29 މެއި 2023 - 12:03

ރާއްޖޭގެ ފެންޝަން ފަންޑުގެ ޖުމްލަ 20.5 ބިލިއަން ރުފިޔާއަށް އަރައިފި އެވެ.

ޕެންޝަން އޮފީހުން މިއަދު ކުރުނބާ މޯލްޑިވްސްގައި ފެށި "މޯލްޑިވްސް ފައިނޭންޝަލް ފޯރަމް" ގައި އާންމުކުރި މައުލޫމާތުން އެނގޭ ގޮތުގައި އެކްރޫޑް ޕެންޝަން ރައިޓްސް އާއި ޕެންޝަންގެ އިންވެސްޓްމެންޓް ފަންޑާއި ޝަރީއާ ފަންޑާއި ހައުސިން ފަންޑުގެ ތެރެއިން ފަންޑުގެ ސައިޒު 20.5 ބިލިއަން ރުފިޔާއަށް މިހާރު އިތުރު ވެފައިވާ ކަމަށެވެ.
އެކްރޫޑް ޕެންޝަން ރައިޓްސް އަކީ ޕެންޝަން ގާނޫނަށް އަމަލު ކުރަން ފެށުމުގެ ކުރިން ޕެންޝަން ނުވަތަ ރިޓަޔަމަންޓް ބެނިފިޓެއް ދިނުމަށް ކަނޑައަޅާފައިވާ އުސޫލުގެ ދަށުން އުމުރުން 65 އަހަރު ނުވާ މުވައްޒަފުންނަށް ދެމުން އަންނަ އިނާޔަތްތަކެވެ.
އެކްރޫޑްސް ރައިޓްސް ނުހިމަނާ ގާނޫނު އައި ފަހުން ޕެންޝަން ފަންޑަށް ޖަމާކޮށްފައިވަނީ 16.5 ބިލިއަން ރުފިޔާ އެވެ.
ފައިނޭންޝަލް ފޯރަމްގައި ޕެންޝަން އޮފީހުގެ ސީއީއޯ ސުޖާތާ ހަލީމް ވިދާޅުވީ، ފަންޑުގެ ސައިޒު އެއް އަހަރުން އަނެއް އަހަރަށް ބޮޑުވަމުން އަންނަ އިރު، ޕެންޝަން ފަންޑުގެ ހިއްސާ އޮތީ ޒުވާން އާބާދީއަކަށް ކަމަށެވެ. އެހެންވެ، އެ ފަންޑު މިހާރަށް ވުރެ ވެސް ބޮޑު ކުރުމުގެ ފުރުސަތު އެބަ އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މި ފަންޑު ޒަމާނީ ވަސީލަތްތަކާ އެކު ބޮޑުކުރެވޭނެ އާ ގޮތްތައް ވެސް ހޯދަމުން އަންނަ ކަމަށެވެ.
ޕެންޝަން ފަންޑުގައި 120،000 އަށް ވުރެ މުވައްޒަފުން ބައިވެރިވެ އެވެ. އެއީ 3،000 އަށް ވުރެ ގިނަ އޮފީސްތަކާއި އިދާރާތަކުންނެވެ.
ފައިނޭންސް ފޯރަމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އައިމިނަތު ޝައުނާ ވިދާޅުވީ، މާލީ ދާއިރާ އިން އެންމެ ޒަމާނީ އާ ޓެކްނޮލޮޖީތަކަށް ސަރުކާރުން އަބަދުވެސް އިސްކަން ދެމުން އަންނަ ކަމަށެވެ.
"ފިންޓެކް އަކީ ރާއްޖޭގެ ރަށްތައް ގުޅާލުމަށް މުހިއްމު މަގެއް. މިދިޔަ އަހަރު ރާއްޖެއިން ވަނީ އިލެކްޓްރޯނިކް ޓްރާންސެކްޝަން ހެދުމުގައި މުހިއްމު އަމާޒަކަށް ވާސިލުވެފައި،" އޭނާ ވިދާޅުވީ އެވެ.
މާލީ ދާއިރާ ކުރި އަރަމުން އަންނަ އިރު އެ ދާއިރާގެ ސެކިއުރިޓީ ވަރުގަދަކޮށް ޑޭޓާގެ ރައްކާތެރިކަން މިހާރަށްވުރެ ކަށަވަރު ކުރުމަކީ މުހިއްމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ޝައުނާ ވިދާޅުވީ، ރާއްޖޭގައި އާބާދީގެ ނިސްބަތުން ޓެކްނޮލޮޖީތަކަށް އަހުލުވެރިވެފައިވާ މީހުން އިތުރު އިރު ފިންޓެކް އަކީ ރާއްޖޭގެ އިގްތިސާދު ކުރިއަށް ގެންދިއުމަށް ކުރިއަރުވަން މުހިއްމު ދާއިރާއެއް ކަމަށެވެ. އަދި އެ ދާޢިރާގައި ހުރި ފުރުސަތުތައް އިތުރަށް ހޯދަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.