އޭޖީގެ އިތުބާރުނެތް ކަމުގެ މައްސަލަ ހުށަނާޅައި ލަސްކުރަނީ
އޭޖީގެ އިތުބާރުނެތް ކަމުގެ މައްސަލަ ހުށަނާޅައި ލަސްކުރަނީ

10:30 ވުމުން އާންމު އުސޫލުން އިންޓަވަލަށް ޖަލްސާ މެދުކަނޑާލައިފި. އޭޖީގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅައި އަދިވެސް ނުނިމޭ.

ސަރުކާރުގެ ބައެއް މެމްބަރުން ނިޒާމީ މައްސަލަ ނަންގަވަމުން ވިދާޅުވީ، އާދަމް ޝަރީފް ހުށަހަޅުއްވަނީ ލިޔުމުގައި އޮތް މައްސަލަ ނޫން ކަމަށް. އެކަމަކު، ރިޔާސަތުން ނިޒާމީ މައްސަލަ ބަލައެއް ނުގަނޭ.

މަޖިލިހުގެ ތަޅުމުގައި ބައެއް މެމްބަރުން ލަވަ ޖަހާތީ އެކަން ނުކުރަން ރިޔާސަތުން ނަޝީދު އެދިވަޑައިގެންފި.

އާދަމް ޝަރީފް މިހާރު ގެންދަވަނީ އޭޖީގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅުއްވަމުން.

ބައެއް މެމްބަރުން ނިޒާމީ މައްސަލަ ނަންގަވައި ވިދާޅުވަމުން ގެންދަވަނީ މަޖިލިހުގެ ނިޒާމު މިހާރު ގެއްލިފައިވާ ކަމަށް. އެހެންވެ، ފުރަތަމަ ނިޒާމު ގާއިމު ކޮށްދެއްވުމަށް ރިޔާސަތުގައި އެދިވަޑައިގެންނެވި. އަދި ސިޔާސީ ޕާޓީތަކުގެ މަޝްވަރާ އަށް ވެސް އެދިވަޑައިގެންނެވި.

ރިޔާސަތުން ނަޝީދު ވިދާޅުވީ، އޭޖީގެ އަމަލުތަކާ ގުޅިގެން މައްސަލައެއް އޮތް ނަމަ އެކަން ކުރެވިދާނެ ކަމަށް. އެކަމަކު، އިތުބާރު ނެތްކަމުގެ މައްސަލައިގެ ތެރެއިން އެ ކަން ނުކުރެވޭނެ ކަމަށް ރިޔާސަތުން ވިދާޅުވި.

މަޖިލިހުގެ ޖަލްސާ އަލުން ފަށައިފި. އެކަމަކު އަދިވެސް މައްސަލަ ހުށަހެއް ނާޅުއްވާ. އިދިކޮޅުގެ މެމްބަރުން އަދިވެސް ގެންދަވަނީ ނިޒާމީ މައްސަލަ ނަންގަވައި މަޖިލިހަށް ހާޒިރުނުވި ސަބަބުން އޮޅުން ފިލުއްވަން މަސައްކަތް ކުރައްވަމުން.

އޭޖީގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިހުގެ ޖަލްސާ އަށް ހުށަހެޅުއްވުމުގެ ބަދަލުގައި ނިޒާމީ ނުކުތާތައް ފުލުފުލުން ނަންގަވައިގެން އާދަމް ޝަރީފް ސާފުކުރައްވަން ބޭނުންވަނީ މަޖިލިހަށް ވަޑައިގަތުމަށް ކުއްލި ގޮތަކަށް ނިންމެވި ސަބަބު އޮޅުން ފިލުއްވަން. ނަަމަވެސް މަޖިލިހުގެ ރިޔާސަތުން ތަކުރާރުކޮށް އެދިވަޑައިގަންނަވަމުން ގެންދެވީ ފުރަތަމަ މައްސަލަ ހުށަހަޅުއްވަން. އެކަމަކު، އާދަމް ޝަރީފް އެ ކަމެއް ނުކުރެއްވި. އަދި ވިދާޅުވީ، ޕީޕީއެމް ނުވަތަ މަޖިލިހުގެ މައިނޯރިޓީ ލީޑަރު އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް) އާ އެ މައްސަލާގައި މަޝްވަރާ ކުރުމަށް ވަގުތުކޮޅެއް ދެއްވަން. އެހެންވެ، ޖަލްސާ މެދުކަނޑާނުލައި އެ މަޝްވަރާ އަށް ނަޝީދު މިހާރު ވަނީ ފުރުސަތު ދެއްވާފައި.

ރިޔާސަތުން އިރުކޮޅެއް ފަހުން ޖަލްސާ ފެށި ނަމަވެސް، އޭޖީ ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަނާޅުއްވައި މަޑުއްވަރި ދާއިރާގެ މެމްބަރު އާދަމް ޝަރީފް ޝަކުވާ ކުރެއްވީ، މަޖިލިހަށް ހާޒިރުވެވަޑައިގަތުމަށް އޭޖީ ކުއްލި ގޮތަކަށް ނިންމެވި ސަބަބު އޮޅުން ފިލުއްވުމަށް. އޭޖީ ކުރިން ނިންމެވީ މަޖިލިހަށް ވަޑައިނުގެން ލިޔުމުން ޖަވާބުދާރީވުމަށް. ނަމަވެސް ފަހުން ނިންމެވުން ބަދަލު ކުރެއްވީ.

