30 މެއި 2023 - 12:48

ވިލާ ކޮލެޖުގެ ބިޒްނަސް ސޮސައިޓީން އެ ކޮލެޖުގެ ފެކަލްޓީ އޮފް ބިޒްނަސް މެނޭޖްމަންޓާ ގުޅިގެން ފެސްޓިވަލެއް ބާއްވައިފި އެވެ.

ވިލާ ކޮލެޖުން ބުނި ގޮތުގައި އެއް ދުވަހުގެ މުއްދަތަށް ބޭއްވި އެ ފެސްޓިވަލް ވަރަށް ކާމިޔާބެވެ.
މި ފެސްޓިވަލުގައި އެކި ގޭމުތަކާއި ދަރިވަރުންނަށް އިނޮވޭޓިވް ވިޔަފާރި ކޮންސެޕްޓާއި މާކެޓިން ޕްރެކްޓިސްތައް ބޭނުންކުރާ ގޮތާއި އާ ޕްރޮޑަކްޓު އައިޑިއާތައް ހިމަނައިގެން ޕްރޮޖެކްޓުތަކެއް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އޭގެތެރެއިން އެންމެ މޮޅު ޕްރޮޖެކްޓްސް ވެސް ހޮވި އެވެ.
ވިލާ ކޮލެޖުން ބުނި ގޮތުގައި މި ފެސްޓިވަލަކީ ވިޔަފާރީގެ ތަނަވަސް ހިޔާލުތަކެއް އެއްތަނަކުން ދައްކާލުމުގެ އިތުރުން ކިޔަވަމުން އަންނަ ފިލާވަޅުތައް އަމަލީ ގޮތެއްގައި ބޭނުން ކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން ބޭއްވި ފެސްޓިވަލެކެވެ. ވިޔަފާރީގެ ދާއިރާއަށް ވަނުމަށް ޒުވާނުންނަށް ބާރުއަޅާ ހިތްވަރުދިނުމަކީ ވެސް މި ފެސްޓިވަލްގެ މަގްސަދު ކަމަށް ވިދާޅުވި އެވެ.
މި ފެސްޓިވަލަށް ތިން ސަތޭކައަށް ވުރެ ގިނަ މީހުން ޒިޔާރަތްކުރި ކަމަށް ވިލާ ކޮލެޖުން ބުންޏެވެ. އެ މީހުންނަށް ޓްރޭޑްޝޯއެއްގެ ގޮތުގައި ޕްރޮޑަކްޓް ކޮންސެޕްޓުތައް ވަނީ ދައްކާލައިފަ އެވެ. އަދި އެ ފަރާތްތަކަށް އެކި ބިޒްނަސް ހިޔާލުތައް ހުށަހަޅާ، ފެސްޓިވަލަށް ދަރިވަރުން ތައްޔާރު ކުރި ޕްރޮޖެކްޓުތައް ހިއްސާކުރި އެވެ.
ވިލާ ކޮލެޖުގެ ބިޒްނަސް ސޮސައިޓީގެ ރައީސް މޫސާ މީކާއިލް ބުނި ގޮތުގައި އެ ފެސްޓިވަލަކީ ޒުވާނުންނަށް ވިޔަފާރީގައި ހުރި އާ ހިޔާލުތައް ހުށަހަޅާ، އާ ޕްރޮޑަކްޓުތަކެއް ނެރުމަށް ހިތްވަރުދިނުމުގެ ގޮތުން އެޅުނު ރަނގަޅު ފިޔަވަޅެކެވެ. އަދި މިއީ ވިޔަފާރިއެއް ފެށުމަށް ބޭނުންވާ ފަރާތްތަކަށް ޕޮޓެންޝަލް އިންވެސްޓަރުންނާ ބައްދަލުވުމަށް ލިބިގެންދިޔަ ފުރުސަތެއް ކަމަށް ވެސް ބުންޏެވެ.
އެ ސޮސައިޓީގެ ނައިބު ރައީސް މުހައްމަދު އުވެއިސް ބުނި ގޮތުގައި ފެސްޓިވަލުގެ ހުރިހާ ކަމެއް ވަނީ ފުރިހަމައަށް ގެންގޮސްފަ އެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް އެ ފަދަ ފެސްޓިވަލުތައް ބޭއްވުމަށް ރާވަފައިވާ ކަމަށް އޭނާ ބުންޏެވެ.
މި ފެސްޓިވަލުގައި ޕާޓްނަރުންގެ ގޮތުގައި ދިރާގު، އުރީދޫ، ބޮޑީ ޓެކް، ވިލާ ޓްރޭޑިން، ޝޮޓް ބެރަޖާސް، މާމެއިޑް ސްޓެއިންސް، ޝުގާ އެންކައުންޓާ، ކޭއެންކޭކޭ ކޮންސްޕްޓް ކެންޑްލްސް، ޕޮލަރޮއިޑް އެކްސްޕްރެސް، އޯޕަން އައި ޕްރޮޑަކްޝަންސް އަދި މޯލްޑިވްސް ބިޒްނަސް ނެޓްވޯކުން ވަނީ ބައިވެރިވެފަ އެވެ.