31 މެއި 2023 - 06:11

އާދިއްތަ ދުވަހާ ގުޅޭ
"ދަރިފުޅަށް އޯކޭތަ؟" ފައިސަލް ބުންޏެވެ.
ޒިޔާން ވިސްނައިލިއެވެ. ފައިސަލް ހިތަށްއެރިއެވެ. ޒިޔާން ބުނާނީ ކީކޭބާއެވެ؟ ނޫނެކޭ ބުނެފި ނަމަ، މައްސަލަ ހައްލުކުރަން ފައިސަލަށް ވަރަށް އުނދަގޫވާނެއެވެ.
"އެއީ ކީއްވެ؟" ޒިޔާން އެހިއެވެ.
"އެއީ ކީއްވެކަން އެނގޭނީ އޭނައަކަށްނު ދަރިފުޅާ!" ލޯތްބާއެކު ފައިސަލް ބުންޏެވެ. "ކޮންމެ ގޮތެއްވިޔަސް އޭނައަކަށް ވެސް އަބަދަކު މި ގެއަކު ނުހުރެވޭނެ. އޭނަގެ ވެސް ލައިފެއް އޮންނާނެއްނު."
"މަންމަ އަންނަނީތަ؟" ޒިޔާން ސުވާލުކުރިއެވެ.
"އަންނަ ވާހަކައެއް ނުބުނޭ!" ފައިސަލް ޖަވާބުދިނެވެ. "އެކަމަކު އެހެން މީހަކު މި ގެއަށް ގެންނާނަން. ސީމާ ކުރި ހުރިހައި ކަމެއް ދެން އޭނަ ކުރާނީ. އޯކޭތަ؟"
ޒިޔާން އެއްޗެއް ނުބުނެއެވެ. އާނއެކޭ ބުނީ ބޮލުގެ އިޝާރާތުންނެވެ. ހީވީ، އެ ގޮތް ބޭނުން ނޫނަސް ގަބޫލުކުރަން ނިންމީހެންނެވެ. ފައިސަލާއި ޒިޔާން ދެއްކި ހުރިހައި ވާހަކައެއް، އެހެން މީހަކު ސިއްރުން އަޑުއަހަންހުރިކަމެއް ފައިސަލަކަށް ނޭނގެއެވެ. ސީމާ ހުރީ ދޮރުގައި ކަންފަތްޖަހައިގެންނެވެ. ގެއިން ދާ ވާހަކަ ސީމާ ބުނީ ފައިސަލް ހާސްކޮށްލާށެވެ. އެހެން މަގުސަދެއް ހާސިލުކުރާށެވެ. ދިޔުމުގެ އެއްވެސް ފިކުރެއް ސީމާގެ ނެތެވެ. ސީމާ ހީކުރީ ޒިޔާން ވެސް އެއްބަސްނުވާނެކަމަށެވެ. އަނގަބަހުން ޒިޔާން ޖަވާބު ނުދިނީމައި ޒިޔާން ނިންމި ގޮތެއް ސީމާއަކަށް ނޭނގެއެވެ. ސީމާ ވިސްނައިލިއެވެ. ހެދޭނެ މާ ގިނަ ގޮތެއް ނެތެވެ. އެނދުގައި އިށީނދެލައިފައި ފޯނު ނެގިއެވެ. ސީމާ ދާންޖެހޭނީ ނޫމާ ދައްތަ ކައިރިއަށެވެ. ދެ ކޮޓަރީގެ ކުޑަ އެޕާޓުމަންޓެއް ކުއްޔަށްހިފައިގެން، ފިރިމީހާޔާ އެކުގައި ދިރިއުޅޭ ދައްތަގެ، އަށާރަ އަހަރުން މަތީ ދެ އަންހެންކުދިން ތިބެއެވެ. ކޮޓަރި ކުޑަކަމުން، ދޭތެރެއަކުން ދެބެން އޮންނަންނީ އަރައިރުންވާންޖެހިފައެވެ. ސީމާ ވަންނަންޖެހޭނީ އެ ކޮޓަރިއަށެވެ. ވަރަށް މައްސަލަ ބޮޑުވާނެއެވެ. އެ ގޭގައި ބަހައްޓާތޯ ފޯނުން އަހައިގެން ދައްތަ އެއްބަސްނުވެދާނެތީ ސީމާ ގަސްތުކުރީ ނުވެސް ބުނެ، ފޮށި ހިފައިގެންގޮސް އެ ގެއަށް ވަންނާށެވެ. އެހެނަސް ހިތަށްއެރިއެވެ. ގެއިން ނުކުންނަންޖެހޭ ހެއްޔެވެ؟ ޒިޔާން އެ ގޮތަށް އެއްބަސްވިހެއްޔެވެ؟ ނުކުންނާށޭ ފައިސަލް ބުނަންދެން ނޭނގިހުންނާނީއެވެ. އެ ގޭގައި ހުރުމަށް ޓަކައި ކުރެވެންހުރި ހުރިހައިކަމެއް ސީމާ ޖެހޭނީ ކުރާށެވެ.
