ނ. އަތޮޅުގެ ހަ ރަށެއްގައި "އަލުން ބަލުން" މާކެޓް ބާއްވައިފި
ނ. އަތޮޅުގެ ހަ ރަށެއްގައި "އަލުން ބަލުން" މާކެޓް ބާއްވައިފި

ނ. އަތޮޅުގެ ހަ ރަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކާއި ސޮނެވާ ނަމޫނާ ޖަމިއްޔާއާ ގުޅިގެން "އަލުން ބަލުން" ރީސޭލް މާކެޓް އެ އަތޮޅުގައި އިއްޔެ ބާއްވައިފި އެވެ.

ނ. އަތޮޅުގެ ހަ ރަށެއްގައި "އަލުން ބަލުން" މާކެޓް ބާއްވައިފި
ނ. އަތޮޅުގެ ހަ ރަށެއްގައި "އަލުން ބަލުން" މާކެޓް ބާއްވައިފި

ސޮނެވާ ނަމޫނާ ޖަމިއްޔާ އިން މިދިޔަ އަހަރު ފެށި މި ރީސޭލް މާކެޓް ޕްރޮގްރާމް އެންމެ ފުރަތަމަ ބޭއްވީ ބ. އަތޮޅުގެ ރަށްތަކުގަ އެވެ. އެ މާކެޓް ފެށީ އެ އަތޮޅުގެ ހަތް ރަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކާ ގުޅިގެންނެވެ.

ނ. އަތޮޅުގެ ހަ ރަށެއްގައި "އަލުން ބަލުން" މާކެޓް ބާއްވައިފި
ނ. އަތޮޅުގެ ހަ ރަށެއްގައި "އަލުން ބަލުން" މާކެޓް ބާއްވައިފި

ނ. އަތޮޅުގައި އިއްޔެ މި މާކެޓް ބޭއްވީ މަގޫދު އާއި ޅޮހި އާއި ކުޑަފަރި އާއި މާފަރާއި ލަންދު އަދި ހޮޅުދޫގަ އެވެ.

ސޮނެވާ ނަމޫނާގެ ނޫސްބަޔާނެއްގައި ބުނީ، މި މާކެޓްގެ މައިގަނޑު އަމާޒަކީ ރަށްރަށުގައި ތަކެތި އަލުން ބޭނުންކުރާ ވަރު އިތުރުކުރުމާއި ރީޔޫސް ނުވަތަ ތަކެތި އަލުން ބޭނުންކުރުމުގެ ސަގާފަތެއް ދިރުވުން ކަމަށެވެ. ތިމާވެށި ހިމާޔަތްކުރުމުގައި މުހިންމު ރޯލެއް ކުޅޭ ބައެއްގެ ގޮތުގައި އަންހެނުން ބާރުވެރިކުރުވުމަކީ ވެސް މަގްސަދެއް ކަމަށް ބުންޏެވެ.

މި މަސައްކަތުގެ ދަށުން، އުކާލަން ހަމަޖެހިފައިވާ ތަކެތީގެ ތެރެއިން އަލުން ބޭނުންކުރެވޭ ޒާތުގެ މުދާ އަންހެނުންގެ ކޮމެޓީތަކުން ހޯދައި، އެ ތަކެތި ސާފުކުރަން ޖެހިއްޖެ ނަމަ އެކަންކޮށް އަދި މަރާމާތުކޮށް، މި ޕްރޮގްރާމްގައި ބައިވެރިވާ ރަށްރަށަށް ވިއްކަން ފޮނުވާ ކަމަށް އެ ބަޔާނުގައި ބުންޏެވެ.

އެ ޖަމިއްޔާ އިން ބުނިގޮތުގައި އެއް ރަށަކުން އެއްކުރެވޭ ތަކެތި އެހެން ރަށަކަށް ވިއްކަން ފޮނުވުމުން ކުދިކުދި ރަށްތަކުގައި ކުރިން ބޭނުންކޮށްފައި ހުންނަ ހަލާކު ނުވާ ތަކެތި ވިއްކުމަށް ހުންނަ ގޮންޖެހުންތަކުން އަރައިގަނެވޭނެ އެވެ.

"އަލުން ބަލުން" މާކެޓް އިން މިހާތަނަށް 20,000 ރުފިޔާ ސާފު ފައިދާ ގޮތުގައި ހޯދައި، 500 އައިޓަމް އަލުން ބޭނުންކޮށް ކުނީގެ ގޮތުގައި އުކާލުމުން ސަލާމަތް ކޮށްފައިވާ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

"ނ. އަތޮޅުގެ އަލުން ބަލުން ރީސޭލް މާކެޓަކީ ބ. އަތޮޅުން ހޯދި ރަނގަޅު ނަތީޖާތައް ނަކަލުކޮށް، ތިމާވެއްޓާ ރައްޓެހި އާދަތައް އަށަގެނުވުމާއެކު މުދާ އަލުން ބޭނުންކުރުމުގެ ސަގާފަތެއް އުފެއްދުމަށް ހިންގޭ މާކެޓެކެވެ،" އެ ޖަމިއްޔާގެ ބަޔާނުގައިވެ އެވެ.

ސޮނެވާ ނަމޫނާ އަކީ ރާއްޖޭގައި ކުނީގެ ގޮތުގައި ބާކީކުރެވޭ ތަކެތި މަދުކޮށް، ބާރުވެރި ޒީރޯ ވޭސްޓް މުޖުތަމައުތަކެއް އުފެއްދުމަށް 2019 ގައި މަސައްކަތް ފެށި މަދަނީ ޖަމިއްޔާއެކެވެ.