އަސްލު ތަރައްގީގެ ބާނީ އަކީ ރައީސް: ޝަރީފް
އަސްލު ތަރައްގީގެ ބާނީ އަކީ ރައީސް: ޝަރީފް

ރާއްޖޭގެ ތަރައްގީގެ އަސްލު ބާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަން ދިވެހި ހުރިހާ އެންމެން ވެސް ގަބޫލުކުރާ ކަމަށް މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) މިއަދު ވިދާޅުވެއްޖެ އެވެ.

އައްޑޫ ބިން ހިއްކުމުގެ މަޝްރޫއު ފެށުމަށް މަރަދޫ ހިއްކި ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގައި އޭނާ ވިދާޅުވީ، ރާއްޖޭގެ ހުރިހާ ރަށެއްގެ ތަރައްގީގެ ބާނީ އަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމަށެވެ.

"ހާއްސަކޮށް އައްޑޫ ސިޓީގެ ރައްޔިތުން، މުޅި ރާއްޖޭގެ ރައްޔިތުން މިއަދު ގަބޫލުކޮށްފި، މަނިކުފާނަކީ އައްޑޫ ސިޓީ އަދި މުޅީ ރާއްޖޭގެ ވެސް ތަރައްގީގެ ބާނީކަން. ތަރައްގީގެ ބައްޕައޭ. މަނިކުފާން ޖަހާލާފައި ވެރިކަމަށް އެރޭ ވަރުގެ ބޭފުޅަކު ވޭތުވެދިޔަ 50 އަހަރު އަރާފައެއް ނެތޭ،" ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި ކުރިއަށް އޮތް ފަސް އަހަރުގެ ވެރިކަން ނުވަތަ ރިޔާސީ ދެވަނަ ދައުރެއް ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދޭން ޖެހެނީ ރާއްޖެ އިން މިހާރު ފެންނަ ތަރައްގީގެ ސަބަބުންނެވެ.

އައްޑޫ ހަންކެޑަ ތަރައްގީ ކުރުމުގެ ވާހަކަ ދައްކާތާ 30 އަހަރު ވެއްޖެ ކަމަށާއި އެކަމަކު، މި ސަރުކާރު ވެރިކަމާ ހަވާލުވުމާ އެކު، އެ މަޝްރޫއު ވެސް މިހާރު ބަޔަކާ ހަވާލުކޮށް ކުރިއަށް ގެންދާ ކަމަށް ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އައްޑު އަށް ވަޑައިގަތުމުން ކިޔާފައި ވަނީ މީގެ ކުރިން ދުވަހަކު ވެސް ރައީސަކަށް އައްޑޫން ނުކިޔާ ވަރުގެ ހޫނު މަރުހަބާއެއް ކަމަށެވެ.

ރާއްޖޭގެ ތަރައްގީގެ ބާނީއަކީ ރައީސް ކަމަށް ޝަރީފް ވިދާޅުވެފައި ވާއިރު، މީގެ ކުރިން އިދިކޮޅު ކޯލިޝަނުން އަބަދުވެސް ބުނަމުން އަންނަނީ ރާއްޖޭގެ ތަރައްގީގެ ބާނީއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށެވެ. އެއީ އެ މަނިކުފާނު ގައުމުގެ ތަރައްގީ އަށް ކޮށްދެއްވާފައިވާ ކަންކަން ގިނަ ކަމުން ކަމަށާއި އެ ކަންކަ ފެންނަން ހުރުމުން ކަމަށް ޕީޕީއެމުން ބުނެފައި ވެ އެވެ.

ނަމަވެސް މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަކި ރަށެއް ތަފާތު ނުކުރައްވައި ތަރައްގީގެ މަޝްރޫއުތައް ހިންގާތީ އެ މަނިކުފާނަށް ތަރައްގީގެ ބާނީގެ ލަގަބު ހައްގު ކަމަށް ސަޕޯޓަރުން ދެކެ އެވެ.