ޕިއްޒާއަށް އޯޑަރުކުރެވޭ ގޮތް ނުވެގެން ޕިއްޒާ ބަލާ ފައިސަލް ނުކުތެވެ. އޭރު ވައިގަދަވެއްޖެއެވެ. ވާރޭދަށުލާނެކަން ފައިސަލަށް ޔަގީންވެއްޖެއެވެ. ވާރޭވެހިގަތީ، ޕިއްޒާ ހިފައިގެން ފައިސަލް ގެއަށް އަންނަނިކޮށެވެ. އަވަހަށް މަގުގެ އެއްފަރާތަށް ޖެހިލައިފައި، އެންމެ ކައިރިއަށް ހުރި އަސްކަނިދަށަށް ވަނެވެ. ފައިލެއް ބޮލުގައި އަޅައިގެން ދުވެފައި އަންހެންކުއްޖަކު ވެސް ހަމަ އެ އަސްކެނިދަށަށް ވަނެވެ. އެއީ އިއްތިފާގެއްކަމަކަށް ފައިސަލަކަށް ގަބޫލެއްނުކުރެވުނެވެ. ޕިއްޒާއަށް އޯޑަރުނުދެވުމާއި، ޕިއްޒާ ގަންނަން ފައިސަލް ނުކުންނަންޖެހުމާއި، ވާރޭވެހިގަތުމާއި، ފައިސަލް ވަން އަސްކަނިދަށަށް އެ އަންހެންކުއްޖާއަށް ވަދެވުމަކީ މާނައިން ފުރިގެންވާ ރޭވުމެއްގެ ނަތީޖާއެވެ. ދަނޑުން ފެނުނު ފަހުން، އިރުއިރުކޮޅާ އޭނަޔާ ދިމާވާނީ ސަަބަބެއް އޮވެގެންނެވެ. އޭނަ ހިނިތުންވެލިއެވެ. ފައިސަލް ވެސް އެ ފަދައިން ޖަވާބުދިނެވެ. ވާރެއަށް ހުއްޓައިލަން އެނގުނީ އެ ވަގުތުއެވެ. އެ ހިސާބުން، އަނެއްކާ ވެސް ދެ މީހުން ވަކިވީއެވެ.
ނިދެންދެން ޒިޔާންގެ މަގަތުގައި އޮވެފައި ފައިސަލް ތެދުވިއެވެ. ބޮޑުކޮޓަރިއަށް ނުކުތް އިރު ޓީވީހުރީ ހުޅުވައިފައެވެ. ސީމާ ފެންނާކަށް ނެތެވެ. ކެއި ޕިއްޒާގެ ބާކީއާއި، ޕިއްޒާ ފޮށި މޭޒުމަތީގައި ހުއްޓެވެ. އެހެންޏާ ދުވަހަކު ވެސް އެހެނެއް ނުވެއެވެ. ސީމާއަކީ އަދަބުވެރި، ތެދުވެރި ކުއްޖެކެވެ. ވަރަށް މުރާލި ކުއްޖެކެވެ. ތަންތަން ސާފުކޮށް، ތަރުތީބުކުރަން ފައިސަލް ބުނާކަށް ނުޖެހޭނެއެވެ. ގޭގައި ސީމާ ހޭދަކުރި އަހަރުތަކުގެ ތެރޭގައި، ނުކިއްސަރު ހާދިސާއެއް ހިނގައިފައިވަނީ އެންމެ ފަހަރަކުއެވެ. ހަމަ އެންމެ ފަހަރަކުއެވެ. އެ ކަމަށް މާފުއެދި، އެ ފަދަ ކަމެއް ސީމާ ފަހުން ތަކުރާރެއް ނުކުރެއެވެ. ފައިސަލް ހިތަށްއެރިއެވެ. މޭޒުމަތި ސާފުނުކޮށް ބަހައްޓައިގެން، ސީމާގެ މުހިންމުކަން ފައިސަލަށް ވިސްނައިދޭން އުޅެނީބާއެވެ؟ އެހެން ހީކޮށް ފައިސަލް ގޮސް މޭޒުމަތި ސާފުކުރިއެވެ. ޓީވީ ނިއްވައިލިއެވެ. އެ ވަގުތު ސީމާގެ ކޮޓަރިން މިޔުޒިކެއްގެ އަޑުއިވުނެވެ. އިއަފޯނުން މިޔުޒިކު އަޑުއަހާ މީހަކު، ފޯނުގެ އިސްޕީކަރު ބޭނުންކުރަނީ ކީއްވެހެއްޔެވެ؟ އެ ސުވާލު އުފައްދަމުން ފައިސަލް ގޮސް ފައިސަލްގެ ކޮޓަރިއަށް ވަންނަން އުޅެފައި ހިތަށްއެރިއެވެ. މޭޒު ސާފުނުކޮށްހުރީތީ ވެސް ސީމާއަށް "ރަނގަޅު" ޚަބަރެއް ދޭންވާނެއެވެ. އެ ކަމަށް މިއަށް ވުރެ މުނާސަބު ވަގުތެއް ނާންނާނެއެވެ. ފައިސަލް ގޮސް ސީމާ ކޮޓަރީގެ ދޮރުގައި ޓަކިޖަހައިލިއެވެ. ސީމާ ދޮރު ހުޅުވިއެވެ. އޭނަ ހުރީ ވަރަށް ނަލަހެދިގެންނެވެ. ހީވަނީ ބޭރަށްދާން އުޅެނީހެންނެވެ. ސީމާއަކީ ރީތި ކުއްޖެކެވެ. ހިތުން ނަމަވެސް ފައިސަލް ޖެހުނީ އެ ކަމަށް އެއްބަސްވާށެވެ.
"ވާހަކައެއް ދައްކައިލަންވެގެން،" ފައިސަލް ބުންޏެވެ. އަދި ސޯފާ ދައްކައިލިއެވެ. "އާދެބަލަ މި ތާ އިށީނދެލަން."
ފައިސަލް ދައްކަންއުޅެނީ ކޮން ވާހަކައެއްކަން ސީމާއަށް އެނގުނެވެ. އެ ކަމަށް ސީމާ ތައްޔާރުވާތާ ކިތަންމެ އިރެކެވެ. ނަލަހެދިގެން މިޔުޒިކުން ފިލިކުރީ ވެސް އެހެންވެއެވެ. ސީމާ ނުކުންނަން ފައިސަލް އެދުމުން ސީމާ ގޮސް އެނދުގައި އިށީނދެލިއެވެ. ދޮރުހުރީ ހުޅުވައިފައެވެ. ސީމާ އިށީން ގޮތަށް ފޯނާކުޅެން ފެށިއެވެ. މުހިންމު ވާހަކައެއް ބުނަން ނެތް ނަމަ، އެ ހިސާބުން ފައިސަލް އެ ތަނުން ދިޔައީހެވެ. އެހެނަސް ފައިސަލް ކޮޓަރިއަށް ވަނެވެ.
"ކިޔާ އެއްޗެއް ކިޔާބަލަ!" ފޯނާކުޅެން އިން ސީމާ ބުންޏެވެ. "އަޑުއަހާށޭ މީނީ."
ސީމާގެ މިޒާޖު އެހައިވަރަށް ބަދަލުވީތީ ފައިސަލް ކުޑަކޮށް ހައިރާންވިއެވެ. ހިތަށްއެރިއެވެ. ކުރިން ފެނުނު ސިފަތަކަކީ ސީމާ ބޭރުފުށުން އުނގުޅައިގެން އުޅުނު ކުލައެއްހެއްޔެވެ؟
"ސީމާ ބުނީމެއްނު މި ވީކު ނިމުމުގެ ކުރިން.." ފައިސަލަށް ބުނެވުނީ އެ ހިސާބަށެވެ.
"ވަން މިނިޓު!" ސީމާ އެދުނެވެ.
ތެދުވެގެން ގޮސް ސީމާ ހުއްޓުނީ ދޮރުކައިރިޔަށެވެ. ސީމާގެ ފަރާތުން ދުވަހަކު ވެސް ހުތުރު މަންޒަރެއް ފެނިފައިނުވާތީ، ވާންއުޅެނީ ކިހިނެއްކަމެއް ފައިސަލަކަށް ނޭނގެއެވެ. ބަލަހައްޓައިގެން ހުރެވުނީއެވެ. ސީމާ ދޮރު ލައްޕައިލިއެވެ. ތަޅުލިއެވެ.
