ޔޫކްރޭނުން ރަޝިޔާއަށް ދޭ ހަމަލާތައް ވަރުގަދަވަނީ
ޔޫކްރޭނުން ރަޝިޔާއަށް ދޭ ހަމަލާތައް ވަރުގަދަވަނީ

ޔޫކްރޭން ސިފައިން ރަޝިޔާގެ އެކި ސަރަހައްދުތަކަށް ވައިގެ މަގުން ދޭ ހަމަލާތައް ރެއިން ފެށިގެން ވަރުގަދަކޮށް އިތުރުކޮށްފައިވާ ކަމަށް ޔޫކްރޭންގެ ދިފާއީ އޮފިޝަލުން މިއަދު ވިދާޅުވެއްޖެ އެވެ.

ޔޫކްރޭންގެ އިރުއުތުރުން ރަޝިޔާއާ ގުޅިފައިވާ ސަރަހައްދުގައި އޮންނަ ރަޝިޔާގެ ސަހަރެއް ކަމަށްވާ ބެލްގޮރޯޑްގެ ބައެއް ތަންތަނަށް ޔޫކްރޭންގެ ވައިގެ ލަޝްކަރުގައި ހިމެނޭ އުޅަނދުތަކުން ރޭ ވަރުގަދަ ހަމަލާތަކެއް ދިނެވެ. ބެލްގޮރޯޑްގެ ގަވަރުނަރު ވިޔަޗެސްލާވް ގްލަޑްކޯވް ވިދާޅުވި ގޮތުގައި އެ ސަހަރުގެ ޝެބެކީނޯ އަވަށަށް ޔޫކްރޭންގެ ވައިގެ އުޅަނދުތަކަކުން މިއަދު ވެސް ބޮން އެޅި އެވެ.

ނަމަވެސް އެ ހަމަލާތައް އަމާޒުވީ އެ އަވަށުގައި ހުރި ސިނާއީ މަސައްކަތް ކުރާ އެކުވެނިތަކަކަށް ކަމަށްވެ އެވެ. ލަކުޑީގައި ލާ ވަރުނީހާއި ދަވާދު އުފެއްދުމުގެ މަސައްކަތްކުރާ ކާރުޚާނާއެއް ހިމެނޭ އެކުވެންޏަކަށް ދިން ހަމަލާގައި ހަތަރު މީހަކަށް އެކި ވަރުގެ ޒަޚަމްތައް ލިބުނެވެ. ނަމަވެސް މީހަކު މަރެއް ނުވެ އެވެ.

ސީދާ ޔޫކްރޭންގެ ވައިގެ ލަޝްކަރުގެ ސިފައިން ބެލްގޮރޯޑްގެ ތެރެއަށް ހަމަލާ ދޭން މި ފެށީ، ރަޝިޔާގެ އިދިކޮޅު ހަނގުރާމަވެރިންތަކެއް، ޔޫކްރޭން ސިފައިންނާ ގުޅިގެން އެ ސަހަރަށް ހަމަލާތަކެއް ދިންތާ ހަފުތާއެއްގެ ތެރޭގަ އެވެ. ރަޝިޔާ ސިފައިން ދިން ރައްދު ހަމަލާތަކެއްގައި އެ ހަނގުރާމަވެރިން ވަނީ ފަހަތަށް ޖައްސައިފަ އެވެ.

ޔޫކްރޭންގެ އިރުމަތީ ބިންތައް ހިފައިގެން ތިބި ރަޝިޔާ ސިފައިންނަށް ވަރުގަދަ ހަމަލާތަކެއް ދިނުމަށް ވެސް ޔޫކްރޭންގެ ސިފައިން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. ޔޫކްރޭންގެ އެއްގަމު ލަޝްކަރުގެ ކޮމާންޑަރު އޮލެކްސަންދަރު ސީރްސްކީ، އެ ގައުމުގެ އިރުމަތީ އަވަށެއް ކަމަށްވާ ލީމާން އަށް ޒިޔާރަތް ކުރައްވައި އެ ތަނުގައި ތިބި ޔޫކްރޭން ސިފައިންނާ ބައްދަލުކުރެއްވި އެވެ.

