26 ޖެނުއަރީ 2017 - 16:29

ކާބުލް (ޖެނުއަރީ 26) - އަފްޣާނިސްތާނަށް ސްނޯ ފައިބައި، އާދަޔާޚިލާފަށް ފިނިގަދަވެގެން އެ ގައުމުން 27 ކުޑަ ކުއްޖަކު މަރުވެއްޖެ ކަމަށް އޮފިޝަލުން މިއަދު ބުނެފި އެވެ.
އުތުރުގެ ޖައުޒްޖާން ޕްރޮވިސްންގެ މަގުތަކުގައި ވަނީ 50 ސެންޓިމީޓަރު (20 އިންޗި) އަށް ސްނޯ ބޯވެފަ އެވެ. ނަތީޖާއެއްގެ ގޮތުން އެ ސަރަހައްދުގެ އެއްގަމު ދަތުރުތައް ވެސް ވަނީ ހުއްޓުމަކަށް އައިސްފަ އެވެ. އަފްޣާނިސްތާނުގެ އުތުރުގެ ގިނަ ސަރަހައްދުތަކުގައި ފިނިކަން ވަނީ 10- ޑިގްރީ ސެލްސިއަސް އަށް ވެއްޓިފަ އެވެ.
ޑިސްޓްރިކްޓް ގަވަރުނަރު ރަހުމަތުﷲ ހަޝްރާ ވިދާޅުވީ ފިނިގަދަވެގެން މަރުވެފައި ވަނީ ފަސް އަހަރުން ދަށުގެ ކުޑަ ކުދިން ކަމަށެވެ. ދުރު ހިސާބުތަކުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް ދަތިވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފިނިގަދަވުމުންނާއި ސްނޯ ފޭބުމުގެ ސަބަބުން އަފްޣާނިސްތާނުގައި ކޮންމެ އަހަރެއްގެ ވެސް ވިންޓާގައި އެތައް ބަޔަކު މަރުވެ އެވެ. ފިނިގަދަވުމުގެ ސަބަބުން 2015 ވަނަ އަހަރު އަފްޣާނިސްތާނުން ވަނީ 300 އަށް ވުރެ ގިނަ މީހުން މަރުވެފަ އެވެ.