ސްވިޒަލެންޑުގައި ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރަނީ
ސްވިޒަލެންޑުގައި ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރަނީ

ސްވިޒަލެންޑުގައި މި އަހަރު ބާއްވާ އެންމެ ބޮޑު ޓޫރިޒަމް ފެއާގައި ރާއްޖޭން ބައިވެރިވެއްޖެ އެވެ.

ސްވިޒަލެންޑުގައި ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރަނީ
ސްވިޒަލެންޑުގައި ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރަނީ

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން މިރޭ ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި "ފެސްޕޯ 2017" ފެއާގައި އެ ކޯޕަރޭޝަނާ އެކު، ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގައި ހަރަކާތްތެރިވާ ހަ ކުންފުންޏެއް ބައިވެރިވެ އެވެ. މިއަދުން ފެށިގެން އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް އޮންނަ މި ފެއާގައި ބައިވެރިވާ ދިވެހި ވަފުދުގައި އިސްކޮށް ހުންނެވީ، އެމްއެމްޕީއާރުސީން ބުނި ގޮތުގައި، އެ ކޯޕަރޭޝަންގެ ވަގުތީ މެނޭޖިން ޑިރެކްޓަރު ހާރިސް މުހައްމަދެވެ.

ސްވިޒަލެންޑުގައި ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރަނީ
ސްވިޒަލެންޑުގައި ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރަނީ

ސްވިޒަލެންޑުގެ އެންމެ ބޮޑު ސިޓީ ކަމަށްވާ ޒިއުރިކްގައި މީގެ 27 އަހަރު ކުރިން ބާއްވަން ފެށި ފެއާގައި މި އަހަރު 650 ފަރާތަކުން ބައިވެރި ވާއިރު، ގާތްގަނޑަކަށް 650،000 މީހުން ޒިޔާރަތް ކުރާނެ ކަމަށް ބެލެވެ އެވެ. އޭގެ ތެރޭގައި ސްވިޒަލެންޑު މީހުންގެ އިތުރުން، ޖަރުމަނު ބަހުން ވާހަކަދައްކާ އެހެން ބައެއް ގައުމުތަކުގެ މީހުން ވެސް ހިމެނެ އެވެ.

ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ 10 ގައުމުގެ ތެރޭގައި ސްވިޒަލެންޑް ހިމެނެ އެވެ. އެ ގައުމުން މިދިޔަ އަހަރު 31،678 ޓޫރިސްޓުން ރާއްޖެ އައިސްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ. އެއީ ރާއްޖޭގެ ޓޫރިޒަމްގައި 2.5 ޕަސެންޓުގެ ހިއްސާ އެކެވެ.

ޓޫރިޒަމް އިޝްތިހާރު ކުރާ ސަރުކާރުގެ ކުންފުނި ކަމަށްވާ އެމްއެމްޕީއާރުސީން އަންނަނީ ޑައިވިން އަދި ވޯޓާސްޕޯޓްސް އަށް ހާއްސަކޮށް ދުނިޔޭގައި ބާއްވާ އެންމެ ބޮޑު އެއް ޓޫރިޒަމް ފެއާގައި ވެސް މި ދުވަސްވަރު ބައިވެރިވަމުންނެވެ. ޖަރުމަނުގެ ޑަސްލްޑޯފްގައި އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާ "ބޫޓް" ފެއާގައި ރާއްޖޭގެ ޓޫރިޒަމްގައި ހަރަކާތްތެރިވާ ހަ ކުންފުންޏަކުން 14 މަންދޫބަކު ބައިވެރިވެ އެވެ.

މިދިޔަ އަހަރު ރާއްޖޭގެ ޓޫރިޒަމް ވަރަށް ބޮޑަށް ހީނަރުވެގެން ދިޔައަސް، ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ވަނީ އޭގެ ކުރީ އަހަރަށް ވުރެ 4.1 ޕަސެންޓް އިތުރުވެ، 1.3 މިލިއަނަށް އަރައިފަ އެވެ. އެކަމަކު، އެއީ މިދިޔަ އަހަރު ގެންނަން އަމާޒުކުރި 1.4 މިލިއަން ޓޫރިސްޓުންނަށް ވުރެ ދަށް އަދަދެކެވެ.

މި އަހަރު ރާއްޖޭގެ ޓޫރިޒަމް ރަނގަޅުކޮށް، ޓޫރިސްޓުންގެ އަދަދު އިތުރުކުރަން، ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރުސީން ވަނީ ގިނަ މަސައްކަތްތަކެއް ކުރަން ނިންމައިފަ އެވެ. އޭގެ ތެރޭގައި، ގިނަ ފެއާތަކެއްގައި ބައިވެރިވުމާއި ރާއްޖޭގައި ބައިނަލްއަގުވާމީ ޓޫރިޒަމް ފެއާއެއް ބޭއްވުމުގެ އިތުރުން ޓޫރިޒަމް އިޝްތިހާރު ކުރުމަށް ގެންގުޅޭ އުސޫލުތައް ބަދަލުކުރުން ހިމެނެ އެވެ.