ޗާގޯސް މައްސަލާގައި އެޓާނީ ޖެނެރަލް އިބްރާހިމް ރިއްފަތު މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދަން ހުރަސްއަޅައި، އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ މެމްބަރުން އިހުތިޖާޖު ކުރާތީ، އެ މައްސަލަ ނުފަށައި، މަޝްވަރާ ކުރަން ދެންމެ ޖަލްސާ މެދުކަނޑާލައިފި އެވެ.

އިތުބާރު ނެތް ކަމުގެ މައްސަލައަށް ޖަވާބުދާރީވެވަޑައިގަންނަވަން ރިފްއަތު މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެން އިންނެވިއިރު، ޖަލްސާ ފެށުމާ އެކު، ނައިފަރު ދާއިރާގެ ޕީޕީއެމްގެ ތިން ކަމަށްވާ ނައިފަރު ދާއިރާގެ އަހުމަދު ޝިޔާމާއި ފެލިދޫ ދާއިރާގެ އިބްރާހިމް ފަޒުލް ރަޝީދާއި ހުސެއިން މުހައްމަދު ލަތީފް ވަނީ ރިޔާސަތުގެ ކުރިމައްޗަށް އެއްވެ، އިހުތިޖާޖު ކުރަން ފެއްޓެވީ އެވެ.

ބަންޑާރަ ނައިބުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިހުގައި ފެށުމަށް ފުރުސަތު ދެއްވަން އެކި ފަހަރު މަތިން ރިޔާސަތުން މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގަތަސް އިދިކޮޅުން އެ ފުތުސަތެއް ނުދިނެވެ.

އެކަމަކު، ވަކި ހިސާބަކުން ނަޝީދު ނިންމެވީ މައްސަލަ ފެށޭ ގޮތް ނުވުމުން ޕާލަމެންޓްރީ ގުރޫޕްތަކުގެ ލީޑަރުންގެ މަޝްވަރާ އަށް ޖަލްސާ މެދުކަނޑާލާށެވެ.

އެޓާނީ ޖެނެރަލްގެ އިތުބާރު ނެތް ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ހުށަހެޅި މައްސަލާގައި ދިފާއުވުމަށް މިދިޔަ ބުދަ ދުވަހު އޭނާ ވަނީ މަޖިލީހަށް ވަޑައިނުގެން، ލިޔުމުން ޖަވާބު ފޮނުއްވައިފަ އެވެ.

ރިފްއަތު މަޖިލީހަށް ހާޒިރުވެވެވަޑައިގެން ޖަވާބުދާރީވެވަޑައިގަންނަވާ ގޮތަށް މަޖިލީހުގެ އާންމު ކޮމިޓީން ވަގުތު ކަނޑައަޅާފައި ވާތީ އާއި ގާނޫނުއަސާސީގައި "އަނގަބަހުންނާއި ލިޔުމުން" ދިފާއުވުމުގެ ހައްގު އެ ވަޒީރަކަށް ލިބިދީފައިވާ ކަމަށް ބުނާތީ، އެމްޑީޕީ ފިޔަވައި އެހެން ޕާޓީތަކުން ބުނަނީ އެޓާނީ ޖެނެރަލް މަޖިލީހަށް ހާޒިރުވާން ޖެހޭނެ ކަމަށެވެ.

އެ މައްސަލާގައި ހިޔާލު ތަފާތުވުމެއް އުޅޭ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދު އެ ދުވަހުގެ ޖަލްސާގައި ވިދާޅުވީ، ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައެއް އެދެން ޖެހޭ ކަމަށެވެ.

އެކަމަކު، އެކަމާ ގުޅިގެން އެޓާނީ ޖެނެރަލް ރައްޔިތުންގެ މަޖިލިހަށް ފަހުން ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، އޭނާ ލިޔުމުން ޖަވާބުދާރީވީ، ތަފުސީލީ ގޮތެއްގައި ރައްޔިތުންނަށް މައްސަލަ ސާފުކޮށްދިނުމުގެ ނިޔަތުގައި ކަމަށެވެ.

އެކަމަކު، ބުދަ ދުވަހުގެ ޖަލްސާ ނިމުނުއިރު ޖަވާބުދާރީވުމުގެ ފުރުސަތު ލިބިވަޑައިގެންފައި ނުވާތީ މަޖިލީހަށް ހާޒިރުވެ ދިފާއުގައި އަނގަބަހުން މަސައްކަތް ކުރުމަށް ލިބިދީފައިވާ ހައްގުގެ ބޭނުން ހިއްޕަވަން ނިންމާފައިވާ ކަމަށް އެޓާނީ ޖެނެރަލް ރިފްއަތު ވިދާޅުވި އެވެ.

ރާއްޖެ-މޮރިޝަސް އިން ވަކިކުރި މައްސަލާގައި "ކަނޑު ވިއްކާލި" ކަމަށް ތުހުމަތުކޮށް އިދިކޮޅު ފަރާތްތަކުން ރިފްއަތުގެ އިތުރުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެސް ވަނީ މަޖިލީހަށް ވައްދައިފަ އެވެ.