"ސީމާ!" ތަންކޮޅެއް ބާރަށް ފައިސަލް ބުންޏެވެ.
"ޝޫ!" އަމިއްލަ ތުންފަތުގައި އިނގިލި ހުރަސްކޮށްލަމުން ސީމާ ބުންޏެވެ. "ޒިޔާނަށް އަޑުއިވިއްޖެއްޔާ އޭނަ ކީކޭ ހިތަށްއަރާނީ؟ ބިރުން އަހަންނަށް ހަޅޭއްލަވައިގަނެވިއްޖެއްޔާ، އަޑުއިވޭ މީހާ ކީކޭ ހިތަށްއަރާނީ؟ ވިސްނާލަބަލަ! އަހަރެން ނޫޅެމޭ ކަމެއްކުރާކަށް. އެންމެ ސުވާލެއްކޮށްލަން ބޭނުމީ. ކުރަންތަ؟"
ފޫހިވި ވަރުން ޖަވާބެއްދޭން ވެސް ފައިސަލް ބޭނުމެއް ނުވިއެވެ. ޖަވާބެއް ނުދިނުމުން ސީމާ ލާނެތް ހިންޏެއް އައިސްފައި ބަލަހައްޓައިގެން ހުއްޓެވެ. އުމުރު ދުވަހު އެހެން ހުންނަން ޖެހުނަސް ހުންނާނެ ކަހަލަ ގޮތަކަށެވެ.
"އަހަރެން ހުރެދާނަން އިރުއަރަންދެން ވެސް،" ސީމާ ބުންޏެވެ. "ސުވާލުކުރަންވީތަ؟ އާނއެކޭ ބުނީމަ ކުރާނީ."
ސީމާ ބޭނުންވީ ފައިސަލް ލައްވައި ވާހަކަދައްކުވާށެވެ. ފައިސަލް ބޭނުންވީ، ވެގެންވަންޏާ ނޭވައި ވެސް ނުލައި ހުންނާށެވެ.
"ކޮށްބަލަ!" ފައިސަލް ކުރީ އަމުރެކެވެ.
"ކީކޭ ހިތަށްއަރަނީ؟" ސީމާ ސުވާލުކުރިއެވެ.
"ބުނަން ސީމާ!" ރުޅިކޮންޓުރޯލުކުރަމުން ފައިސަލް ބުންޏެވެ. "ތީ އަހަރެން ވަރަށް ނައްޓާކަމެއް. ބުނަން ތި އުޅޭ އެއްޗެއް ތަންކޮޅެއް އޮޅުންފިލާ ގޮތަށް ބުނޭ!"
"ވަރަށް ރުޅިއާދޭ ދޯ؟" ސީމާ ވެސް ރުޅިއައިސްފައި ބުންޏެވެ. "އަހަރެން ވެސް ހާދަ ރުޅިއަޔޭ! އެނގޭތަ އެ ކަން؟ ފައިސަލް ބުނަން ތި އުޅޭ އެއްޗެއް ވެސް ތަންކޮޅެއް ކްލިއަރކޮށް ބުނެބަލަ! މިކްސްޑް މެސެޖުތަކެއްދެނީ ކީއްކުރަން؟ މިހާ ދުވަހު މި ގޭގަ އުޅުނު އިރު ވެސް، ދުވަހަކު ވެސް އަހަރެން އެ ކަހަލަ އެންމެ މެސެޖެއް ވެސް ދިނިންތަ؟"
މަލާމާތާއި ފޫހި އެކުލެވިފައިވާ ގޮތަކަށް ފައިސަލް ހީނލިއެވެ.
"އެ ކަހަލަ ކަމެއް ނުކުރޭ!" ފައިސަލް ބުންޏެވެ. "މިހާރު ތި ކުރަނީ ކޮން ކަހަލަ ކަމެއް؟"
"މި ނޫން ގޮތެއް ނެތޭ!" ގާތަށް ޖެހިލައިފައި ސީމާ ބުންޏެވެ. "ވަރަށް ރީތިކޮށޭ މިި ކަން ކުރަން އުޅުނީ. ޓޯކުކުރަން ދޮރުގަ ނޮކްކުރީމޭ! ކޯލް ވެސް ކުރިން. ޖަވާބުނުދިންތާނގަ ކޯލްބެކް ވެސް ނުކުރޭ! އައި ހޭވް ނޯ ޗޮއިސް. މިހެން ހަދަން ފައިސަލް އަހަންނަށް މަޖުބޫރުކުރީ."
