04 ޖޫން 2023 - 11:33

ޗެކް ރިޕަބްލިކުގެ ޕްރާގުގައި މި މަހުގެ 1-4 އަށް ބޭއްވާ ޔޮނެކްސް ޗެކް ޔޫތު އިންޓަނޭޝަނަލް 2023 ބެޑްމިންޓަން މުބާރާތުގައި ވާދަކުރި ލައިބާ އަހުމަދު މަހުލޫފް (އެލީ) އަށް މެޑަލް އަކާ ހަމައަށް ނުދެވުނަސް، ސިންގަލްސް ބައިން ކުރިއެރުން ހޯދައިފި އެވެ.
ލައިބާ މިވަނީ މިއަހަރުގެ ބެޑްމިންޓަން ޔޫރަޕްގެ ކަލަންޑަރުގައި ހިމެނޭ ތިން މުބާރާތެއްގައި މިހާތަނަށް ވާދަކޮށްފަ އެވެ. އޭޕްރީލް މަހުގެ ފަހުކޮޅު އިޓަލީގައި އޮތް މުބާރާތާއި މިދިޔަ މަހު ކްރޮއޭޝިއާގައި އޮތް މުބާރާތުން ޑަބަލްސް އާއި މިކްސްޑް ޑަބަލްސް އިން މެޑަލް ހޯދި އެވެ. ނަމަވެސް ދެ މުބާރާތުގައި ވެސް ސިންގަލްސް މެޗެއް ކާމިޔާބު ކުރެވިފައެއް ނުވެ އެވެ.
އެކަމަކު ޗެކް ރިޕަބްލިކްގެ މުބާރާތުގައި 11 އަހަރުން ދަށުގެ އުމުރުފުރާގެ އަންހެން ސިންގަލްސް އިވެންޓުގެ ކުއާޓާ ފައިނަލަށް ލައިބާ ދަތުރު ކުރީ ގުރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗު ވެސް ކާމިޔާބު ކޮށްގެންނެވެ.
ޗެކް ރިޕަބްލިކްގެ އީވާ ވިއޭޒްގޮނޯވާއާ ވާދަކޮށް ފުރަތަމަ ސެޓުން 19-21 އިން ބަލިވި ނަމަވެސް ލައިބާ ވަނީ 23-21، 21-12 އިން ފަހު ދެ ސެޓް ކާމިޔާބު ކޮށްފަ އެވެ. ދެވަނަ މެޗުގައި ޗެކް ރިޕަބްލިކްގެ ލައުރާ އަންޑްރީސޯވާ ބަލިކުރީ 21-15، 15-21، 21-17 އިންނެވެ. ނަމަވެސް ކުއާޓާ ފައިނަލްގައި ޕޮލެންޑްގެ އޮލީވިއާ ޝެޒާސްކާ އަތުން ބަލިވީ 21-6، 21-3 އިންނެވެ.
މިކްސްޑް ޑަބަލްސް އިވެންޓުގައި ޖަރުމަންގެ ހަންސް ކްލިމަން އާއެކު ކުޅެ 21-9، 21-16 އިން ޗެކް ރިޕަބްލިކްގެ ނިކޯލާ ހޮންކް އާއި ޓެރޭޒާ ޓޮމަސްކޯވާ ބަލިކޮށް ކުއާޓާ އަށް ދިޔަ ނަމަވެސް، ޕޮލެންޑްގެ އޮލީވިއާ ޝެޒާސްކާ އާއި އިޒްރޭލުގެ ޕެލޭގް އަޝްކެނާޒީ އަތުން ބަލިވީ 19-21، 21-23 އިންނެވެ.
އަންހެން ޑަބަލްސް އިވެންޓުގައި ޗެކް ރިޕަބްލިކްގެ ގަބްރިއޭލާ ބެގޭނީއާ އެކު ކުޅެ ގުރޫޕް ސްޓޭޖް ނިންމާލި ތިންވަނައިގަ އެވެ. ފުރަތަމަ މެޗުގައި ޗެކުގެ އެލިސްކާ ހޮރޯވާ އާއި އީވާ ވިއޭޒްގޮނޯވާއާ ދެކޮޅަށް ކުޅެ 21-12 އަދި 23-21 އިން މެޗު ކާމިޔާބު ކުރި ނަމަވެސް ދެން ކުޅުނު ދެ މެޗުން ވެސް ވަނީ ބަލިވެފަ އެވެ.