން ވަނީ އެ މީހުންގެ މި ކަހަލަ ޑިވައިސެއް ކަމަށްވާ "ކުއެސްޓް" އިއުލާންކޮށްފަ އެވެ. އޭގެ އަގަކީ 449 ޑޮލަރެވެ.
އިއްޔެގެ އިވެންޓުގައި މި އާ ޑިވައިސް ދައްކާލުމާ އެކު، އެޕަލްގެ ހިއްސާގެ އަގު ވެސް ވަރަށް ބޮޑަށް ދަށްވި އެވެ.
އެޕަލް ވިޝަން ޕްރޯއާ މިހާރު މާކެޓުގައި ހުރި މިއާ އެއްގޮތް ހެޑްސެޓްތަކުގެ ޑިޒައިންގައި ކުޑަ ތަފާތެއް އެބަހުއްޓެވެ. މި ޑިވައިސް އަކީ ވާޗުއަލް ރިއަލިޓީ ހެޑްސެޓަކަށް ވުރެ ބޮޑަށް ސްކީ ގޮގްލްސްއެއް އާ ވައްތަރު އެއްޗެކެވެ.
މި ޑިވައިސްއާ އެކު، ވާޗުއަލް ދުނިޔޭގައި އެޕްތަކަށް ވަދެ، ފިލްމު ބަލައި އެއްޗެހި ލިޔެވޭނެ އެވެ. އެކަމަކު، މި ބާވަތުގެ ވެއަބަލް ޓެކް އަށް މާ ބޮޑު މާކެޓެއް އަދި ނެތެވެ.
އިއްޔެގެ އިވެންޓުގައި އެޕަލް އިން ވަނީ އައިފޯނާއި މެކްބުކްގެ އޮޕަރޭޓިން ސިސްޓަމްގެ އިތުރުން އަޕްޑޭޓްތައް ވެސް އިއުލާންކޮށްފަ އެވެ.