ޓެކާސް ރިސޯޓް ފުޓްސަލް ކަޕް: ރ. އަތޮޅު ބުރު ހޮނިހިރު ދުވަހު ފަށަނީ
ޓެކާސް ރިސޯޓް ފުޓްސަލް ކަޕް: ރ. އަތޮޅު ބުރު ހޮނިހިރު ދުވަހު ފަށަނީ

ޓެކާސް އިން ބާއްވާ ރިސޯޓް ފުޓްސަލް ކަޕް 2023 ގެ ރ. އަތޮޅު ޒޯން ބުރު ހޮނިހިރު ދުވަހު ފަށާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ރ. ޒޯނުގައި ޖުމްލަ ހަތަރު އިސޯޓަކުން ވާދަ ކުރެ އެވެ. އެއީ ޖޯލި މޯލްޑިވްސް އާއި ޖޯލި ބީން އަދި ކޯރަ ކޯރަ މޯލްޑިވްސް އާއި އަމާރީ ރާޔާ މޯލްޑިވްސް އެވެ.

ޖޯލި މޯލްޑިވްސްގައި ކުރިއަށް ގެންދާ މި ޒޯންގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނި ޖޯލި މޯލްޑިވްސް އާއި އަމާރީ ރާޔާ އެވެ. އަދި ދެވަނަ މެޗުގައި ކޯރަ ކޯރަ މޯލްޑިވްސް ނުކުންނާނީ ޖޯލި ބީން އާ ދެކޮޅަށެވެ.

ޓެކާސް ރިސޯޓް ކަޕްގެ ދ. ޒޯނުގެ ބުރު މިދިޔަ މަހު ނިންމާލާފައި ވާއިރު، ޗެމްޕިއަންކަން ހޯދީ ސެއިންޓް ރެޖިސް ވޮއްމުލި ރިސޯޓެވެ.

ދ. އަތޮޅު ޒޯންގެ ޗެމްޕިއަންކަމާ އެކު ސެއިންޓް ރެޖިސް ވަނީ މުބާރާތުގެ ސެމީ ފައިނަލުން ފުރުސަތު ހޯދައިފަ އެވެ. އެޓީމުން ސެމީގައި ކުޅޭނީ ކ. އަތޮޅު ދެކުނުގެ ޗެމްޕިއަނުންނާ އެވެ.

ރ. ޒޯނުގެ ޗެމްޕިއަނުން ވާދަ ކުރަން ޖެހޭނީ ބ. އަތޮޅުގެ ޗެމްޕިއަނުންނާ ދެކޮޅަށެވެ. މޮޅުވާ ޓީމެއް ޖެހޭނީ ނ. އަތޮޅުގެ ޗެމްޕިއަން ޓީމާ ދެކޮޅަށް ކުޅޭށެވެ. ނ. އަތޮޅުގެ ޗެމްޕިއަން ޓީމާ ދެކޮޅަށް ކުޅެ މޮޅުވާ ޓީމެއް ވާދަކުރާނީ، ދެވަނަ ސެމީގައި ކ. އަތޮޅު އުތުރުގެ ޗެމްޕިއަނުންނާ ދެކޮޅަށެވެ.

މިއީ ޓެކާސް އިން ރިސޯޓް ފުޓްސަލް ކަޕް ބާއްވާ ދެވަނަ އަހަރެވެ. މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ދިވެހި އިންޝުއަރެންސް އެވެ.