01 ޖޫން 2023 - 10:34

މާލޭގައި ފެންބޮޑުވާ މައްސަލަ ހައްލުކުރަން ހަ ސަރަހައްދެއްގައި އިތުރު ހޮޅިތަކެއް އަޅަން މަޝްރޫއުއެއް ހިންގަން ނިންމާފައިވާ ކަމަށް ޕްލޭނިން މިނިސްޓްރީން އިއްޔެ ބުނެފި އެވެ.

މިނިސްޓްރީން ބުނީ މާލޭގެ މަގުތަކުގައި ބޮޑުވާ ފެން ހިންދުމުގެ ނިޒާމަށް ބައެއް ބަދަލުތައް ގެނައުމުގެ މަސައްކަތްކުރާތީ އެކަމުގައި އާންމުންގެ ހިޔާލައި މަޝްވަރާ ވެސް މިހާރު ހޯދަމުން އަންނަ ކަމަށެވެ.
މިއީ ވިއްސާރަވުމުގެ ސަބަބުން މާލޭގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް، މާލޭގައި މިހާރު އަޅާފައިވާ ފެން ހިންދުމުގެ ނިޒާމަށް ބައެއް އިތުރުކުރުމުގެ ގޮތުން ކުރިއަށް ގެންދެވޭ މަޝްރޫއެއް ކަމަށް މިނިސްޓްރީން ބުންޏެވެ.
• މި މަޝްރޫއު ކުރިއަށް ގެންދާނީ މާލޭގެ މަގުތަކުގައި ހެދޭ ފެން މޫދަށް ބޭރުކުރުމަށް އިތުރު ހޮޅިތަކެއް އަޅައިގެން.
• މި ހޮޅިތަކަކީ މާލޭގެ މަގު ހެދުމުގެ ޕްރޮޖެކްޓުތަކުގައި މިހާރު ބޭނުންކުރާ ހޮޅިއަށް ވުރެ ފަލަ ހޮޅިތަކެއް.
• މި ހޮޅިތައް ވަޅުލުމަށް 3-4 މަސްދުވަހުގެ މުއްދަތަކަށް މަގު ކޮނެގެން މަސައްކަތް ކުރިއަށް ގެންދާނެ.
• މާލޭގެ ހަ ސަރަހައްދެއްގައި މި ހޮޅިތައް ވަޅުލާނެ.
މި މަޝްރޫއާ ގުޅިގެން އާންމުންގެ ހިޔާލު ހޯދަން ހިންގާ ސާވޭއަކީ މިކަމުގެ ސަބަބުން ތިމާވެއްޓަށާއި މުޖުތަމައަށް އަސަރު ފޯރާނެ މިންވަރު ބެލުމުގެ ގޮތުން، ލޭންޑް އެންޑް މެރިން އެންވަޔަރަމަންޓަލްރިސޯސް ގްރޫޕް (ލަމަޔާ) އިން ތައްޔާރުކުރާ ރިޕޯޓުގެ ބައެއް ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން އާންމުކުރި ކުރެހުންތަކުގައިވާ ގޮތުން މި ހޮޅިތައް ވަޅުލަނީ ކާނިވާ ސަރަހައްދާއި ރާޅުގަނޑު ސަރަހައްދާއި ދަރުމަވަންތަ ހޮސްޕިޓަލު ކުރިމަތިން ބޭރު މަގުގަ އާއި ރަސްފަންނު އަދި މަޖީދީމަގުގައި ސޯޝަލް ސެންޓަރު ކައިރިން ފެށިގެން ބޭރު މަގުން ވެސްޓް ޕާކާ ދެމެދުގައި އޮންނަ ސަރަހައްދުގަ އެވެ.
ވާރޭވެހޭ ދުވަސްތަކުގައި މާލޭގެ މަގުތަކާ ފެންބޮޑުވެ، ފެން ނުހިނދި ގިނައިރުވެ، ހިނގާވެބިނގާވެ އުޅުމަށާއި ދުއްވާ އެއްޗެއްސަށް ދަތިވާ މައްސަލަ ބޮޑެވެ. އެކަމުގައި އާންމުންގެ ޝަކުވާ ވެސް ބޮޑެވެ. އެ މައްސަލަ ހައްލުކުރަން އެކި ފަހަރު މަތިން މީގެ ކުރިން ވެސް ސަރުކާރުން މަޝްރޫއުތައް ހިންގިޔަސް، އެދެވޭ ނަތީޖާއެއް އަދި ނުފެނެ އެވެ.
މި މަޝްރޫއު ފަށާ ދުވަހެއް މިނިސްޓްރީން އަދި އިއުލާން ނުކުރެ އެވެ.