އޭނާ ވިދާޅުވީ ރަޝިޔާގެ އިސްތިއުމާރީ ސިފައިންނާ ދެކޮޅަށް ވަރުގަދަ ހަމަލާތަކެއް ދިނުމުގެ ވަގުތު ކުޑަތަންވަމުން އަންނަ ކަމަށެވެ. އެހެންކަމުން އެކަމަށް ހުރިހާ ސިފައިންވެސް ތައްޔާރުވެ ތިބުމަށާއި، ހަމަލާތައް ކުރިއަށް ގެންދާނެ ގޮތް މިހާރު ރާވަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން ޔޫކްރޭންގެ ދެކުނުގައި އޮންނަ މަރިއުޕޯލް ސަހަރުގައި ގާއިމުވެ ތިބި ރަޝިޔާ ސިފައިންގެ މަގާމުތަކަށް ޔޫކްރޭން ސިފައިން ދޭ ހަމަލާތައް ވެސް މިހާރު ވަނީ އިތުރުކޮށްފަ އެވެ. މަރިއުޕޯލްގައި ތިބި ރަޝިޔާ ސިފައިންގެ ވަރަށް ގިނަ މަރުކަޒުތަކަށް އިއްޔެ އާއި ރޭ ވެސް ވަރުގަދަ ހަމަލާތަކެއް ދިނެވެ.

ރަޝިޔާ ސިފައިން ހިފާފައިވާ ބިންތައް މިނިވަންކުރުމަށް ޔޫކްރޭން ސިފައިންގެ ހަމަލާތައް ވަރުގަދަ ކުރަމުންދާ އިރު، ރަޝިޔާގެ ވައިގެ ސިފައިން ދަނީ ޔޫކްރޭންގެ ވެރިރަށް ކިޔޭވް އަށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. ކިޔޭވް އަށް ދެމުންދާ ވަރުގަދަ ހަމަލާތަކުގެ ސަބަބުން އެ ސަހަރުން ވަރަށް ބާރުގަދަ ގޮވުންތަކެއްގެ އަޑު މިއަދުވެސް އިވުނު ކަމަށް ސީއެންއެން އިން ބުނެ އެވެ.

ޔޫކްރޭނުން ބުނި ގޮތުގައި ކިޔޭވްގެ އެކި ތަންތަނަށް އަމާޒުކޮށް ރަޝިޔާ ސިފައިން މިއަދު ފޮނުވައިލި ގިނަ އަދަދެއްގެ ޑްރޯންތަކާއި ކްރޫޒް މިސައިލްތަކެއް ވަނީ، ޔޫކްރޭން ސިފައިންގެ ހަމަލާތަކުގައި ވައްޓާލައިފަ އެވެ. އިއްޔެ އާއި ރޭގެ ވަގުތުތަކުގައި ރަޝިޔާ އިން ކިޔޭވް އަށް ފޮނުވައިލި 75 ހަމަލާގެ ތެރެއިން 67 ހަމަލާ އޭގެ އަމާޒަށް ވާސިލުވުމުގެ ކުރިން ވައިގެ ތެރޭގައި ގޮއްވައިލެވުނު ކަމަށް ވެސް ޔޫކްރޭނުން ބުނެ އެވެ.

ޔޫކްރޭންގެ ސިފައިންގެ ވެރިޔާ ޖެނެރަލް ވަލޭރީ ޒަލުޒްނިޔީ ވިދާޅުވި ގޮތުގައި މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ޔޫކްރޭނުން ވައްޓައިލި ރަޝިޔާގެ ހަތިޔާރުތަކަކީ، 37 ކްރޫޒް މިސައިލާއި، އީރާންގައި އުފައްދާފައިވާ ޝާހިދު މަރުކާގެ 29 ޑްރޯން އާއި ރަޝިޔާގައި އުފައްދާފައިވާ ޖާސޫސީ ޑްރޯނެކެވެ.