ބަދަލުދިން ކުންފުނި ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރު އަންގަވައިފި
ބަދަލުދިން ކުންފުނި ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރު އަންގަވައިފި

ސަރުކާރުން ބަދަލުދިން ކުންފުންޏާއި އެ ކުންފުންޏަށް ބަދަލުގެ ގޮތުގައި ދިން އަދަދު ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރު އަހުމަދު އާހިދު މިއަދު އަންގަވައިފި އެވެ.

އޭނާ އެގޮތަށް އެންގެވީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން "މިހާރު" އިން މިދިޔަ ފެބްރުއަރީ ހުށަހެޅި ސުވާލުތަކެއްގެ ޖަވާބު ނުދިނުމުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން މިއަދު ބޭއްވި އަޑުއެހުމުގަ އެވެ.

ފިނޭންސް މިނިސްޓްރީ އަށް މިދިޔަ ފެބްރުއަރީ މަހުން "މިހާރު" އިން ފޮނުވި ސުވާލުތަކަށް މިއަދު ދިން ޖަވާބުގައި ބުނީ، ބަދަލު ދިން ކުންފުނިތަކުގެ މައުލޫމާތު ހާމަނުކުރެވެނީ، އެފަރާތްތަކާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އެ މައުލޫމާތެއް އެހެން ފަރާތަކާ ހިއްސާ ނުކުރެވޭނެތީ ކަމަށެވެ.

އެހެންވެ، އެ މިނިސްޓްރީ އާއި "މިހާރު" އާ ދެމެދު ބޭއްވި އަޑުއެހުމުގައި އިންފޮމޭޝަން ކޮމިޝަނަރު އާހިދު ފިނޭންސް މިނިސްޓްރީ އަށް އެންގެވީ، މައްސަލަ ނިމުނު ގޮތުގެ ރިޕޯޓް އެ ކޮމިޝަނުން ފިނޭންސް މިނިސްޓްރީ އަށް ފޮނުވާ ދުވަހުން ފެށިގެން ފަސް ދުވަހުގެ ތެރޭގައި އެ މައުލޫމާތު ހާމަކުރުމަށެވެ.

މިއަދު ބޭއްވި އަޑުއެހުން ފެށުމުގެ ކުރިން ފިނޭންސް މިނިސްޓްރީން ވަނީ "މިހާރު" އިން އެދުނު ތިން ސުވާލުގެ ތެރެއިން ދެ ސުވާލަކަށް ޖަވާބު ދީފަ އެވެ. އޭގައިވާ ގޮތުން މި އަހަރުގެ ފެބްރުއަރީ 19 ގެ ނިޔަލަށް ބަދަލު ދިނީ އެއް ކުންފުންޏަކަށެވެ. އެ ކުންފުންޏަށް ބަދަލު ދިނީ އާބިޓްރޭޝަނުން އެގޮތަށް ނިންމުމުންނެވެ.

މިއަދު ބޭއްވި އަޑުއެހުމުގައި އިންފޮމޭޝަން ކޮމިޝަނަރު ވިދާޅުވީ، ހާމަނުކުރަން ޝަރުތުކޮށް، އެއްބަސްވުމުގައި އޮތް ނަމަވެސް، ޝަރުއީ ކޯޓަކުން ނުވަަތަ ތަންފީޒީ އިދާރާއަކުން އެ މައުލޫމާތު ހާމަކުރަން އެދިއްޖެ ނަމަ އެކަން އެގޮތަށް ކުރަން ވާނެ ކަމަށެވެ.

"ހާއްސަކޮށް 20 ވަނަ މާއްދާ އަށް ބަލާއިރު، އާންމު މަސްލަހަތު އިސްކުރުމަށް ބަލާއިރު އެދިފައި މިވާ މައުލޫމާތަކީ ރައްޔިތުންނަށް އެނގެން ކޮންމެހެން ވެސް މުހިއްމު މައުލޫމާތުތަކެއް ކަމުގައި ދެކެން. އެއީ ދައުލަތުގެ ފައިސާއިން އެހެން ފަރާތަކަށް އެ ފައިސާ ދޭ ކަމުގައިވާ ނަމަ،" އޭނާ ވިދާޅުވި އެވެ.

