04 ޖޫން 2023 - 05:59

ބުދަ ދުވަހާ ގުޅޭ
ބަދަލުހިފުމުގެ ސިންގާ ހޭރިގެންފައި އޭގެ ވަކިތަކުން ސީމާގެ ހިތް ނޮޅައިލި ކޮށައިލި ކަހަލައެވެ. އިތުރަށް އެންމެ ސިކުންތަކު ވެސް އެ ގޭގައި މަޑުކުރާކަށް ސީމާ ބޭނުމެއް ނޫނެވެ. މަގުމަތީގައި ނިދަންޖެހުނަސް ވެސް ހެވެވެ. އެހެނަސް، ނުކުތުމުގެ ކުރިން އެއް ކަންތައްކުރަން ސީމާ ބޭނުމެވެ. އެ ކަން ނުކޮށް ގެއިން ނުކުމެއްޖެއްޔާ އެ ފުރުސަތު ގެއްލޭނެއެވެ.
ހެނދުނު ފައިސަލަށް ހޭލެވުނީ ދޮރުގައި ޓަކިޖަހާ އަޑަށެވެ. ގަޑި ބަލައިލި އިރު ހަތެއްޖަހަނީއެވެ. ފައިސަލް ދޮރު ހުޅުވައިލި އިރު ދޮރުމަތީގައި ހުރީ ޒިޔާންއެވެ. ނިދާހެދުމުގައެވެ.
"ދަރިފުޅު މިއަދު ސްކޫލަކަށް ނުދަންތަ؟" ފައިސަލް އެހިއެވެ. "ސީމާ ކޮބާ؟"
"ނޭނގެ!" ޒިޔާން ބުންޏެވެ.
ފައިސަލް ބެލި އިރު ސީމާއެއް ނެތެވެ. އޭނަގެ އެއްވެސް ހެދުމެއް ވެސް ނެތެވެ. އެކަމަކު ޒިޔާންގެ ސައިހުރީ ތައްޔާރުކޮށްފައެވެ. އެ ދުވަހު ޒިޔާން ތައްޔާރުކޮށް، ފޮތްތައް ހަމަތޯ ބަލައި، ސުކޫލަށް ގެންދިޔައީ ވެސް ފައިސަލެވެ. ދިޔަ މަގުމަތީގައި، ބައެއް ކަންކަން ޒިޔާނަށް އޮޅުންފިލުވައިދިނެވެ. ސީމާ ދެން ނާންނާނެކަމާއި، ޒިޔާން ގެއަށް އަންނަ އިރު އެހެން މީހަކު ހުންނާނެކަމެވެ.
"އޭނައަށް ދަރިފުޅު ހުރިހާ އެއްޗެއް ކިޔައިދީ އިނގޭ!" ފައިސަލް ބުންޏެވެ. "ވަރަށް ފްރެންޑްލީވާނެ. ހީކޮށްލާ އެއީ މަންމައެކޭ!"
"ދުވަހަކު ވެސް ދެން މަންމައެއް ނާންނާނެތަ؟" ޒިޔާން އެހިއެވެ. "ނެވަރ އެވަރ؟"
"އެ ކަމާ ވިސްނުމަށް ވުރެ ކިޔެވުމަށް ފޯކަސްކުރިއްޔާ މާ ރަނގަޅުވާނެ." ފައިސަލް ދިނީ ފިނި ޖަވާބެކެވެ.
