26 ޖެނުއަރީ 2017 - 15:55

ވޮޝިންޓަން (ޖެނުއަރީ 26) - ރެފިއުޖީ ޕްރޮގްރާމް ހަތަރު މަހަށް ސަސްޕެންޑްކޮށް ހަތް ގައުމެއްގެ މުސްލިމުންނަށް ވިސާ ދޫކުރުން އެމެރިކާ އިން ހުއްޓާލަން ނިންމާފައިވާ ކަމަށް އެ ގައުމުގެ މީޑިއާތަކުން މިއަދު ބުނެފި އެވެ.

ވޮޝިންޓަން ޕޯސްޓުގައި ޝާއިއުކޮށްފައިވާ ރައީސް ޑޮނަލްޑް ޓްރަމްޕް ނެރުއްވި އަމުރުގައިވާ ގޮތުން ސީރިއާގެ ރެފިއުޖީން އެމެރިކާ އަށް އެތެރެވުން ވަނީ މުއްދަތެއް ނެތް ގޮތަށް މަނާކޮށްފަ އެވެ. އަދި އެމެރިކާގެ ރެފިއުޖީ ޕްރޮގްރާމް 120 ދުވަހަށް ހުއްޓާލަން ވަނީ ނިންމައިފަ އެވެ.
ޓެރަރިސްޓުންގެ ނުރައްކާ އޮތް ކަމަށް ގަބޫލް ކުރެވޭ މުސްލިމް ހަތް ގައުމެއްގެ މީހުންނަށް ވިސާ ދޫކުރުން ވަނީ އެއް މަހަށް ހުއްޓާލައިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ އިރާގު، ސީރިއާ، އީރާން، ސޫދާން، ލީބިޔާ، ސޯމާލިއާ އަދި ޔަމަނެވެ.
އޭބީސީ ނިއުސްގައި ވާހަކަ ދައްކަވަމުން ބުދަ ދުވަހުގެ ރޭ ޓްރަމްޕް ވިދާޅުވީ މުސްލިމުން ގައުމުތަކުން އެމެރިކާ އަށް ވަންނަ މީހުން މަދުކުރުމަކީ ބޭނުންތެރި ކަމެއް ކަމަށެވެ.
"މިއީ ހަމައެކަނި މުސްލިމް ގައުމުތަކުގެ މީހުން މަނާކުރުމެއް ނޫން. މިއީ ޓެރަރިސްޓުންގެ ބިރު އޮތް ގައުމުތަކުގެ މީހުން އެމެރިކާ އަށް ވަނުން މަނާކުރަން ކުރާ ކަމެއް،" ޓްރަމްޕް ވިދާޅުވި އެވެ.
މުސްލިމް ގައުމުތަކާއި އެނޫން ގައުމުތަކުގެ ރެފިއުޖީން ޔޫރަޕުގެ ގައުމުތަކަށް އެތެރެކޮށްފައިވުމަކީ އެ ގައުމުތަކުން ހެދި ގޯހެއް ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ.
މި ގޮތަށް ކަންތައް ކުރުމުން މުސްލިމުން ގައުމުތަކުގެ ރުޅިވެރިކަން އިތުރުވުމާ ބެހޭ ގޮތުން ސުވާލު ކުރުމުން ޓްރަމްޕް ވިދާޅުވީ މިހާރު ވެސް ރުޅިވެރިކަން ކުޑަ ނޫން ކަމަށާއި ދެން އިތުރަށް އަންނާނެ ރުޅިއެއް ނޯންނާނެ ކަމަށެވެ.
ރިޔާސީ އިންތިޚާބުގެ ތެރޭގައި ޓްރަމްޕް ވަނީ އިސްލާމިކް ސްޓޭޓް (އައިއެސް) ދުނިޔެ އިން ފުހެލާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އެކަމުގެ ސަބަބުން އެމަނިކުފާނަށް ވޯޓު ދިން މީހުންނަށް ވަނީ ހިތްހަމަޖެހުމެއް ލިބިފަ އެވެ.