01 ޖޫން 2023 - 06:40

ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ބެނެޑިކްޓް ކަމްބަބެޗް ދިރިއުޅޭ ގެއަށް ވަޅިއެއް ހިފައިގެން މީހަކު ވަދެ ބިރު ދައްކައިފި އެވެ.
ބީބީސީން ބުނީ، ކުރިން ޝެފެއްގެ ގޮތުގައި މަސައްކަތް ކުރި އުމުރުން 35 އަހަރުގެ ޖޭކް ބިސެލް، ކަމްބަބެޗްގެ ގޭގެ ބަގީޗާގެ ދޮރުގައި އެކި ފަހަރު މަތިން ފައިން ޖަހައި ގަސް އުފުރާ އަދި ގޭގައި ހުރި އިންޓަކޮމް ސިސްޓަމަށް ކުޅު ޖަހައި ސިސްޓަމުގެ ވާގަނޑު ވަޅިން ކަނޑާލި ކަމަށެވެ. އެ ހުރިހާ ކަމެއް ހިނގާދިޔައިރު، ގޭގައި ކަމްބަބެޗާއެކު އޭނާގެ އަންހެނުންނާއި ތިން ކުދިން ވެސް އުޅޭ ކަމަށް ބުންޏެވެ.
އެ ވަގުތު އެތަން ދޫކޮށް ބިސެލް ފިލިޔަސް، އޭނާ ހައްޔަރުކޮށްފައި ވަނީ އެތަނުން އޭނާގެ ޑީއެންއޭ ފެނުމުންނެވެ.
އެ ގޭތެރެއަށް ވަދެ އެމީހުން ގޭގައި އުޅޭކަން އެނގޭ ކަމަށާއި އެ ގެ އަނދާ ބިމާ ހަމަކޮށްލާނަމޭ ހިތަށް އަރާ ކަމަށް ބުނެ ބިސެލް އަޑުގަދަކުރި ކަމަށްވެ އެވެ. އެކަމަކު ބިސެލް އެކަން ކުރި ސަބަބެއް އަދި ނޭނގެ އެވެ.
އެ މާރާމާރީގައި އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށް ބީބީސީން ބުންޏެވެ.
ކޯޓުގައި ކުށަށް އިއުތިރާފުވުމުން ބިސެލް އަށް ވަނީ 250 ޕައުންޑު (4,728 ރުފިޔާ)ގެ ޖޫރިމަނާއަކާއެކު ތިން އަހަރު ދުވަސް ވަންދެން ކަމްބަބެޗްގެ އާއިލާ އަދި އެ މީހުން ދިރިއުޅޭ ސަރަހައްދާ ގާތް ނުވުމަށް ވަގުތީ އަމުރެއް ނެރެފަ އެވެ.
ކަމްބަބެޗް އެންމެ މަޝްހޫރުވެފައި ވަނީ ބީބީސީގެ "ޝާލޮކް" އާއި މާވެލް ސިނަމެޓިކް ޔުނިވާސް (އެމްސީޔޫ)ގެ ޑރ. ސްޓްރޭންޖުގެ ރޯލުންނެވެ. އޭނާ ވަނީ "ޑރ. ސްޓްރޭންޖް"ގެ ސީކުއެލްއާއެކު އެމްސީޔޫގެ ހަ ފިލްމުން ފެނިފަ އެވެ.