ހެނދުނުހެނދުނާ ސީމާ ގެއިން ނުކުތެވެ. ދެ މަގުސަދެއްގައެވެ. އެއް ބޭނުމަކީ، ފައިސަލް ހޭލާ އިރު ސީމާ ގޭގައި ނުހުރުމެވެ. އަނެއް ބޭނުމަކީ، ސީމާއަކީ ވަންނާނެ ތަނެއް ނެތް މީހެއް ނޫންކަން ފައިސަލަށް އިހުސާސްކޮށްދިނުމަށެވެ. އެހެނަސް، ހަގީގަތަކީ އެޔެއް ނޫނެވެ. ސީމާ ވަންނާނެ ތަނެއް ނެތެވެ. ސީމާ ދިޔައީ ހުޅުލެއަށެވެ. އެ ތަނުގެ ކެފޭއެއްގައި، ކައިރީގައި ފޮށި ބަހައްޓައިގެން ވިސްނަން އިނީއެވެ. ދާނެ އެހެން ތަނެއް ހުރި ނަމަ، ދައްތަގެ ގެއަކަށް ސީމާ ނުދާނެއެވެ. އެ ގޭގައި އުޅެން ކިހައި އުނދަގޫވާނެކަމާއި، ކިހައި ވާހަކައެއް އަޑުއަހަން ޖެހޭނެކަން ވެސް ސީމާއަށް އެނގެއެވެ. އަނެއްކޮޅުން، ދައްތަގެ ފިރިމީހާ ހަނީފަކީ ހިމޭނުން ހުރެވޭ މީހެއް ނޫނެވެ. ހަނީފު ކޮންމެ ކަމެއް ކުރިޔަސް ދައްތައަކަށް ނުވެސް ފެންނާނެއެވެ. އެ ގޭގައި ހުންނަން ބޭނުމިއްޔާ ސީމާ ހުންނަންޖެހޭނީ ކޮންމެ ގޮތެއް ވަރިހަމަކޮށްލައިގެންނެވެ.
ދެބެންގެ މެދުގައި ޖެހުނު ކޫސަނި މައްސަލައެއް ހައްލުނުވެގެން ނޫމާ ހުރީ ބޯހާސްވެފައެވެ. ދެ ދަރީންކުރެ އެކަކު ވެސް ހުރީ ގޮތް ދޫކުރާ ގޮތަކަށް ނޫނެވެ. ކޮންމެ ކުއްޖަކު ވެސް އިނގިލި ދިއްކުރަނީ އަނެކަކަށެވެ. އަސްލު މައްސަލައަކީ، ކޮންމެ ކުއްޖަކަށް ވަކީން ކޮޓަރިއެއް ނެތުމެވެ. ދެބެއިންނަށް އެ ކޮޓަރި ކުޑަކަމެވެ. ދެ އެނދުގައި ތިބެގެން ދެބެއިން ވެސް ޒުވާބުދެނީ ސޯފާގައި އިން މަންމައަށެވެ. ކޮޓަރީގެ ދޮރުހުރީ ހުޅުވައިފައެވެ. އެ ވަގުތު ބޭރުދޮރުގެ ރަނގަބީލުޖެހި އަޑުއިވުނެވެ. އޭރު ނޫމާގެ ފިރިމީހާ ހަނީފު ނުކުންނަންވެގެން ދޮރު ހުޅުވަނީއެވެ. ހުޅުވި އިރު ދޮރުމަތީގައިހުރީ ސީމާއެވެ. ކައިރީގައި ފޮށި ހުއްޓެވެ. ހަނީފަށް ބެލުނީ ފޮށްޓަކަށް ނޫނެވެ. ސީމާގެ ފައިން ފެށިގެން ބޮލަށެވެ.
"ނޫމާ!" ހަނީފު ގޮވައިލިއެވެ.
ނޫމާ އައުމުން ވެސް ހަނީފު ހުރި ފިޔަވަޅުމަތީގައި ހުރީއެވެ. ދާކަށް ނޫޅުނެވެ.
"ކީއްކުރަން މި މަންޖެ މި އައީ؟" ހަނީފު އެހިއެވެ.
"ހަނީފު ދާތާކަށް ދޭބަލަ!" ނޫމާ އެދުނެވެ.
ދާންނުދާން ހުރެފައި ހަނީފު ދިޔައީ ސީމާގެ ގައިގައި ޖެހިގެންފައެވެ. އެއީ ހަނީފުގެ ވައްތަރެވެ. ސީމާ އެންމެ ހިތްހަމަނުޖެހޭ ސިފައެވެ. ނޫމާ ނުވެސް ބުނަނީސް، ފޮށި ހިފައިގެން ސީމާ އެތެރެއަށް ވަނެވެ. ނޫމާގެ މޫނުމައްޗަށް ވެރިވީ އިތުރު ފޫހިކަމެކެވެ. އެއްބަނޑު ދައްތައެއްކަމަކު އެ ދެމެދަކު މާ ބޮޑު ލޯތްބެއް ނެތެވެ. ސީމާ ހުރީ ވެވުނު އެންމެ ބޮޑަކަށް ދެރަވެގެންނެވެ. ދައްތަގެ ހަމުދަރުދީ ހޯދުމަށް ޓަކައެވެ. އެއީ ލިބޭނެ އެއްޗެއްކަމެއް ސީމާއަކަށް ޔަގީނެއް ނޫނެވެ.
