02 ޖޫން 2023 - 13:20

ދޮޅު ލައްކަ ރުފިޔާގެ މުދާ އެރުވުމަށްފަހު، ގެންދަން ބުނި ތަނަށް ނުގެންގޮސް ފިލި ޓެކްސީއެއް ފުލުހުން ހޯދައިފި އެވެ.
ފުލުހުން ބުނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓެކްސީ ކިއު އިން އިއްޔެ ހަވީރު ޓެކްސީއެއް ނަގައި، އޭގައި 150،000ރ. އިލެކްޓްރޯނިކް ސާމާނު ތަނަކަށް ގެންދަން ހަވާލުކުރުމުން އެ މުދާ ބުނި ތަނަށް ނުގެންގޮސް، ޓެކްސީ ފިލި މައްސަލައެއް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ސީސީޓީވީ ފޫޓޭޖް ބަލައިގެން އެ ޓެކްސީ ހޯދައި، މުދާތައް ހޯދާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެކަމަކު އެ ސާމާނު ހޯދައި، ވެރިފަރާތާ ހަވާލުކުރިޔަސް އެ މައްސަލާގައި ޓެކްސީ ޑްރައިވަރާ މެދު ފިޔަވަޅެއް އެޅި ކަމެއް ފުލުހުން ނުބުނެ އެވެ.
ރައްޔިތުންނަށް ކަމެއް ދިމާވާ ހިނދު ފުލުހުންގެ އެހީތެރިކަން އަބަދުވެސް ލިބޭނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ ތިން އަހަރު ވެސް އެންމެ ގިނައިން ރިޕޯޓްކުރީ ވައްކަމުގެ މައްސަލަތަކެވެ. އަދި މިއަހަރުގެ މިހާތަނަށް ވެސް އެންމެ ގިނައިން ރިޕޯޓްކުރީ އެފަދަ މައްސަލަތަކެވެ.