30 މެއި 2023 - 11:56

ރާއްޖެ އެތެރެކުރި އިންޖެކްޝަން ބެޗެއްގައި މައްސަލަ ދިމާވުމުން އެ ބޭނުން ކުރުން އެމްއެފްޑީއޭ އިން މިއަދު މަނާކޮށްފި އެވެ.
އެ އޮތޯރިޓީން ނެރުނު ބަޔާނެއްގައި ބުނީ، އެސިލޮކް (ރެނިޓިޑިން އިންޖެކްޝަން)ގެ ބެޗަކުން ކޮލިޓީގެ މައްސަލަތަކެއް ފެނިފައިވާ ކަމަށެވެ.
އެހެންވެ، އެ ވައްތަރުގެ ބެޗު ނަމްބަރު RP21311 ރާއްޖެ އެތެރެކޮށް، ވިއްކުން އަދި ބޭނުން ކުރުމަކީ މަނާކަމެއް ކަމަށް ބަޔާނުގައި ބުންޏެވެ.
އެ ބޭހުގެ RP21311 ބެޗު އެއްވެސް ފާމަސީއަކުން ނުވަތަ ސިއްހީ ހިދުމަތް ދޭ ތަނެއްގައި ހުރި ނަމަ އެކަން އެ އޮތޯރިޓީގެ ހޮޓްލައިން 7200321 އަށް ގުޅައި އަންގައިދިނުމަށް އެމްއެފްޑީއޭ އިން އެދުނެވެ.
އެ އިދާރާ އިން ބުނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ތެރެއިން ބޭސް ސިޓީ އަށް ބޭސް އެތެރެކުރާއިރު، ހާއްސަ ސަމާލުކަން ދީގެން ޕޯޓްތަކުގައި ބަލައި ފާސްކުރާނެ ކަމަށެވެ.