ވިންސެންޓް ގައުމީ ޓީމުގެ ފޯވާޑެއް ޓީސީ އަށް
ވިންސެންޓް ގައުމީ ޓީމުގެ ފޯވާޑެއް ޓީސީ އަށް

މެދުތެރޭ އެމެރިކާގެ ގައުމެއް ކަމަށްވާ ސެއިން ވިންސެންޓުގެ ގައުމީ ޓީމަށް ކުޅެފައިވާ ފޯވާޑް ކޮނޭލިއަސް ސްޓެވާޓް ޓީސީ ސްޕޯޓްސް ކްލަބަށް ގެނެސްފި އެވެ.

އުމުރުން 27 އަހަރުގެ ސްޓެވާޓަކީ އެމެރިކާގެ ދެ ވަނަ އަދި ތިން ވަނަ ޑިވިޝަންގެ ކްލަބްތަކަށް ކުޅެފައިވާ ކުޅުންތެރިޔެކެވެ. އޭގެ ފަހުން އޭނާ ވަނީ ޓްރިނިޑާޑް އެންޑް ޓޮބޭގޯގެ އެއް ވަނަ ޑިވިޝަން ކްލަބް މޯވަންޓް ކެލަޑޯނިއާ ޔުނައިޓެޑާއި ފިންލެންޑުގެ ތިން ކްލަބަށް ކުޅެފަ އެވެ.

އޭނާ ކުޅުނު ފިންލެންޑް ކްލަބްތަކަކީ އެ ގައުމުގެ ފުރަތަމަ ޑިވިޝަންގެ ވޯސަން ޕޮލުސޭރާ އާއި ޕޮލުސޭރާ ކެމީ ކިންގްސް އަދި ދެ ވަނަ ޑިޝަންގެ ކްލަބް އޮއުލޫން ޕޮލުސޭރާ އެވެ.

ސްޓެވާޓް ވަނީ ވިންސެންޓްގެ 20 އަހަރުން ދަށުގެ ގައުމީ ޓީމަށް 14 މެޗުން 13 ލަނޑު ޖަހައިފަ އެވެ. އަދި 2008 ވަނަ އަހަރު ސީނިއާ ގައުމީ ޓީމުން އޭނާ ފުރަތަމަ ފަހަރަށް ފުރުސަތު ހޯދީ ދެކުނު އެފްރިކާގައި 2010 ވަނަ އަހަރު ވޯލްޑް ކަޕް ކޮލިފައިންގައި ކެނެޑާއާ ދެކޮޅަށް ކުޅުނު މެޗުންނެވެ. އޭގެ ފަހުން އޭނާ ސީނިއާ ޓީމަށް ކުޅުނު 36 މެޗުން ވަނީ 13 ލަނޑު ޖަހައިފަ އެވެ.

މި ސީޒަނަށް ޓީމު ވަރުގަދަ ކުރުމަށް ފެންވަރު ރަނގަޅު ބިދޭސީ ކުޅުންތެރިންތަކެއް ޓީސީ އަށް ގެންނާނެ ކަމަށް އެ ކްލަބުން ވަނީ ކުރިން ބުނެފަ އެވެ. ސްޓެވާޓްގެ އިތުރުން ޓީސީން ދެން ގެނެސްފައިވަނީ މިސްރުގެ ޑިފެންޑަރެއް ކަމަށްވާ އީސާ އެލް މަގްރަބީ އެވެ. އަދި އެ ޓީމުގެ ގޯލު މި އަހަރު ބަލަހައްޓާނީ ނޭޕާލް ގައުމީ ޓީމުގެ ކީޕަރު ކިރަން ޝެމްޝޮން އެވެ.

ޓީސީން ބުނީ އިތުރު ބިދޭސީ ކުޅުންތެރިޔަކު ގެނައުމާ މެދު ވަކި ގޮތެއް އަދި ނުނިންމާ ކަމަށާއި ސީޒަން ފަށާއިރު ތިބޭނީ ބިދޭސީ ތިން ކުޅުންތެރިން ކަމަށެވެ. އަދި އިތުރު ބިދޭސީ ކުޅުންތެރިޔަކު ގެނައުމާ މެދު ވިސްނާނީ ސީޒަން ކުރިއަށްދާ ގޮތަށް ބެލުމަށް ފަހު ކަމަށް ބުންޏެވެ.

މިދިޔަ އަހަރުގެ އެއް ވަނަ ކޯޗުގެ މަގާމު ހޯދި މުހައްމަދު ނިޒާމް (ނިޒާމްބެ)ގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ޓީސީ މިހާރު ތައްޔާރުވަމުން އަންނަނީ އަންނަ މަހު 18 އިން މާޗް 1 އަށް ބަންގްލަދޭޝްގައި އޮންނަ ޝެއިޚް ކަމާލް އިންޓަނޭޝަނަލް ކަޕަށެވެ.