03 ޖޫން 2023 - 16:45

ފުރަތަމަ ފަހަރަށް ބައިނަލްއަގުވާމީ ރާޅާއެޅުމުގެ މުބާރާތެއްގައި ވާދަކުރާ ރާއްޖޭގެ ގައުމީ ޓީމުގައި ހިމެނޭ ހޫދު އަހުމަދު (ހޫބްޒް)، އައިއެސްއޭ ވޯލްޑް ސާފިން ގޭމްސްގެ ރެޕޭޗާޖް ފުރަތަމަ ބުރުގައި ވާދަ ކުރި ހީޓުން އެއްވަނަ ހޯދައިފި އެވެ.

މިއީ ވޯލްޑް ސާފިން ގޭމްސްގެ ހީޓަކުން ރާއްޖޭގެ ރާޅާއެޅުންތެރިއެއް އެއްވަނަ ހޯދި ފުރަތަމަ ފަހަރެވެ.
އެލް ސަލްވަޑޯ ގައި މިހާރު ކުރިއަށްދާ ގޭމްސްގެ މެއިން އިވެންޓުގެ ފުރަތަމަ ބުރުގެ ހީޓުން ތިންވަނަ ލިބުމުން ހޫދު އަށް ޖެހުނީ ރެޕޭޗާޖް އިވެންޓުގެ ފުރަތަމަ ބުރުގައި ވާދަ ކުރާށެވެ. ފުރަތަމަ ބުރުގެ ހީޓުން އެއްވަނަ ހޯދައިގެން ހޫދު ވަނީ މި އިވެންޓުގެ ދެވަނަ ބުރުން ޖާގަ ހޯދައިފަ އެވެ.
މި ބުރުގެ 19 ވަނަ ހީޓުގައި ހޫދު ވަނީ ސައުދީ އަރަބިއްޔާގެ މުހައްމަދު ކުރުދީ އާއި ޔޫކްރޭންގެ ރުސްލާން ކުލީޝް އާ ވާދަކޮށް ޖުމްލަ 6.17 ޕޮއިންޓު ހޯދައިފަ އެވެ. މި ހީޓުގައި ހޫދު އެޅީ ވެސް ދެ ރާޅެވެ. ފުރަތަމަ ރާޅަށް 2.67 ޕޮއިންޓު ހޯދިއިރު ދެވަނަ ރާޅަށް 3.50 ޕޮއިންޓް ހޯދި އެވެ. ދެވަނައަށް ދިޔައީ ޖުމްލަ 3.10 ޕޮއިންޓް ހޯދި ކުރުދީ އެވެ. ކުލީޝް އަށް ލިބުނީ 1.86 ޕޮއިންޓެވެ.
ހޫދުގެ އިތުރުން އިސްމާއިލް ރަޝީދު (ސްމައިލީ) ވެސް ވަނީ މެއިން އިވެންޓުގެ ފުރަތަމަ ބުރުގެ ހީޓުގެ ގަދަ ދެ އެތުލީޓުންގެ ތެރޭގައި ނުހިމެނުމުން ރެޕޭޗާޖް ފުރަތަމަ ބުރުގައި ވާދަކުރަން ޖެހިފަ އެވެ. ސްމައިލީ ވާދަކުރާނީ މި ބުރުގެ 22 ވަނަ ހީޓުގަ އެވެ. މި ހީޓުގައި ސްމައިލީ އާއެކު ދެން ހިމެނެނީ ޕުއެރްޓޯ ރީކޯގެ ޑްވައިޓް ޕަސްޓްރާނާ އާއި ގްރީސްގެ ގެރާސިމޯސް ވެނޭރިސް އެވެ.