ފައިސަލް އެއްޗެއް ނުބުނެ ހުރެފައި ފޯނު ނަގައިގެން ފޯނާކުޅެން ފެށިއެވެ. ސީމާގެ ރުޅި އެއް ގިޔަރު މައްޗަށް ޖެހިލިއެވެ.
"އަހަރެންގެ ސުވާލަށް ޖަވާބުދީބަލަ!" ސީމާ އެދުނެވެ. "ކީއްވެހޭ އެރޭ އަހަންނާ ދިމާއަށް ބަލަހައްޓައިގެން ހުރީ؟ ކީކޭހޭ ހިތަށްއެރީ؟ ކީއްވެގެންތަ އެ ވަރުގެ ކުޑަކުޑަ ސުވާލަކަށް ޖަވާބުނުދެވިގެން ތި އުޅެނީ؟"
"ސޮރީ!" ފައިސަލް މަޑުމަޑުން ބުންޏެވެ. "އެއީ އަހަރެންގެ މިސްޓޭކެއް."
"އެ ނިމުނީ؟" ސީމާ އެހިއެވެ. "ކިހާ ފަސޭހަ؟ ކަލޭމެން މާލޭމީހުން ހީކުރަނީ އަހަރުމެންނަކީ ކުޅޭކުޅޭ އެއްޗެއްކަމަށްތަ؟"
"ބުނަން ސީމާ!" ހަތަރުކަޅި ހަމަކޮށްލަމުން ފައިސަލް ބުންޏެވެ. "ސީމާއާ ދިމާއަށް ބެލުން އެއީ ކުށެއްކަމަށް އަހަރެން ގަބޫލެއް ނުވެސް ކުރަން އެކަމަކު މާފަށް ވެސް އެދެފިން. ހިނގާ މި ހިސާބަށް މި ކަން ނިންމާލަމާ! ޒައްރަކަށް ވުރެ ކުޑަކުޑަ ކަމެއް ބައްރަކަށް ހެދުމުގެ ބޭނުމެއް ނެތެއްނު! އަހަރެން މިހާރު އެހެން މީހަކު ހަމަޖައްސައިފިން. ވީހާ ވެސް އަވަހަކަށް ސީމާ.."
"ތި ތަންކޮޅު ނައިސްގެނޭ މި މަޑުކުރަނީ،" ގޮތްދޫނުކުރާ ރާގެއްގައި ސީމާ ބުންޏެވެ. "މިހާރު އަހަރެން ތި ހެދީ ބޯޅައަކަށްނު. އަހަންނަށް ތިހެން ހަދައިފިއްޔާ ފައިސަލް ފަހުން ރިގްރެޓްކުރާނެ. ރަނގަޅު މީހުންނަށް އަހަރެން ވަރަށް ރަނގަޅުވާނެ. ނުބައި މީހުނަށް ވަރަށް ނުލަފާވާނެ އިނގޭ. އަހަރެން މި ގެއިން ނެރެލައިފިއްޔާ ލާހިކެއް ނޫން އެކަކަށް ވެސް މި ގޭގަ އުޅޭކަށް. ކަލޭ ފަލީހަތްކޮށްލާފަ ދާނީ ވެސް."
ފައިސަލް ދައްކައިލީ ފޯނެވެ. ހުރިހައި އެއްޗެއް ދިޔައީ ފޯނަށް ރިކޯޑުވަމުންނެވެ.
"އަހަރެން މާފަށްއެދެފިން. އަހަންނަށް ކުރެވުނީ ކީއްކަން ވެސް މީގެން އެނގޭނެ،" ފައިސަލް ބުންޏެވެ. "މާދަމާ އިރުއޮއްސެންވާ އިރަށް ސީމާ ޖެހޭނެ މި ގެއިން ނުކުންނަން."
ފައިސަލް ނުކުމެގެންދިޔަ އިރު ވެސް ސީމާއަށް ހުރެވުނީ ގަބުވެފައެވެ. ރުޅިއައިސްގެން މީހަކު ކުނޑިކުނޑިވެގެން ފައިބާ ނަމަ ސީމާއަށް އެހެންވީހެވެ. ބަދަލުހިފުމުގެ ސިންގާ ހޭރިގެންފައި އޭގެ ވަކިތަކުން ސީމާގެ ހިތް ނޮޅައިލި ކޮށައިލި ކަހަލައެވެ.
ނުނިމޭ