ބީއެމްއެލްގެ ޑިޖިޓަލް ބޭންކިން އެސިސްޓެންޓް "އާޔާ" ލޯންޗުކޮށްފި
ބީއެމްއެލްގެ ޑިޖިޓަލް ބޭންކިން އެސިސްޓެންޓް "އާޔާ" ލޯންޗުކޮށްފި

ބީއެމްއެލްގެ ޑިޖިޓަލް ބެންކިން އެސިސްޓަންޓް "އާޔާ"ގެ ހިދުމަތް ތައާރަފްކޮށްފި އެވެ.

މިއަދު ތައާރަފްކުރި ޗެޓް ބޮޓް "އާޔާ"އާ ދިވެހި އަދި އިނގިރޭސި ބަހުން ވާހަކަ ދެއްކޭނެ އެވެ. ދިވެހިން މި ޗެޓްބޮޓާ ވާހަކަ ދެއްކޭނީ ދިވެހިބަހުގެ ފޮންޓަކުންނެވެ. "އާޔާ" އަށް ކަސްޓަމަރުގެ ކުރާ ސުވާލެއް ދޭހަ ނުވާ ނަމަ ނުވަތަ ކަސްޓަމަރު ރިކުއެސްޓް ކޮށްފި ނަމަ ލައިވް އެޖެންޓަކާ ކޮންޓެކްޓް ކޮށްދޭނެ އެވެ.

ޗެޓްބޮޓް "އާޔާ" ތައާރަފްކޮށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބީއެމްއެލްގެ ސީއީއޯ ކާލް ސްޓުމްކަ ވިދާޅުވި ގޮތުގައި މިއީ އެ ކުންފުނީގެ ހިދުމަތްތަކާއި މަސައްކަތްތައް ޑިޖިޓަލައިޒްކުރުމުގެ މަސައްކަތުގެ ދަށުން ތައާރަފް ކުރި ޗެޓް ބޮޓެކެވެ. އަދި ކުރިއަށް އޮތް ތަނުގައި "އާޔާ"ގެ ހިދުމަތްތައް ފުޅާކޮށް، "އާޔާ" މެދުވެރިކޮށް ލިބޭ ހިދުމަތްތައް އިތުރު ކުރާނެ އެވެ.

"ކަސްޓަމާ ކެއާގެ ހިދުމަތް 'އާޔާ' މެދުވެރިކޮށް ދިނުމަކީ ފެށުމެއް. މިއީ މި ޗެޓްބޮޓްގެ ފުރަތަމަ ފޭސް. 'އާޔާ' މެދުވެރިކޮށް ކުރިއަށް އޮތްތަނުގައި އިތުރު ހިދުމަތްތައް ލިބޭނެ. މި ބޮޓްގެ ދެ ވަނަ ފޭސް ވެސް މި އަހަރު ލޯންޗު ކުރާނަން،" ސްޓުމްކަ ވިދާޅުވި އެވެ.

ސްޓުމްކަ ވިދާޅުވި ގޮތުގައި އެ ހިދުމަތަކީ ކަސްޓަމާކެއާގެ ހިދުމަތްތައް ފުޅާކޮށް، ފަސޭހައިން އެ ހިދުމަތް ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން ތައާރަފް ކުރި ޗެޓްބޮޓެކެވެ.

"ވަރަށް ގިނަ އަދަދެއްގެ ކަސްޓަމަރުންނަށް އަޅުގަނޑުމެން ކޭޓާ ކުރަނީ. އެހެންވެ ކަސްޓަމަރުންގެ ކޯލަށް ޖަވާބު ދިނުމުގައި ލަސްތަކެއް އާދެ. އެ ކަންތައް ހައްލުކޮށް ކަސްޓަމަރު ބޭނުންވާ ވަގުތެއްގައި ހިދުމަތް ލިބޭނެ ގޮތް ހޯދައިދޭން މި ބޮޓް ތައާރަފް ކުރީ." ސްޓުމްކަ ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި ބީއެމްއެލްގެ ޑިރެކްޓާ އޮފް ކަސްޓަމާ ސާވިސް ގުލްނާޒް މާހިރު ވިދާޅުވި ގޮތުގައި "އާޔާ" ފަރުމާ ކުރީ ކަސްޓަމަރުން އާއްމުކޮށް ކުރާ ސުވާލުތަކަށް ބިނާކޮށް ކަމަށެވެ.

"އަޅުގަނޑުމެންނަށް ގުޅާ ކަސްޓަމަރުންގެ 80 ޕަސެންޓަކީ ޕްރޮޑަކްޓާއި ހިދުމަތްތަކުގެ މައުލޫމާތު ހޯދަން ގުޅާ ކަސްޓަމަރުން. އެހެންވީމަ އާއްމުކޮށް އަންނަ ސުވާލުތަކަށް ބަލައި މި ޗެޓް ބޮޓް ޑިޒައިން ކުރީ. މި ޗެޓްބޮޓް އިންޓެލިޖެންޓް ވާނެ، ބޭނުން ބަހަކުން ވާހަކަ ދެއްކޭނެ. 'އާޔާ' އަށް އަންޑަސްޓޭންޑް ނުވާ ވާހަކައެއް ބުނެފި ނަމަ ލައިވް އެޖެންޓަކާ ކަނެކްޓް ކޮށްދޭނެ." އޭނާ ވިދާޅުވި އެވެ.

ބީއެމްއެލްގެ ޗެޓްބޮޓް "އާޔާ"ގެ ހިދުމަތް ބީއެމްލްގެ ވަޓްސްއެޕް، ވައިބާ، އިންސްޓަގްރާމް އަދި ފޭސްބުކްއިން ލިބޭނެ އެވެ.

ބީއެމްއެލްއިން މި އަހަރުގެ އޭޕްރިލް މަހުގެ ނިޔަލަށް ހަތަރު ލައްކައަށް ވުރެ ގިނަ ކަސްޓަމަރުންނަށް ކަސްޓަމާ ކެއާގެ ހިދުމަތް ވަނީ ދީފަ އެވެ.