"އަހަރެން އެ ގެއިން ނެރެލައިފި!" އިސްޖަހައިލައިގެން ސޯފާގައި އިށީންނަމުން ސީމާ ބުންޏެވެ.
"ހީވެއްޖޭ!" ރުޅިއައިސްފައި، މަޑުމަޑުން ނޫމާ ބުނެލިއެވެ. "ހިނގާބަލަ އެތެރެއަށް!"
ސީމާގެ އަތުގައި ހިފައިގެން ދައްތަ ވަނީ ދައްތަގެ ކޮޓަރިއަށެވެ. ކޯޅެންތިބި ދެބެއިންނަށް އެއްވެސް ވާހަކައެއް ނީއްވުމުގެ ބޭނުމުގައެވެ.
"އެއީ ކީއްވެ ގެއިން ނެރެލީ؟" ދައްތަ އެހިއެވެ. "ހަމަ ހުރެފައި ޓަސްލާފަ ގެއިން ނެރެވޭތަ؟"
ސީމާ ގޮސް އެނދުގައި އިށީނެވެ. އިސްޖަހައިލައިގެން އިން ގޮތުން، ވަރަށް ބޮޑު ހިތާމައެއް ސީމާއަށް ކުރިމަތިވެފައިވާ ކަހަލައެވެ.
"ނުކެރޭނެ ބުނާކަށް،" ބުނަންނުބުނަންއުޅޭ ގޮތް ދައްކައިލައިފައި ސީމާ ބުންޏެވެ. "ދައްތަ ރުޅިއަންނާނެ."
ދައްތައަށް ޝައްކުވިއެވެ. ގޯހެއްހިނގީކަމުގައި ހީކުރެވުނެވެ. އާމިރާ ފުރިކަމާއި، އޭގެ ނާޖާއިޒު ފައިދާ ފައިސަލް ނަގައިފާނެހެން ދައްތައަށް އޮތީ ހީވެފައެވެ. އެ ވާހަކަ ފޯނުން ދެކެވުނު ވެސް މެއެވެ. ސީމާ ކުޅެމުންދިޔަ ޑުރާމާގެ މަގުސަދު ދިޔައީ ހާސިލުވަމުންނެވެ.
"މަ އޭރު ވެސް ބުނީމެއްނު!" ދައްތަ ހަނދާންކޮށްދިނެވެ. "އޭނަ ކީއްކުރީ؟"
"އޭރުން ދައްތަ ޕޮލިހަށް ދާނެ." ޖެހިލުންވާކަމަށް ހެދިފައި ސީމާ ބުންޏެވެ.
"ނުބުންޏަސް ދާނަން،" ދައްތަ ބުންޏެވެ. "ބުނޭ! ހަމަ މިހާރު ބުނޭ!"
"އޭނަ އަތުގަ ކޮޓަރީގެ ޑަބަލް ކީ އޮންނާނެ،" ސީމާ ވާހަކަ ހަދަމުން ކިޔައިދޭން ފެށިއެވެ. "އަހަންނަށް ހޭލެވުނު އިރު އޭނަ ހުރީ އެނދު ކައިރީގަ.. ނުކެރޭނެ ކިޔައިދޭކަށް."
އެ ހިސާބަށް ބުނެފައި ސީމާ ރޯން ފެށިއެވެ. ވަގުތުން ދައްތަގެ ހިތް ހުޅުވައިލިއެވެ. ހިތުގެ ތެރެއަށް ކޮއްކޮ ވެއްދިއެވެ. ގާތުގައި އިށީނދެ ކޮއްކޮގެ ބޮލުގައި ފިރުމަން ފެށިއެވެ.
"އަޅެ ދައްތަ ޕޮލިހަށް ނުގުޅައްޗޭ!" އާދޭހުގެ ރާގެއްގައި ސީމާ އެދުނެވެ. "ނޫސްތަކުގެ އަހަރެންގެ ނަން ޖަހާނެ. ފެންނަ ކޮންމެ މީހަކު ހުންނާނީ އަހަންނަށް ބަލަހައްޓައިގެން. އަހަރެން ހާދަ ރުއީމޭ! ތިހެން ނަހަދާށޭ ކިޔާފަ އާދޭސް ވެސް ކުރިން. އެކަމަކު އޭނަ.."
