01 ޖޫން 2023 - 06:34

މާވެލް ސިނަމެޓިކް ޔުނިވާސް (އެމްސީޔޫ)ގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ރާޔާން ރެނޮލްޑްސް ލީޑުކުރާ "ޑެޑް ޕޫލް" ފިލްމު ސީރީޒްގެ ތިން ވަނަ ފިލްމުގައި ވޮލްވަރިންގެ ރޯލު ކުޅޭ ހިއު ޖެކްމަންއާއެކު "އެކްސް-މެން"ގެ ގިނަ ކެރެކްޓާއިން އެނބުރި އައުން އެކަށީގެންވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި، "ޑެޑް ޕޫލް 3"ގެ މައިގަނޑު ސަމާލުކަން ހުއްޓޭނީ ވޭޑް ވިލްސަން (ރާޔަން) އަށް އެކަންޏެއް ނޫނެވެ.
ސޯޝަލް މީޑިއާގައި ފިލްމުތަކުގެ ހަބަރު ގެނެސްދޭ "ކޭންވީގެޓްސަމްޓޯސްޓް" އެކައުންޓުން ކުރި ޓްވީޓެއްގައި ބުނީ ސްޓޯމް (ހާލީ ބެރީ) އާއި ފަމްކޭ ޖެންސަން (ޖޯން ގްރޭ) އަދި ޖޭމްސް މާސްޑެން (ސައިކްލޮޕްްސް) ވެސް އެމީހުންގެ ރޯލުތަކަށް އެނބުރި އައުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ އަށް ވަނަ ދުވަހު ރިލީޒްކުރަން ހަމަޖެހިފައިވާ މި ފިލްމަކީ އެމްސީޔޫގެ ހަ ވަނަ ފޭސްގެ ފުރަތަމަ ފިލްމެވެ. އަދި މިއީ "އެކްސް-މެން"ގެ ގިނަ ކެރެކްޓާއިންގެ އެމްސީޔޫއިން ފެންނާނެ ފުރަތަމަ ފިލްމެވެ.
ހޮލީވުޑަށް ބޮޑު ހުއްޓުމެއް ކުރިމަތިލާން ޖެހިފައިވާ ސްކްރީންރައިޓަރުންގެ ހަޅުތާޅާއެކު ވެސް، އަންނަ އަހަރު ފިލްމު ނެރުމުގެ މަގުސަދުގައި ފިލްމުގެ ޝޫޓިން މިހާރު ވަނީ ފަށައިފަ އެވެ.