26 ޖެނުއަރީ 2017 - 18:23

ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ ކުދިންނަށާއި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އާޓްސް ޕްރޮގްރާމްތަކެއް ހިންގުމަށް ޖެންޑާ މިނިސްޓްރީ އާއި ނެޝަނަލް ސެންޓާ ފޯ އާޓްސް (އެންސީއޭ) އާ ދެމެދު މިއަދު އެއްބަސްވެއްޖެ އެވެ.
ޖެންޑާ މިނިސްޓްރީން ބުނި ގޮތުގައި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނަށާއި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އަމާޒުކޮށް ހިންގުމަށް ހަމަޖެހިފައިވަނީ އާޓާއި މިއުޒިކް ކްލާސްތަކެކެވެ.
އެ ގޮތުން ހުޅުމާލޭގައި ހުންނަ ފިޔަވަތީގައި ދިރިއުޅޭ ހަ އަހަރާއި 10 އަހަރާ ދެމެދުގެ ކުދިންނަށާއި ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ 10 އަހަރުން މަތީގެ ކުދިންނަށް ޕްރޮގްރާމްތައް ހިންގުމަށް އެއްބަސްވެފައިވާ ކަމަށް ވެސް ޖެންޑާ މިނިސްޓްރީން ބުންޏެވެ.
ޖެންޑާއިން ބުނި ގޮތުގައި އެ މިނިސްޓްރީގެ ބޭނުމަކީ ކުދިންނަށް މި ދާއިރާގެ ހުނަރުތަކާއި ފަންނުތައް ދަސްކޮށްދީ އަމިއްލަ ހިޔާލުފާޅުކުރަން ބާރުވެރި ކުރުމެވެ.