"ދެން ހުއްޓާލާ!" ނޫމާ ބުންޏެވެ. "އެ މީހުންނަކަށް ކަމެއް ނުވާނެ. އެއީ މޮޅެތި މީހުން. ތެދެއް ތި ބުނީ. އަހަރުމެން ބަދުނާމުވާނީ. އެކަމަކު ދެވަނަ ފަހަރު އެ ކަހަލަ ކަމެއް ނުކުރެވޭ ވަރު ކޮށްލަންޖެހޭނެ. މަ ގުޅާނަން އޭނައަށް."
"އޭނަ ނުވާނެ އެއްބަހެއް. ދެނަހުރިކަމަށް ވެސް ނަހަދާނެ،" އެ މަގު ބަންދުކޮށްލުމުގެ ގޮތުން ސީމާ ބުންޏެވެ. "ބުނާނެ އަހަރެން ދޮގުހެދިއްޔޭ! މިހާރު ވެސް ގުޅާބަލަ!"
ފައިސަލް އިނީ އޮފީހުގެ ޖަލްސާކޮޓަރީގައެވެ. ބައްދަލުވުން އޭރު އަދި ނުފެށެއެވެ. ތަނުގައި ތިބީ ސިރާޖާއި ފައިސަލް އެކަންޏެވެ. ސީމާ ދެއްކި ވާހަކަ، އިއަފޯނު މެދުވެރިކޮށް ސިރާޖަށް އިއްވިއެވެ.
"ހީ ވެސް ނުވޭ ސީމާ ތި ކަހަލަ ކަމެއް ކުރާނެހެނެއް،" އިއަފޯނު ކަންފަތުން ނަގަމުން ސިރާޖު ބުންޏެވެ. "ރިކޯޑިން ނީއްވި ނަމަ އަހަރެން ގަބޫލު ވެސް ނުކުރީމުސް."
"ކުރިން ނުދައްކާ އެއްޗެއް ދައްކަންތަ؟" ފައިސަލް އެހިއެވެ. "މި ހުންނަނީ ދައްކަން ބޭނުންނުވާ ވާހަކަ."
ފައިސަލް ފޯނުން އެއްޗެއް ހޯދަންފެށިއެވެ. ސިރާޖު އޭރު ވެސް އިނީ، އިވުނު އެއްޗަކުން ބަސްހުސްވެފައެވެ. ގަބޫލުކުރަން ދަތިވެފައެވެ. ސިރާޖު ދަންނަ ސީމާއަކީ އެ ކަހަލަ ކުއްޖެއް ނޫނެވެ. ހޯދި އެތި ފެނުމުން ފައިސަލް ފޯނު ދައްކައިލިއެވެ. އެއިން ފެންނަނީ ވީޑިއޯއެކެވެ. ފައިސަލްގެ ކޮޓަރިން ސީމާ އެއްޗެއް ނަގައިފައި، ޖިންސުގެ ޖީބަކަށްލާ ތަނެވެ.
"ސީމާގެ އެތެރޭގަ ސިންގާތަކެއް ނިދާފައޮންނަކަން މި އެނގެނީ. ދޭތެރެއަކުން ކޮންމެވެސް އެއްޗެއް މި ހޭލަނީ،" ފައިސަލް ބުންޏެވެ. "މީ އާމިރާ އުޅުނު އިރުގެ ކަމެއް. ވަރަށް ކުރި. އާމިރާ ވަގަށް ރިކޯޑުކުރީ ވެސް. އެކަމަކު، މީގެ ފަހުން މި ކަހަލަ އެއްވެސް ކަމެއް ސީމާ ނުކުރޭ!"
"އަހަރެން ހަމަ އެންޓާރިސް ވެއްޖެ!" ސަމާސައިގެ ރާގެއްގައި ސިރާޖު ބުންޏެވެ. "ނުމޮށޭ ގުރާ ބާރަށް ގޮވާނޭ ކިޔައެއްނު! ހަމަ އެހެން މިވީ."
ސިރާޖަށް ބުނެވުނީ ނުބައިކޮށެވެ. އެކަކަށް ވެސް އެ ކަމެއް ފާހަގައެއް ނުވިއެވެ. ދެކެވުނު ވާހަކައިގެ އޮލަކަމުންނެވެ.
