ރައީސްގެ ޝުކުރު އައްޑޫ މީހުންނަށް، ވިދާޅުވީ ޕްލޭން ކުރެހި ގޮތަށް ތަންފީޒު ކުރައްވާނެ ކަމަށް
ރައީސްގެ ޝުކުރު އައްޑޫ މީހުންނަށް، ވިދާޅުވީ ޕްލޭން ކުރެހި ގޮތަށް ތަންފީޒު ކުރައްވާނެ ކަމަށް

އައްޑޫގެ ކުރިމަގު، އެ ސިޓީގެ މީހުން ކުރެހި ގޮތަށް މި ސަރުކާރުން ތަންފީޒު ކުރާނެ ކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ދެއްވައިފި އެވެ.

އައްޑު އަށް ކުރެއްވި ތިން ދުވަހުގެ ދަތުރުފުޅަށް ފަހު، މިއަދު މެންދުރުފަހު އއ. އުކުޅަހަށް ވަޑައިގެން ކުރެއްވި ޓުވީޓެއްގައި އެ މަނިކުފާނު އެހެން ވިދާޅުވީ، އައްޑޫން ލިބިވަޑައިގެންނެވި ތާއީދަށްޓަކައި ޝުކުރު ދަންނަވަމުންނެވެ.

"އައްޑޫ ސިޓީގެ ރައްޔިތުން އަޅުގަނޑުމެންނަށް ތި ކުރެއްވި އިތުބާރާއި ވިދާޅުވި ހޫނު މަރުހަބާ އަށް ޝުކުރު ދަންނަވަން. އައްޑޫގެ ކުރިމަގާ މެދު ތިބޭފުޅުން ކުރެއްސެވި ޕްލޭން އެ ގޮތުގައި ތަންފީޒު ކޮށްދިނުމުގައި އަޅުގަނޑުމެން ކުރިއަށް ދާނަން،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ޓުވީޓުގައި ވިދާޅުވި އެވެ.

މި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ މެމްބަރުން ދެވަނަ އަށް އެންމެ ގިނަ އައްޑޫގެ މީހުންނަށް ހާއްސަ ޝުކުރެއް ރައީސް މި އަދާކުރެއްވީ އެ ޕާޓީގެ ރިޔާސީ ޕްރައިމަރީއާ ދިމާކޮށް، މި އަހަރުގެ ޖެނުއަރީ މަހު އެ ސިޓީ އަށް ކުރެއްވި ދަތުރުފުޅާ ބަލާއިރު، މި ފަހަރުގެ ތާއީދު ނަމްބަރުތަކުން މާ ބޮޑަށް ވެސް ފެނިވަޑައިގަތުމުން ކަމަށް އެ މަނިކުފާނުގެ އަރިސް ބޭފުޅަކު ވިދާޅުވި އެވެ.

ޖެނުއަރީ މަހުގެ ދަތުރުފުޅުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މަރުހަބާ ކިޔަން ފޭދޫގެ ބަނދަރަށް ވަރަށް މަދު ބަޔަކު ނުކުތަސް މި ފަހަރު މަރަދޫގައި ބޭއްވި ރަސްމިއްޔާތަށް ވަރަށް ގިނަ ބަޔަކު ދިޔަ އެވެ. އެ އެންމެންނާ ސަލާން ކުރަން ގަޑިއެއްހާއިރު ހޭދަކުރެއްވި އެވެ. އެހެން ބައެއް ވަކިވަކި އިވެންޓްތަކުން ވެސް މި ފަހަރު މީހުން ފެނުނު އަދަދު މާ ގިނަ އެވެ.

އައްޑު އަށް މި ފަހަރު ކުރެއްވި ދަތުރުފުޅުގެ މައިގަނޑު ބޭނުމަކީ އެ ސިޓީގެ ބިން ހިއްކުމުގެ މަޝްރޫއާއި ގަން އިންޓަނޭޝަނަލް އެއާޕޯޓް ބޮޑުކުރުމުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައި ދެއްވުމެވެ. އެއީ މި ސަރުކާރުން އައްޑޫގައި ހިންގާ އެންމެ ބޮޑު ދެ މަޝްރޫއު ކަމަށް ވާނެ އެވެ.

އައްޑޫގެ ރަށްތަކުގެ ބިން ހިއްކުމުގެ މަޝްރޫއަށް 1.5 ބިލިއަން ރުފިޔާ ހޭދަކުރެ އެވެ. އެ މަސައްކަތް ކުރަނީ އިންޑިއާގެ އެގްޒިމް ބޭންކުގެ ކްރެޑިޓް ލައިންގެ އެހީގަ އެވެ. ގަން އިންޓަނޭޝަނަލް އިތުރަށް ތަރައްގީކޮށް، ބޮޑުކުރުމުގެ މަޝްރޫއު ވެސް ހިންގަނީ އެ ބޭންކުގެ ކްރެޑިޓްލައިންގެ އެހީގަ އެވެ. އެއާޕޯޓް މަޝްރޫއަށް 800 މިލިއަން ޑޮލަރު ހޭދަކުރެ އެވެ.