27 ޖެނުއަރީ 2017 - 09:28

މިހާތަނަށް ދުނިޔޭގެ އެއްވެސް މީހެއްގެ ބަނޑުން ނެގި އެންމެ ބޮޑު އިސްތަށިގުޅަ އިންޑިޔާގެ ކަޝްމީރުގެ ފުރާވަރު އުމުރުގެ އަންހެންކުއްޖެއްގެ ބަނޑުން ނަގައިފި އެވެ. މި ކުއްޖާއަކީ އޭނާގެ ބޮލުގެ އިސްތަށި ކެއުމަށް ދެވި ހިފާފައިވާ ކުއްޖެކެވެ. މި ކުއްޖާގެ ބަނޑުން ނެގި އިސްތަށިތަކުގައި އެއް މީޓަރު ދިގުމިން ހުރިއިރު ބަރުދަނުގައި 2.5 ޕައުންޑް ހުއްޓެވެ. އުމުރުން 18 އަހަރުގެ މި އަންހެންކުއްޖާގެ ބަނޑުން އިސްތަށިބޮނޑި ނެގީ އޮޕަރޭޝަން ކޮށްގެންނެވެ.

ކަޝްމީރުގެ ޑޮކްޓަރުން މި ކުއްޖާގެ ބަނޑު އޮޕަރޭޝަން ކޮށް އިސްތަށިބޮނޑި ނެގީ އެ ކުއްޖާ ބަނޑުގައި ރިއްސާވަރުން ކެތް ނުވެގެން ހޮސްޕިޓަލަށް ދިއުމުންނެވެ. އޮޕަރޭޝަނަށް ފަހު ޑޮކްޓަރުން ބުނީ އިސްތަށިތައް އޮތީ ކުއްޖާގެ ގޮހޮރުގައި އޮޅިފައި ކަމަށެވެ. އެހެންވެ އެ ކުއްޖާ އަށް އެއްޗެތި ކައިބޮއި ހެދުމަށް ވަނީ ނުކުޅެދިފަ އެވެ.
މި އޮޕަރޭޝަން ކުރި ޓީމުގެ އިސްކޮށް ހުރި ސާޖަން ޑރ. އިގްބާލް ސަލީމް ބުނީ މި އިސްތަށިބޮނޑި ކުއްޖާގެ ބަނޑު ތެރޭގައި އޮންނަތާ ދެ އަހަރެއްހާ ދުވަސް ވެދާނެ ކަމަށެވެ.
"ލޯވަޅު ތޮރުފައިގެން އޮޕަރޭޝަންކޮށް ބަނޑުގައިވާ ހުރިހާ އިސްތަށިތައް މިހާރު ނަގައިފިން. އެގޮތަށް އޮޕަރޭޝަން ކުރީ ކުއްޖާގެ ބަނޑުގައި ބޮޑު ލަކުނެއް ފަހުން ވެސް ނީންނާނީ އެގޮތަށް ކުރީމަ ކަމަށް ވާތީ. މިއީ ފަޅައިގެން އޮޕަރޭޝަން ނުކޮށް ނެގި އެންމެ ބޮޑު އިސްތަށިބޮނޑި،" ޑޮކްޓަރު ބުންޏެވެ.
ކުއްޖާގެ އާއިލާގެ މީހުން ބުނި ގޮތުގައި ކުއްޖާ ވަނީ އިސްތަށި ކެއުމަށް ދެވި ހިފާފަ އެވެ. ނަމަވެސް ބަނޑުގައި ވަރަށް ގަދައަށް ރިއްސާތީ އުޅެން ފެށުމުގެ ކުރިން އާއިލާގެ އެއްވެސް މީހަކަށް މި ކުއްޖާ އިސްތަށި ކާކަމެއް ނޭނގެ އެވެ.
އިސްތަށި ކާހިތްވާ ބައްޔަށް ކިޔަނީ ރެޕޮންޒަލް ސިންޑްރޯމް އެވެ. މިއީ ވަރަށް މަދުން މީހުންނަށް ދިމާވާ މައްސަލަ އެކެވެ. މިފަދަ މީހުންގެ ބަނޑުގައި ބޮޑެތި އިސްތަށި ގުޅަގުޅަ ހުރެ އެވެ.
ކާމިޔާބު އޮޕަރޭޝަނަށްފަހު ބަނޑުގައިވާ ހުރިހާ އިސްތަށިތައް ނެގި ނަމަވެސް ކުއްޖާ އަލުން އިސްތަށި ކާން ފަށައިފާނެކަމުގެ ބިރު ޑޮކްޓަރުންނަށް ވެސް އެބައޮތެވެ.
ޑޮކްޓަރުން ބުނީ އޮޕަރޭޝަން ކުރުމުގެ ކުރިން ވެސް އަދި ފަހުން ވެސް ކުއްޖާ އަށް ސައިކޮލޮޖިކަލް ކައުންސެލިން ދީފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ހަފުތާތަކުގައި ވެސް އެގޮތަށް ކައުންސިލް ދެމުން ގެންދަން ޖެހޭ ކަމަށާއި އެހެން ނޫނީ އޭނާ އަށް މިކަން ހުއްޓާލަން އުނދަގޫވާނެ ކަމަށް ވެސް ޑޮކްޓަރުން ބުނެ އެވެ.
އޮޕަރޭޝަނަށްފަހު މި އަންހެންކުއްޖާ އަށް އާދައިގެ ގޮތަކަށް ކައިބޮއި އުޅެވެ އެވެ. އަދި ގެއަށް ދިއުމަށްފަހު ވެސް އެހެން މީހަކު ބަލަން ނެތް ގަޑިއެއްގައި ވެސް އިސްތަށި ނުކާނެކަމަށް ކުއްޖާ ވައުދުވެފައިވާ ކަމަށް ޑޮކްޓަރު ބުންޏެވެ.