30 މެއި 2023 - 13:15

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީން 13 މެންބަރުން ވަކިވުމާ ގުޅިގެން ދާއިމީ ކޮމިޓީތަކަށް ބަދަލު ގެނައުމުގެ މަސައްކަތް މި ހަފްތާގެ ތެރޭގައި ނިންމާލާނެ ކަމަށް އެ ޕާޓީގެ ޕާލިމެންޓަރީ ގްރޫޕް ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން ވަކިވި 13 މެންބަރުން ވަކި ޕާޓީއަކަށް ނިސްބަތް ނުވާ މެންބަރުންގެ ގޮތުގައި ދަފްތަރު ކޮށްފައިވާ ކަމަށް މަޖިލީހުގެ ރިޔާސަތުން އިއުލާނުކުރީ މިދިޔަ ހަފުތާގެ ހޯމަ ދުވަހު އެވެ.
އެ ބަދަލާއެކު ދާއިމީ ކޮމިޓީތައް އެކުލެވިގެންވާ ގޮތަށް އަންނަ ބަދަލުތައް އިއުލާން ކުރަންދެން ދާއިމީ ކޮމިޓީތަކުގެ މަސައްކަތް އޮތީ މަޑުޖައްސާލައިފަ އެވެ.
އެކަމާ ގުޅޭ ގޮތުން "މިހާރު"ން ސުވާލު ކުރުމުން އަސްލަމް ވިދާޅުވީ މަޖިލީހުގެ އިދާރާ އާ ގުޅިގެން އެ މަސައްކަތް މިހާރު ވެސް ކުރަމުން އަންނަ ކަމަށާއި އެކަމުގައި ދެބަސްވުންތަކެއް ނޫޅޭ ކަމަށެވެ.
އެމްޑީޕީ އަށް އަލަށް ގުޅިވަޑައިގަތް މެންބަރު ވެސް ހިމަނައިގެން ކޮމްޕޮޒިޝަން އަށް އަންނަ ބަދަލު އެ ޕާޓީގެ ފަރާތުން މިހާރު ހުށަހަޅާފައިވާ ކަމަށް އަސްލަމް ވިދާޅުވި އެވެ. އަދި މި ހަފްތާގެ ތެރޭގައި އެ ބަދަލު ގެނެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ހަފްތާ ތެރޭގައި ނިމޭނެ ކަމަށް އުންމީދު ކުރަން. މާދަމް ނޫނީ އަނެއް ދުވަހު އެ މަސައްކަތް ނިންމާލެވޭނެ. އެއަށް ފަހު އިއުލާން ކުރައްވާނެ ގެނައި ބަދަލުތައް،" އަސްލަމް ވިދާޅުވި އެވެ.
އަސްލަމް ވަނީ އެ މަސައްކަތް ނުނިމޭތީ ކޮމިޓީތައް ހުއްޓިފައި އޮތުމުން އެ މައްސަލައިގެ ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި މަޖިލީހުގެ ތިން ބައިކުޅަ ދެބައި މަސައްކަތެއް މިހާރު ނުހިނގަ އެވެ.
އެހެންވެ ވީހާވެސް އަވަހަށް އެ މަސައްކަތް ނިންމައި އިއުލާން ކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްޑީޕީ - 55
ޕީޕީއެމް - 5
ޕީއެންސީ - 3
އެމްއެންޕީ - 3
ޖޭޕީ - 2
އެމްޑީއޭ - 2
ވަކި ޕާޓީއަކަށް ނިސްބަތް ނުވާ - 17