ބެލްޖިއަމް ލީގު ނިމުނީ އާދަޔާހިލާފު ގޮތަކަށް
ބެލްޖިއަމް ލީގު ނިމުނީ އާދަޔާހިލާފު ގޮތަކަށް

މެޗުގެ ފަހު ސިކުންތުގައި ގޯލު ޖަހައި އާދަޔާހިލާފު ގޮތަކަށް ބެލްޖިއަމްގެ ޗެމްޕިއަންކަން 66 އަހަރުގެ ތެރޭ ފުރަތަމަ ފަހަރަށް ރޯޔަލް އެންޓްވާޕް އިން ހޯދައިފި އެވެ.

ރޯޔަލް އެންޓްވާޕް އަށް ޗެމްޕިއަންކަން ކަށަވަރުވީ ބެލްޖިއަމް ލީގު އޭގެ ޗެމްޕިއަންޝިޕް ޕްލޭއޮފް މެޗުތަކަށް ފަހު އެންމެ ކުރި ހޯދައިގެންނެވެ.

އެންޓްވާޕް އަށް 40 މެޗުން 47 ޕޮއިންޓް ލިބުނުއިރު ދެ ވަނައިގައި ނިންމާލި ކޭއާރުސީ ގެންކް އާއި ތިން ވަނަ ލިބުނު ޔޫނިއަން ސެއިންޓް ގިލޮއިސް އަށް ލިބުނީ 46 ޕޮއިންޓެވެ.

ރަށުން ބޭރުގައި ގެންކާ ދެކޮޅަށް ކުޅެ ރޯޔަލް އެންޓްވާޕް 2-2 އިން އެއްވަރު ކުރިިއިރު އަނެއް މެޗުން ޔޫނިއަން ސެއިންޓް ވަނީ އަމިއްލަ ދަނޑުގައި ފަހު ވަގުތު ކްލަބް ބްރޫހާ އަތުން 3-1 އިން ބަލިވެފަ އެވެ.

އެއް ގަޑިއެއްގައި މެޗުތައް ކުޅުނުއިރު ޗެމްޕިއަންކަން ހޯދުމުގެ ފުރުސަތު ރޯޔަލް އެންޓްވާޕްގެ އިތުރުން ގެންކާއި ޔޫނިއަން އަށް އޮތެވެ. މެޗުގެ އިތުރު ވަގުތާ ހަމައަށް ދިޔައިރު ވެސް ރޯޔަލް އެންޓްވާޕް އޮތީ ލީގު ރޭހުން ބޭރުގަ އެވެ. އެއީ އެގަޑީގައި 2-1 އިން އެޓީމު ބަލިވެފައި އޮތުމާއި، އެ ވަގުތު ޔޫނިއަން ސެއިންޓް ލީޑުގައި އޮތުމުންނެވެ.

ލީގުގެ އޮއިވަރު ބަދަލުވީ ދެ މެޗުގެ ވެސް އިތުރު ވަގުތުގަ އެވެ. ނުވަދިހަ ހަތަރު ވަނަ މިނިޓުގައި ރޯޔަލް އެންޓްވާޕް މޮޅުކޮށްދިން ގޯލު ޖެހީ ޓޮޓެންހަމް ހޮޓްސްޕާސްގެ ކުރީގެ ޑިފެންޑަރު ޓޮބީ އަލްޑެވެއިރެލްޑް އެވެ. ހަމަ އެ ގަޑީގައި ޔޫނިއަން ސެއިންޓް ކޮޅަށް ކްލަބް ބްރޫހާ ފަހަތުން އަރައި ތިން ގޯލު ޖެހި އެވެ. ޔޫނިއަން ސެއިންޓް ބަލިވެ އެ ޓީމަށް ލީގު ގެއްލުނީ 89 ވަނަ މިނެޓާއި އިތުރު ވަގުތުގެ 10 މިނެޓުގައި ކްލަބް ބުރޫހާ އިން އިތުރު ދެ ގޯލު ޖެހުމުންނެވެ.

ޗެމްޕިއަންކަން 66 އަހަރަށް ފަހު ކަށަވަރުވުމުން ރޯޔަލް އެންޓްވާޕްގެ ޓީމާއި ސަޕޯޓަރުން ވަނީ ވަރަށް ބޮޑަށް އުފާފާޅުކޮށްފަ އެވެ.

"އަހަރެން މިހުރީ ބަސް ހުއްޓިފައި. އެންމެން ބެލީ އަހަރެމެންނަށް ނުވާނެ ކަމަށް. އެކަމަކު ފަހު ވަގުތާ ހަމައަށް އަހަރެމެން ވަރަށް ބުރަކޮށް މަސައްކަތް ކުރިން. އެންމެން ތިބީ މި ޓީމާ އިދިކޮޅަށް. އެކަމަކު އަހަރެމެން މި މޮޅުވީ" މޮޅުކޮށްދިން ގޯލު ފަހު ވަގުތު ޖަހައިދިން އަލްޑެވެއިރެލްޑް މެޗަށް ފަހު ބުންޏެވެ.

ގަތަރުގެ އަލް ދުހައިލް ދޫކޮށް އަލްޑެވެއިރެލްޑް ރޯޔަލް އެންޓްވާޕް އަށް ބަދަލުވީ މި ސީޒަނުގަ އެވެ. ތަޖުރިބާކާރު ޑިފެންޑަރު ވަނީ ބެލްޖިއަމްގެ ގައުމީ ޓީމަށް 127 މެޗު ކުޅެފަ އެވެ.