މެޕްސް ކޮލެޖުގެ ދަސްވެނިވުން ބާއްވައިފި
މެޕްސް ކޮލެޖުގެ ދަސްވެނިވުން ބާއްވައިފި

މެޕްސް ކޮލެޖްގެ 2023 ވަނަ އަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވައިފި އެވެ.

މެޕްސް ކޮލެޖުގެ ދަސްވެނިވުން ބާއްވައިފި
މެޕްސް ކޮލެޖުގެ ދަސްވެނިވުން ބާއްވައިފި

ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގައި ބޭއްވި މި ރަސްމިއްޔާތުގައި ވިޔަފާރިއާ ގުޅޭ ހަތް ދާއިރާއަކުން ސެޓްފިކެޓް ލެވެލްއިން ފެށިގެން ބެޗެލާސް ޑިގްރީއާ ހަމައަށް ކޯސްތައް ނިންމި ދަރިވަރުންނަށް ވަނީ ސެޓްފިކެޓް ހަވާލުކޮށްފަ އެވެ.

އެ ކޮލެޖުން ހިންގާ 40 ކޯހެއްގެ ދަރިވަރުންނަށް މި ރަސްމިއްޔާތުގައި ސެޓްފިކެޓު ދީފައިވެ އެވެ. އޭގެ ތެރޭގައި އިނގިރޭސި ވިލާތުގެ އެސޯސިއޭޝަން އޮފް ބިޒްނަސް އެގްޒެކެޓިވް (އޭބީއީ) އަދި އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ބެޑްފޮޑްޝަޔާގެ ބެޗެލާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ނިންމި ދަރިވަރުން ހިމެނެ އެވެ. އަދި މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން އާއި މާސްޓާސް އޮފް ބިޒްނަސް (ފައިނޭންސް) އަދި މާސްޓާސް އޮފް ބިޒްނަސް (ހޮސްޕިޓަލް އެންޑް ހެލްތު ސާވިސަސް މެނޭޖްމަންޓް) ކޯސްތައް ފުރިހަމަކޮށްފައިވާ ދަރިވަރުން ވެސް ހިމެނެ އެވެ.

މެޕްސް ކޮލެޖުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި އެ ކޮލެޖުގެ ޑެޕިއުޓީ ރެކްޓާ ފާތިމަތު ރަޝީދު ވިދާޅުވި ގޮތުގައި، މެޕްސް ކޮލެޖުގެ އަމާޒަކީ، ފެންވަރު ރަނގަޅު ތައުލީމީ ހިދުމަތެއް މުޖުތަމައަށް ފޯރުކޮށްދިނުމެވެ. އަދި އެ ކޮލެޖުން ތައުލީމު ހާސިލްކުރާ ދަރިވަރުންނަކީ އިލްމީ، ގާބިލު އަދި އަހުލާގު ރަނގަޅު، މުޖުތަމައަށް ހިދުމަތް ކޮށްދޭނެ ދަރިވަރުންތަކަކަށް ހެދުމަށް އެ ކޮލެޖުން މަސައްކަތްކުރާ ކަމަށް ވެސް ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި މެޕްސް ކޮލެޖުގެ ޑެޕިއުޓީ ރެކްޓާ ވަނީ އަލަށް ކޯސްތަކެއް ފަށަން ހަމަޖެހިފައިވާކަން ވެސް އިއުލާނު ކުރައްވައިފަ އެވެ.

"މިހާރު މި މަސައްކަތް ކުރަނީ މެޕްސްގެ އާ ތިން މާސްޓާސް ކޯހެއް ތައާރަފުކުރަން. އަދި މިހާރު މި މަސައްކަތް ކުރަނީ "ބްލެންޑެޑް މޮޑަލިޓީ" އަށް ކިޔަވައިދިނުން ތައާރަފް ކުރުމަށް. އޭރުން އޮންލައިންކޮށް ކިޔަވާ ދަރިވަރުންނަށް ވެސް ކޮލެޖަށް ހާޒިރުވެ ކިޔަވާ ދަރިވަރުންނާ އެކު އެއް ކްލާހެއްގައި ތިބެގެން ކިޔެވުމުގެ ފުރުސަތު ލިބޭނެ،" އޭނާ ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި މިނިސްޓާ އޮފް ހަޔާ އެޑިއުކޭޝަން ޑރ.އިބްރާހިމް ހަސަން ވަނީ ގައުމުގެ ކުރިމަގަށް ބޭނުންވާ އިލްމީ، ގާބިލު ފަރާތްތަކެއް ބިނާކުރުމުގައި މެޕްސް ކޮލެޖުން ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށްފަ އެވެ. އަދި މުޖުތަމައަށް ފައިދާކުރަނިވި ބަޔަކަށް ވުމަށް ދަރިވަރުންނަށް ވަނީ ގޮވާލައްވާފަ އެވެ.

އެކި ކޯސްތަކުން މަތީ ވަނަތައް ހާސިލްކުރި ދަރިވަރުންނަށް އެ ރަސްމިއްޔާތުގައި ވަނީ އިނާމު ދީފަ އެވެ. އަދި އެ ކޮލެޖަށް އެކި ގޮތްގޮތުން ހިދުމަތްކޮށްފައިވާ ހިދުމަތްތެރިންނަށް ވެސް ވަނީ އެވޯޑު ދީފަ އެވެ.

މެޕްސް ކޮލެޖުން ދަސްވެނިވި ދަރިވަރުންގެ މެދުގައި ގުޅުން ބަދަހިކުރުމުގެ ގޮތުން އެ ކޮލެޖުން ވަނީ އެލުމްނައި" ޖައްމިއްޔާއެއް އެކުލަވާލާފަ އެވެ.

މެޕްސް ކޮލެޖަކީ 1999 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި މަތީ ތައުލީމުގެ ކޯސްތައް ހިންގަމުންދާ ކޮލެޖެކެވެ. އެ ކޮލެޖުގެ ކޯސްތަކަކީ އެމްކިއުއޭއިން ބަލައިގަންނަ ކޯސްތަކެކެވެ.