"އޭނަ ބުންޏެއްނު ގެއިން ނެރެލައިފިއްޔާ ލާހިކެއް ނޫނޭ އެކަކަށް ވެސް ގޭގަ އުޅޭކަށް. އެ ބުނީ ކީކޭ؟" ފައިސަލް އެހިއެވެ. "އަހަންނަށް މި ހީވާހެންތަ ކަލެއަށް ވެސް ހީވަނީ؟"
ފައިސަލަށް ހީވީ އޭގެ މާނައަކީ ފަންޑިތަހެދުންހެންނެވެ. ސިރާޖަށް ވެސް ހީވީ ހަމަ އެހެންނެވެ. ފައިސަލަށް ވުރެ ރަނގަޅަށް ސީމާ އެނގެނީ ސިރާޖަށެވެ. އާމިރާ އުޅުނު ދުވަސްވަރު ފައިސަލަކީ، ގޭގެ ކަންކަން އެހައި ގާތުން ބެލި މީހެއް ނޫނެވެ. ވަކީން ހާއްސަކޮށް ސީމާއަކީ ފައިސަލްގެ ދުރުމިއަށް އެރި ކުއްޖެއް ނޫނެވެ.
"ކަލެއަކަށް ނޭނގޭތަ އެއީ ސިހުރަށް ކިހާ މަޝްހޫރު އަތޮޅެއްގެ މަންޖެއެއްކަމެއް؟" ކުޑަކޮށް ހައިރާންވެފައި ސިރާޖު ބުންޏެވެ. "އޭނަގެ ހުންނާނެ ދައްތައެއް. ނޫމާކަން ނޭނގެ ކިޔާނީ. ރަނގަޅަށް ވެއްޖެއްޔާ އެ ގޭގަ ސީމާ މިހާރު ހުންނާނީ ވެސް. އެއީ ސިހުރުހަދާ މީހެއް. އަހަރެން ވެސް ކިޔާ އަޑުއަހަނީ. ކުރިން އެ މީހުން ކައިރީގައޭ ސީމާ އުޅުނީ."
އެ ވަގުތު ފައިސަލްގެ ފޯނު ރަނގަބީލުވާން ފެށިއެވެ. ފޯނަށް އަރައިފައިއޮތީ ފައިސަލް ދަންނަ ނަންބަރެއް ނޫނެވެ. ފައިސަލް ފޯނުނަގައިފައި ކަންފަތުގައި ޖައްސައިލިއެވެ. އެއްޗެއް ނުބުނެވިގެން އުޅެނިކޮށް އަނެއްކޮޅުން ވާހަކަދައްކަން ފެށިއެވެ.
"މީ ސީމާގެ ދައްތަ،" ހިތްހަމަނުޖެހިފައިވާ އަޑަކުން ނޫމާ ބުންޏެވެ. "އެއީ ކީއްވެ އޭނަ ގެއިން ބޭރަށްލީ؟"
ފައިސަލް ކުޑަކޮށް ޖެހިލުންވިއެވެ. އެހެނަސް، ބޭރުފުށުން އެ ކަމެއް ނާންގައެވެ. ސީމާ ގެއިން ބޭރަށްލީ އޭނައަށް އުޅެވުނު ގޮތަކުންނޭ ބުނާކަށް ފައިސަލް ޖެހިލުމެއް ނުވެއެވެ. ނުބުނީ ސީމާ ބަދުނާމުކުރަން ބޭނުން ނުވާތީއެވެ. ހެޔޮ ނިޔަތެއްގައެވެ.
"ބޭނުމެއް ނޫން އެ ވާހަކަދައްކާކަށް." ފައިސަލް ޖަވާބުދިނެވެ.
ނޫމާއަށް ނެގުނީ އެހެން މާނައެކެވެ. ފައިސަލަށް ކުރެވުނު ކަންތައް ހުތުރުކަމުން ފައިސަލް އެ ވާހަކަދައްކަން ބޭނުންނުވީއެވެ. ސީމާ ބުނީ ތެދެއްކަން ސާބިތުވީއެވެ.
"ހަނދާންކުރާތި! ތި ކުޅެވުނީ ނުބައި މީހަކާ!" ނޫމާ އިންޒާރުދީފައި ފޯނުކަނޑައިލިއެވެ.
ނުނިމޭ