27 ޖެނުއަރީ 2017 - 12:24

ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) އިން ކޮންމެ އަހަރަކު ބާއްވާ ކޮކާކޯލާ ލޯންގް ރަން އަކީ ދުވުމަށް ލޯބިކުރާ ފަރާތްތަކާއި ޕްރޮފެޝަނަލް އެތުލީޓުންނަށް ރަނގަޅު ފެންވަރުގެ ރޭހެއްގައި ވާދަކޮށްލަން ލިބޭ ރަނުގެ ފުރުސަތެކެވެ. ދުވެލަން އެންމެ ކަމުދާ އެއް މާހައުލު އޮތް ހުޅުމާލޭގައި ބާއްވާ މި ރޭހުގެ އިންތިޒާމްތައް ފުރިހަމަވުމުގެ އިތުރުން ދުވުންތެރިންނަށް އިލެކްޓްރޯނިކަލީ ޓައިމިން ބަލާލުމުގެ ފުރުސަތު ލިބުމަކީ ވެސް ހިތްހަމަޖެހުމެކެވެ. އެހެން ރޭސްތަކާ ހިލާފަށް ޓީއެފްޖީ ލޯންގް ރަންގެ ބައިވެރިންނަށް އޮތް އަނެއް ހާއްސަކަމަކީ ރޭހަށް ތައްޔާރުވާން އެ ޖިމުން ތަމްރީން ފޯރުކޮށްދިނުމެވެ.

އޭޕްރިލް 14 ވަނަ ދުވަހު ބާއްވާ ރޭހުގައި، ޖިމްގެ މެމްބަރުންގެ ތެރެއިން ހާފް މެރެތަން އަދި ފުުލް މެރެތަން ދުވަން ބޭނުންވާ ފަރާތްތަކަށް ހާއްސަ ޓްރެއިނިންތަކެއް މިހާރު ވެސް ކުރިއަށްދެ އެވެ. ޖިމްގެ މެމްބަރަކަށް ނުވިޔަސް ލޯންގް ރަންގައި 10 ކިލޯމީޓަރުގެ ރޭސް ޖަހަން ބޭނުންވާ ފަރާތްތަކަށް "އައި-ޗެލެންޖް 10ކޭ" ގެ ނަމުގައި މިއަދު ވަނީ ހާއްސަ ޕްރޮގްރާމެއް ފަށައިފަ އެވެ.

މާލެ އާއި ހުޅުމާލޭގައި ހަފުތާއަކު ތިން ދުވަހު ތަމްރީން ސެޝަންތައް އޮންނައިރު މި ތަމްރީންތައް ފުރިހަމަކުރާ ފަރާތްތަކަށް ރޭހުގައި ހާސްކަމެއް ނެތި 10 ކިލޯމީޓަރު ކަޑައްތު ކުރެވޭނެ ކަމަށް ޓީއެފްޖީން ގަބޫލުކުރެ އެވެ.
"އަޅުގަނޑުމެންގެ ބޭނުމަކީ ދުވަހަކު ވެސް 10 ކިލޯމީޓަރުގެ ރޭހެއް ޖަހާފައިނުވާ ފަރާތްތަކަށް ތަމްރީން ދީގެން، އެ ފަރާތްތަކަށް 10 ކިލޯމީޓަރުގެ ރޭހެއް ފުރިހަމަކޮށްލެވުމުގެ ހިތްހަމަޖެހުން ހޯދައިދޭން. އެކަމަކު ވެސް މީގެ ތެރޭގައި އުޅޭނެ މީގެ ކުރިން އެއް ފަހަރު ނަމަވެސް ރޭސް ޖަހާފައިވާ މީހުން ވެސް. އެކަމަކު މިއީ ސުމަކުން ފަށައިގެން 10 ކިލޯމީޓަރުގެ ރޭހަކަށް ތައްޔާރުވާން ބޭނުންވާ ފަރާތްތަކަށް ހާއްސަ ތަމްރީންތަކެއް،" ޓީއެފްޖީގެ އޮފިޝަލަކު ބުންޏެވެ.
ގިނަ އަދަދެއްގެ ޒުވާނުންނާއި މެދުއުމުރުގެ މީހުން ވެސް ތަމްރީންތަކުގައި ބައިވެރިވާއިރު އިންސްޓްރަކްޓްކޮށްދެނީ ޓީއެފްޖީގެ ޒުވާން ޓްރެއިނަރުންނެވެ. ހަމައެކަނި ރޭހެއް ފުރިހަމަކޮށްލުމުގެ ހިތްހަމަޖެހުމުގެ އިތުރުން މި ތަމްރީންތަކާ އެކު ބައިވެރިންގެ ކޮންފިޑެންސް އިތުރުވެ، ފިޓްނަސް ފެންވަރު ވަރަށް ބޮޑުތަން ރަނގަޅުވާނެ ކަމަށް އޮފިޝަލް ބުންޏެވެ.
"މާކެޓުން ލިބެން ހުރި އެންމެ ރަނގަޅު ޓްރެއިނިން ކަމުގެ ޔަގީންކަން ދެން،" އޮފިޝަލް ބުންޏެވެ. "އަޅުގަނޑުމެން ބޭނުންވަނީ އަލަށް މި ޑިސްޓެންސްގެ ރޭހެއް ޖެހުމުގެ އުފާވެރިކަން ބައިވެރިންނަށް ހޯދައިދިނުން."
މި ޓްރެއިނިންގައި ރާއްޖޭގެ ބައެއް ކުންފުނިތަކުގެ މުއައްޒަފުން ވެސް ބައިވެރިވެ އެވެ. އޭގެ ތެރޭގައި ޓީއެފްޖީއާ ގުޅިގެން މުއައްޒަފުންގެ ދުޅަހެޔޮކަން އިތުރުކޮށްދޭ ޕްރޮގްރާމެއް ދާދި ފަހުން ފެށި އެމްޓީސީސީ ހިމެނެ އެވެ. މުވައްޒަފުން ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ނަމޫނާ ދެއްކުމަށާއި މިފަދަ ހަރަކާތްތަކުގައި ބައިވެރިވެ، ދުޅަހެޔޮ މަސައްކަތުގެ ވެއްޓެއް ބިނާކޮށް، މުވައްޒަފުންގެ އުފެއްދުންތެރިކަން އިތުރުކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން އެމްޓީސީގެ ހުރިހާ އިސްވެރިން ވެސް ވަނީ މި ފަހަރުގެ ރޭހުގައި ބައިވެރިވާން ނިންމައިފަ އެވެ.
ޓީއެފްޖީ ލޯންގް ރަން ރަސްމީކޮށް ލޯންޗްކުރުމަށް ހަމަޖެހިފައިވަނީ އަންނަ މަހު އެވެ. މި ދުވުމުގައި އޮންނަނީ ފަސް ކިލޯމީޓާއި 10 ކިލޯމީޓަރުގެ ރޭހުގެ އިތުރުން ހާފް މެރެތަން އާއި ފުލް މެރެތަން އެވެ. ރޭހުގައި ރާއްޖޭން ބޭރުގެ ގިނަ އަދަދެއްގެ ދުވުންތެރިން ވެސް ބައިވެރިވެ އެވެ.