02 ޖޫން 2023 - 16:31

ކޭޕް ޓައުން (ޖޫން 2) - ރަޝިއާގެ ރައީސް ލަޑިމިއާ ޕުޓިން ހައްޔަރުކުރަން އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން އަމުރު ނެރެފައި ވަނިކޮށް "ބްރިކްސް" ގެ ސަމިޓްގައި ބައިވެރިވާން ދެކުނު އެފްރިކާގެ އަށް ވަޑައިގަތުމަށް އެ މަނިކުފާނަށް ދައުވަތު އަރުވައިފި އެވެ.
ރަޝިއާއިން ޔޫކްރޭނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ އާ ގުޅުވައި، މިދިޔަ މަހު އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން ވަނީ ހަނގުރާމައިގެ ކުށުގެ ތުހުމަތުކޮށް ޕުޓިން ހައްޔަރު ކުރުމަށް އިންޓަނޭޝަނަލް ވޮރެންޓް ނެރެފަ އެވެ.
އެ އަމުރު ނެރުމަށް ފަހު އައިސީސީގެ އެ މާއްދާ އަށް އަމަލު ކުރަން ސޮއިކޮށްފައިވާ ކޮންމެ ގައުމަކަށް ޕުޓިން ވަޑައިގެންނެވި ނަމަވެސް އޭނާ ހައްޔަރު ކުރުމުގައި އެއްވެސް ހުރަހެއް ނެތެވެ.
ބްރެޒިލާއި ރަޝިއާ އާއި އިންޑިއާ އާއި ޗައިނާ އަދި ދެކުނު އެފްރިކާ ހިމެނޭ "ބްރިކްސް" ސަމިޓް އޯގަސްޓް މަހު އޮންނާނީ ދެކުނު އެފްރިކާގަ އެވެ.
ދެކުނު އެފްރިކާގެ ފޮރިން މިނިސްޓަރު ނަލޭދީ ޕަންޑޯ އިއްޔެ ވިދާޅުވީ އޮގަސްޓް 22 އިން 24 އަށް ޖޮހެނެސްބާގްގައި ބާއްވާ ބްރިކްސްގެ ގައުމުތަކުގެ އެންމެ އިސްވެރިންގެ ބައްދަލުވުމަށް ވަޑައިގެންނެވުމުގެ ދައުވަތު ފަސް ގައުމުގެ ވެރިންނަށް ފޮނުވާފައިވާ ކަމަށެވެ.
ދެކުނު އެފްރިކާ އަކީ އައިސީސީގެ އެ މާއްދާ އަށް އަމަލު ކުރުމަށް ސޮއި ކޮށްފައިވާ ގައުމެކެވެ. އެކަމަކު އެ ގައުމަށް ޕުޓިން ވަޑައިގަތް ނަމަވެސް އޭނާ ހައްޔަރު ކުރަން ދެކުނު އެފްރިކާގެ ސަރުކާރުން އުޅެފާނެ ކަމަށް ނުބެލެވެ އެވެ.
އެއީ މީގެ ކުރިން ވެސް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުގެ އަމުރު ސޫދާންގެ ކުރީގެ ލީޑަރު އުމަރު އަލް ބަޝީރާ ދެކޮޅަށް ނެރުނު ފަހުން އޭނާ ވަނީ 2015 ވަނަ އަހަރު އެފްރިކާގެ ސަމިޓަށް ދެކުނު އެފްރިކާ އަށް ވަޑައިގެންފަ އެވެ. އެކަމަކު އުމަރު އަލް ބަޝީރު ހައްޔަރު ކުރަން ދެކުނު އެފްރިކާއިން މަސައްކަތް ކޮށްފައެއް ނުވެ އެވެ.
ސޫދާނާ އޮތް ގާތް ގުޅުމަށް ރިއާޔަތް ކުރުމަށް ފަހު ދެކުނު އެފްރިކާއިން ނިންމީ ބަޝީރު ހައްޔަރު ނުކުރުމަށެވެ.