ހަލް އަތުން ބަލިވިޔަސް ޔުނައިޓެޑް ފައިނަލަށް
ހަލް އަތުން ބަލިވިޔަސް ޔުނައިޓެޑް ފައިނަލަށް

ހަލް، އިނގިރޭސި ވިލާތް (ޖެނުއަރީ 27) – އިނގިރޭސި ލީގު ކަޕުގެ ސެމީ ފައިނަލުގެ ދެ ވަނަ ލެގުން ރޭ ހަލް ސިޓީ އަތުން 2-1 އިން ބަލިވި ނަމަވެސް ދެ ލެގުގެ އެގްރިގޭޓުން 3-2 އިން ކުރި ހޯދައި މުބާރާތުގެ ފައިނަލުން މެންޗެސްޓާ ޔުނައިޓެޑް ޖާގަ ހޯދައިފި އެވެ.

އަންނަ މަހުގެ 26 ވަނަ ދުވަހު ވެމްބްލީ ސްޓޭޑިއަމުގައި ކުޅޭ ފައިނަލުގައި ޔުނައިޓެޑް ވާދަކުރާނީ ސައުތުހެމްޓަނާ އެވެ. އެ ޓީމު ފައިނަލުން ޖާގަ ހޯދީ ޔުނައިޓެޑުގެ ވާދަވެރިޔާ ލިވަޕޫލުގެ މައްޗަށް ކުރި ހޯދުމަށް ފަހު އެވެ.

އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ ލެގު ޔުނައިޓެޑް ކާމިޔާބުކޮށްފައިވަނީ 2-0 އިންނެވެ. އެކަމަކު ރޭގެ މެޗުގެ 35 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ހަލްގެ ޓޮމް ހަޑްލްްސްޓަން ޖެހި ލަނޑާ އެކު ޔުނައިޓެޑް ހާސްކޮށްލި އެވެ. އެ ޓީމަށް ހަމަޖެހުމެއް ގެނެސްދިނީ 66 ވަނަ މިނެޓުގައި ޕައުލް ޕޮގްބާ އެވެ. ހަލްގެ އޮމާރް ނިއާސޭ 85 ވަނަ މިނެޓުގައި ގޯލް ޖަހައި އަނެއްކާ ވެސް ތަފާތުކުޑަކުރި އެވެ. އިތުރު ލަނޑެއް ހަލް އިން ޖެހި ނަމަ އެގްރިގޭޓުން އެއްވަރުވެ އަވޭ ގޯލުން އެ ޓީމަށް ކުރި ލިބުހީނެވެ. އެކަމަކު ޔުނައިޓެޑް ވަނީ ހަނި ގޮތަކަށް ސަލާމަތްވެފަ އެވެ.

ރޭގެ މެޗުން ބަލިވުމާ އެކު ޔުނައިޓެޑުގެ މޮޅުވުމުގެ ސިލްސިލާއަށް 17 މެޗާ އެކު ނިމުމެއް ވަނީ އައިސްފަ އެވެ. ޔުނައިޓެޑުގެ ކޯޗު ހޯސޭ މޮރީނިއޯ އޭނާގެ އުފަންދުވަހު އިތުރު ހަރުފަތެއް ގިރާކުރިއިރު މި ފަހަރު ތަށި ހޯދައިފި ނަމަ ޔުނައިޓެޑުގެ ކުރީގެ ކޯޗު އެލެކްސް ފާގަސަންއާ އެއް ވަރަކަށް، ހަތަރު ފަހަރު ލީގު ކަޕުގެ ތަށި ހޯދޭނެ އެވެ. މޮރީނިއޯ މީގެ ކުރިން ތިން ފަހަރު ތަށި ހޯދީ ޗެލްސީއާ އެކު އެވެ.