04 ޖޫން 2023 - 15:59

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހިތާނީ ކޭމްޕުގައި ނަން ނޯޓުކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ނަން ނޯޓުކުރުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށެވެ. ޓްރީ ޓޮޕުން ބުނި ގޮތުގައި މި ހިތާނީ ކޭމްޕު ކުރިއަށް ދާނީ މި މަހުގެ 15 އިން އޮގަސްޓު މަހުގެ ތިން ވަނަ ދުވަހަށެވެ.
މި ކޭމްޕަކީ ހިތާނުކުރުމަށް ބޭނުންވާ ފުރަތަމަ ކޮންސަލްޓޭޝަން އިން ފެށިގެން ފޮލޯ-އަޕާ ހަމައަށް އެންމެ ފުރިހަމަ އަދި ފަސޭހަކަމާ އެކު ހިދުމަތްތައް ފޯރުކޮށްދިނުމަށް ކުރިއަށް ގެންދާ ކޭމްޕެއް ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
ޓްރީ ޓޮޕްގެ ހިތާނީ ކޭމްޕުގައި ހަތް ޑޮކްޓަރުންގެ ޓީމެއް ހަރަކާތްތެރިވާނެ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ. އޭގެ ތެރޭގައި ހިމެނެނީ އޮޕަރޭޝަނަށް ހާއްސަ ޑޮކްޓަރުންކަމަށްވާ ޑރ. ހުސެއިން ހަދިޔެވް އާއި ޑރ. އުކަތަމް އަބްދުއްލާޔެވްގެ އާއި ޑރ. އަބްދުﷲ އުބައިދު އާއި ޑރ. އިބްރާހިމް މޫމިން އާއި ޑރ. މައުމޫން އާސިމް އާއި ޑރ. މުހައްމަދު ޝަރީފް އެވެ. އަދި ކުޑަކަމުދާ ނިޒާމުގެ ހާއްސަ ޑޮކްޓަރު، ޑރ. މެހްމެތު އޮޑާ އެވެ.
މި ކޭމްޕުގެ އަގަކީ 5،000ރ. އެވެ. ޓްރީ ޓޮޕުން ބުނި ގޮތުގައި ރޫމް އަޕްގުރޭޑުކުރަން ބޭނުންވާ ފަރާތްތަކުން ރޫމަށް ޖެހޭނީ ވަކިން ފައިސާ ދައްކާށެވެ. އަދި އަޕްގުރޭޑުކުރަން ބޭނުންވާ ރޫމްތަކަށް ވެސް ހާއްސަ އަގުތަކެއް ލިބޭނެ ކަމަށް ވެސް ބުންޏެވެ.
ހިތާނީ މޫސުމާ ދިމާކޮށް ޓްރީ ޓޮޕުން ކޮންމެ އަހަރަކު ވެސް ހިތާނީ ކޭމްޕު ދަނީ ބާއްވަމުންނެވެ.