މެއިން އިވެންޓުގެ ފުރަތަމަ ބުރުގައި ހޫދު ވާދަކުރީ މެކްސިކޯގެ ޖޮނަތަން ކޯޒޯ އާއި ނެދަލެންޑްސްގެ ޓޮމް ބޮއެލްސްމާ އަދި އިންޑިއާގެ އަޖީޝް އަލީ އާއެވެ. މި ހީޓުގައި ޖުމްލަ 6.27 ޕޮއިންޓު ހޯދައިގެން ހޫދު އަށް ލިބުނީ ތިންވަނަ އެވެ. އެއްވަނައަށް ދިޔައީ 11.10 ޕޮއިންޓް ހޯދި ކޯޒޯ އެވެ. ހޫދު ތިންވަނައަށް ވެއްޓުނީ ބޮއެލްސްމާ ފަހު ވަގުތު އޭނާގެ ސްކޯ ރަނގަޅުކޮށް ޖުމްލަ 7.53 ޕޮއިންޓް ހަމަކުރުމުންނެވެ. އަޖީޝާ އަލީ އަށް ލިބުނީ 5.13 ޕޮއިންޓެވެ.
ފުރަތަމަ ބުރުގައި ސްމައިލީ އެޅި ހީޓުގައި ވަނީ 6.23 ޕޮއިންޓް ހޯދައިފަ އެވެ. އޭނާއަށް ވުރެ 0.20 ޕޮއިންޓުގެ ޖުމްލަ ސްކޯ އަކުން ކުރި ހޯދައިގެން ތިންވަނައިގައި ނިންމީ އިންޑިއާގެ ރަމޭޝް ބުދިހާލް އެވެ. އެއްވަނައަށް ދިޔައީ 15 ޕޮއިންޓް ހޯދި މެކްސިކޯގެ އެލަން ކްލީލަންޑް އެވެ. ދެވަނައަށް ދިޔަ ނެދަލެންޑްސްގެ ބޭރިކް ޑިވްރީސް ވަނީ 9.66 ޕޮއިންޓް ހޯދައިފަ އެވެ.
މުބާރާތުގެ މެއިން އިވެންޓުގެ ދެވަނަ ބުރަށް ދިޔަ އަހުމަދު އާގިލް (އަންމަޑޭ) ވާދަކުރި ހީޓުގެ އެއްވަނަ ހޯދީ ބްރެޒިލްގެ ގެބްރިއެލް މެޑީނާ އެވެ. ދެވަނައަށް ދިޔައީ ކޮސްޓަރިކާގެ ކާލޯސް މުނޯޒް އެވެ. އަދި ތިންވަނަ ހޯދީ އަޔަލެންޑުގެ ޖެކް ސްކޮޓް އެވެ. މިއާ އެކު އަންމަޑޭ ވަނީ ރެޕޭޗާޖް އިވެންޓުގެ ދެވަނަ ބުރުގައި ވާދަކުރަން ޖެހިފަ އެވެ.
ރެޕޭޗާޖް އިވެންޓުގެ ދެވަނަ ބުރުގެ ފަސްވަނަ ހީޓުގައި އަންމަޑޭ ވާދަކުރާނީ ފްރާންސްގެ ޔޮއާން ޑުރޫ އާއި ނެދަލެންޑްސްގެ ކެސްޕާ ހަމިންގާ އަދި ޕުއެރްޓޯ ރީކޯގެ ރިކާޑޯ ޑެލްގާޑޯއާ އެވެ.
ރެޕޭޗާޖް އިވެންޓުގެ ފުރަތަމަ ބުރުގެ ހީޓުން އެއްވަނަ ހޯދި ހޫދު، ދެވަނަ ބުރުގައި ވާދަކުރާނި 19 ވަނަ ހީޓުގަ އެވެ. ހޫދު އާއެކު މި ހީޓުގައި ވާދަކުރާނީ ކޮސްޓަރިކާގެ ތޯމަސް ކިންގް އާއި އަޔަލެންޑުގެ ލޯކަން ސައުތުކޮމްބޭ އަދި ބްރެޒިލްގެ ޖާއޯ ޗިއަންކާ އެވެ.