"ކިތަންމެ ކުޑަ މިންވަރެއް ވެސް ދޭ ކަމުގައިވާ ނަމަ އެދެވެނީ ކޮން ފަރާތަކަށްތޯ އާއި އެ ދެވެނީ ކިހާ މިންވަރެއްތޯ އެނގުމަކީ ރައްޔިތުންގެ މަސްލަހަތު އެހާމެ ބޮޑު ކަމެއް."

ފިނޭންސް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި ދައުލަތުން ގެއްލުމުގެ ބަދަަލަށް 100 މިލިއަން ރުފިޔާ މި އަހަރުގެ ބަޖެޓުން ހޭދަކޮށްފައިވެ އެވެ. މިއީ ބަޖެޓުގައި ގެއްލުމުގެ ބަދަލުގެ ގޮތުގައި ދިނުމަށް ކަނޑައަޅާފައިވާ އަދަދުގެ 99 ޕަސެންޓެވެ. ބަދަލުގެ ގޮތުގައި ހޭދަކުރަން ބަޖެޓު ކުރީ 101 މިލިއަން ރުފިޔާ އެވެ.

މި ކަމާ ގުޅިގެން މިދިޔަ ހަފްތާގައި ފިނޭންސް މިނިސްޓްރީން ވަނީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހާ އެކު ސިއްރު ބައްދަލުވުމެއް ބާއްވައިފަ އެވެ.

"މިހާރު" އިން ކުރި ތިން ސުވާލުގެ ތެރެއިން ދެ ސުވާލަށް ޖަވާބު ދިނީ އެ ބައްދަލުވުމަށް ފަހު އެވެ. ނަމަވެސް އިންފޮމޭޝަން ކޮމިޝަނަރު ވަނީ ހުރިހާ ސުވާލަކަށް ފިނޭންސް މިނިސްޓްރީން ޖަވާބު ދޭން އެދިވަޑައިގެންފަ އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ، އެ މައުލޫމާތު ހާމަކުރެވެން ނެތީ ގާނޫނުގެ 22 ވަނަ މާއްދާގެ ށ. ގެ ދަށުން އެއްބަސްވުމުގައި އެ މައުލޫމާތު ސިއްރުކުރަން އެއްބަސްވެފައިވާތީ ކަމަށެވެ.

މި އަހަރު ބަދަލުގެ ގޮތުގައި ދައުލަތުން 100 މިލިއަން ރުފިޔާ ހޭދަކުރި އިރު މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ދައުލަތުން ވަނީ ގެއްލުމުގެ ބަދަލުގެ ގޮތުގައި އެކި ފަރާތްތަކަށް 1.6 ބިލިއަން ރުފިޔާ ދޫކޮށްފަ އެވެ. އެ ބަދަލުތައް ދޭން ޖެހެނީ ސަރުކާރުން ވެފައިވާ އެއްބަސްވުންތައް ގާނޫނާއި ގަވާއިދާ ހިލާފަށް ބާތިލުކުރަން ޖެހުމުގެ ސަބަބުންނެވެ. މިދިޔަ ހަތަރު އަހަރު ވެސް ވަނީ ގެއްލުމުގެ ބަދަލުގެ ގޮތުގައި ބަޖެޓުކުރި އަދަދަށް ވުރެ އިތުރަށް ސަރުކާރުން ހޭދަކޮށްފަ އެވެ.

ބަދަލު ދިނުމުގެ މައްސަލަތަކުގައި އަމަލުކުރާ އުސޫލާ މެދު ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒު ވެފައިވާ އިރު ދައުލަތުން އެކި ފަރާތްތަކަށް ބަދަލު ދިނުމުގެ ކަންކަން ކުރުމަށް އުފައްދާފައިވާ ސެޓްލްމަންޓް ކޮމިޓީން މައްސަލަތައް ނިންމުމުގައި އަމަލުކުރާނެ މިންގަނޑެއް ނެތުމުން ވަކި ފަރާތަކަށް ނާޖައިޒު ފައިދާ ހޯދައިދީ، ކޮރަޕްޝަނަށް މަގުފަހިވާ ކަމަށް އޭސީސީން ނެރުނު ރިޕޯޓެއްގައި 2021 ވަނަ އަހަރު ފާހަގަކޮށްފައި ވެ އެވެ.