30 މެއި 2023 - 10:41

ވެމްކޯގެ ޗެއާމަން، މުހައްމަދު އިބްރާހިމް މަނިކާއި އާސަންދަ ބޯޑުގެ މެމްބަރު، އާމިލާ ލަތީފް މަގާމުން ވަކިކުރަން ޕީސީބީއަށް ރައީސް އޮފީހުން ފޮނުވައިފި އެވެ.
އެ ޕާޓީގެ ސްލޮޓްތަކުގައި ސިޔާސީ މަގާމަށް އައްޔަންކުރެއްވި ބޭފުޅުން ޕާޓީ ވަކިވާ ހިސާބުން، މަގާމުން ވަކިކޮށްދޭން ރަސްމީކޮށް އެމްޑީޕީން އޮތީ ރައީސް އޮފީހުގައި އެދިފަ އެވެ.
މަނިކު މި ފަހުން ވަނީ ޑިމޮކްރެޓްސްއަށް ސޮއިކުރައްވައިފަ އެވެ. އޭނާއަކީ ވިލިމާލެ ދާއިރާގެ އެމްޑީޕީގެ ކުރީގެ ރައީސް އަދި އިންތިހާބުތަކުގައި އިސްކޮށް އުޅުއްވި ބޭފުޅެކެވެ. އާމިލާއަކީ ޑިމޮކްރެޓްސްގައި އުފެއްދެވުމުގައި އެންމެ އިސްކޮށް އުޅުއްވާ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފްގެ ކޮއްކޮ އެވެ.
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މިއުވާން ވިދާޅުވެފައި ވަނީ ސަރުކާރުގެ މަގާމުތަކުން ވަކި ކުރަމުންދާ މީހުންނަކީ އެމްޑީޕީގެ ސްލޮޓްތަކުގައި މަގާމުތަކަށް ވަޑައިގަތް ބޭފުޅުން ކަމަށެވެ. އެ ޕާޓީ ދޫކޮށްލުމުން އެ މަގާމުތަކުން އެބޭފުޅުން ވަކިކޮށް ދިނުމަށް އެމްޑީޕީން އެދިފައިވާ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.
ޑިމޮކްރެޓްސްއަށް ސޮއިކުރާ މެމްބަރުން ސިޔާސީ މަގާމްތަކުން ވަކިކުރާ މައްސަލާގައި ދަނީ ފާޑުކިޔަމުންނެވެ.
އެކަމަކު ސިޔާސީ މަގާމްތަކަށް އައްޔަންކުރަނީ ސަރުކާރު ސިޔާސަތުތައް ކުރިއަރުވަން ކަމަށްވާތީ، އެކަމާ ދެކޮޅަށް ނުކުންނަ ހިސާބުން ވަކިކުރެވޭނެ ކަމަށް ސިޔާސީ މަގާމްތަކަށް އައްޔަންކުރުމާ ގުޅޭ ގޮތުން އެކުލަވާލާފައި އޮންނަ އުސޫލުގައިވާ ކަަމަށް ސަރުކާރުން ބުނެ އެވެ.