04 ޖޫން 2023 - 09:28

ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް) ކޮންޓިނެންޓަލް ސާކިޓްގައި ހިމެނޭ ލި-ނިންގް މޯލްޑިވްސް އިންޓަނޭޝަނަލް ޗެލެންޖް 2023 ބެޑްމިންޓަން މުބާރާތް، 300 އަށް ވުރެ ގިނަ ކުޅުންތެރިންނާ އެކު މާދަމާ ފަށަން ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަނުން ތައްޔާރު ވެއްޖެ އެވެ.
މާލޭގައި މި މަހުގެ 5-10 އަށް ބާއްވާ މުބާރާތުގައި ދުނިޔޭގެ މަތީފަންތީގެ ކުޅުންތެރިން ވާދަ ކުރާއިރު، 33 ގައުމަކުން 303 ކުޅުންތެރިން މި އަހަރުގެ މުބާރާތުގައި ބައިވެރިވެފައިވާ ކަމަށް ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަނުން ބުނެ އެވެ. އޭގެ ތެރޭގައި ރާއްޖޭގެ 30 ކުޅުންތެރިން ވެސް ހިމެނެ އެވެ.
މި މުބާރާތާ އެކު މި އަހަރު ތިން މުބާރާތެއް ބާއްވަން ބެޑްމިންޓަން އެސޯސިއޭޝަނުން މަސައްކަތް ކުރި އެވެ. ނަމަވެސް އަހަރުގެ ކުރީކޮޅު ބާއްވަން އުޅުނު މޯލްޑިވްސް އިންވިޓޭޝަނަލް ޗެލެންޖު ބޭއްވޭ ގޮތެއް ނުވި އެވެ. މޯލްޑިވްސް އިންޓަނޭޝަނަލް ޗެލެންޖަށް ފަހު މޯލްޑިވްސް އިންޓަނޭޝަނަލް ސީރީޒްގެ ނަމުގައި މުބާރާތެއް ބާއްވަން އެސޯސިއޭޝަނުން ވަނީ ތާވަލް ކޮށްފަ އެވެ.
ރާއްޖޭގައި އެންމެ ފުރަތަމަ ބައިނަލްއަގުވާމީ ބެޑްމިންޓަން މުބާރާތެއް ބޭއްވީ 2011 ވަނަ އަހަރެވެ. އެ މުބާރާތް ހުއްޓުމަކަށް އައީ 2014 ވަނަ އަހަރު ކުޅިވަރު އެކުވެނި އިމާރާތަށް ލިބުނު ގެއްލުމަކާ ގުޅިގެންނެވެ. ނަމަވެސް ފަސް އަހަރުގެ މެދުކެނޑުމަކަށް ފަހު 2019 ވަނަ އަހަރު ވަނީ އިންޓަނޭޝަނަލް ބެޑްމިންޓަން ޗެލެންޖާއި މޯލްޑިވްސް އިންޓަނޭޝަނަލް ފިއުޗާ ސީރީޒްގެ ނަމުގައި މުބާރާތް ބާއްވައިފަ އެވެ.
ދެހާސް ނަވާރަ ވަނަ އަހަރުގެ މުބާރާތްތަކަށް ފަހު ކޮވިޑް-19 އާ ގުޅިގެން މުބާރާތެއް ނުބޭއްވި ދެ އަހަރުދުވަހުގެ މެދުކެނޑުމަކަށް ފަހު އަލުން މޯލްޑިވްސް އިންޓަނޭޝަނަލްް ޗެލެންޖު ފެށީ މިދިޔަ އަހަރެވެ. މިދިޔަ އަހަރުގެ މުބާރާތުގައި 25 ގައުމަކުން 220 ކުޅުންތެރިން ވާދަ ކޮށްފައި ވެއެވެ.
ބެޑްމިންޓަން އެސޯސިއޭޝަނުން އަންނަނީ މިއަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އާއި އޭޝިއަން ގޭމްސް އަށް ވެސް ގައުމީ ބެޑްމިންޓަން ޓީމު ތައްޔާރު ކުރަމުންނެވެ.