27 ޖެނުއަރީ 2017 - 09:22

ސައިފް އަލީ ޚާނާއި ކަންގަނާ ރަނާވަތު އަދި ޝާހިދު ކަޕޫރުގެ "ރަންގޫން" ސެންސަރު ކޮށްދިނުމުގައި ސެންސަރު ބޯޑުން ވަރަށް ގިނަ ޝަރުތުތައް ކުރިމަތިކޮށްފި އެވެ. އޭގެ ތެރޭގައި ސިނގިރޭޓް ބޯ މަންޒަރުތަކާއި ބަނގުރާ ފަދަ މަސްތުވާތަކެތި ބޯތަން ދައްކާ މަންޒަރުތަކުގައި އިންޒާރުގެ މެސެޖު ދެއްކުމަށް ވަނީ އަންގައިފަ އެވެ.
ސެންސަރު ބޯޑުގެ ޗެއާމަން ޕެހެލަޖް ނިހަލާނީ ބުނި ގޮތުގައި މީހުންގެ ފަހަތުން ހިނގުމާއި އެމީހުންނާ ހަނގާކޮށް ހެދުމަކީ އެއް ޒަމާނެއްގައި ހިންދީ ފިލްމުތަކުން ދެއްކުން ފެޝަނަކަށް ވިޔަސް މި ޒަމާނުގައި އެއީ މުޖުތަމައު ގަބޫލުކުރާ ކަންތައްތަކަކަށް ނުވާ ކަމަށެވެ.
ވިޝާލް ބަރްދްވާޖް ޑައިރެކްޓްކޮށްފައިވާ "ރަންގޫން"ގެ ބައެއް މަންޒަރުތަކުގައި އެ ފިލްމުގެ އެކްޓަރުން ސިނގިރެޓާއި ބަނގުރާ ބޯ ތަން ދައްކަ އެވެ. އެއީ ދެ ވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ވަރަށް ފެޝަން ކަމަކަށް ވިޔަސް މި ޒަމާނުގައި އެއީ ފެޝަން ކަމަކަށް ނުވާ ކަމަށް ސެންސަރު ބޯޑުން ގަބޫލު ކުރެ އެވެ.
މި ފިލްމަކީ 1940 ގެ އަހަރުތަކުގެ ވާހަކައަކަށް ވާތީ އެ ދުވަސްވަރު އުޅުނު މީހުން ސިނގިރޭޓާއި ބަނގުރާ ފަދަ އެއްޗެތި ފެޝަނަކަށް ހަދައިގެން އަބަދާއިއަބަދު ބޮއި އުޅެފައިވާތީ ފިލްމުގެ މުހިއްމު ކެރެކްޓާތައް ވެސް ފިލްމުގައި އެގޮތަށް މިފަދަ ތަކެތީގެ އިސްތިއުމާލު އަބަދަ އަބަދުކުރާތަން ދައްކަ އެވެ. އަދި މިއީ ފިލްމުން ފުހެލެވެގެން ނެތް ތަންތަނަށް ވާތީ އެފަދަ އެއްޗެއް އިސްތިއުމާލު ކުރާ ތަން ފެންނަ ކޮންމެ ފަހަރަކު ތިރިއަށް އިންޒާރުގެ ލިޔުން އަރުވަން ސެންސަރު ބޯޑުން ވަނީ ފިލްމު އުފައްދާ ފަރާތަށް އަންގާފަ އެވެ. ބޮޑަށް ރަނގަޅީ ފިލްމު ފެށުނީއްސުރެ ނިމެންދެން ވެސް އިންޒާރުގެ ލިޔުން ބޭންދުން ކަމަށާއި ނަމަވެސް އެކަމާ މެދު ގޮތެއް ނިންމާނީ ފިލްމު އުފެއްދި ފަރާތުން ކަމަށް ސެންސަރު ބޯޑުން ބުނެފައި ވެއެވެ.
ސެންސަރު ބޯޑު ޗީފް ބުނީ ޑްރަގް ބޭނުންކުރާތަން ފެންނަ މަންޒަރުތަކާއި ދުންފަތުގެ އިސްތިއުމާލުކުރާ ތަން ފެންނަ މަންޒަރުތައް ފޮހެލަން ސެންސަރު ބޯޑުން އަންގާފައިވާ ކަމަށެވެ. ސަބަބަކީ ފިލްމުތަކުގައި އެފަދަ މަންޒަރުތައް ދައްކަން އެ މީހުން ހިތްވަރު ނުދޭތީ އެވެ. ދުންފަތުގެ އިސްތިއުމާލުކުރުމާއި މީހުންނާއި ފޮށުމާއި މީހުންގެ ފަހަތުން ދިމާކުރަމުން ހިނގުން ފަދަ ކަންތައްތަކަކީ ތަންކޮޅެއް ކުރިން ފެޝަނަކަށް ވެގެން ފލްމުތަކުގައި ދެއްކިޔަސް މިހާރު އާއްމުން އެފަދަ ކަންތައްތައް ބަލައިނުގަންނަ ކަމަށް ޗެއާމަން ބުންޏެވެ.
ސެންސަރު ބޯޑުގެ އެންގުމަށް ބޯ ލަބައިގެން ނޫނީ ފިލްމު ރިލީޒް ނުކުރެވޭނެކަން އެއީ ޔަގީންކަމެކެވެ. އެހެންވެ ފިލްމުން އެ މަންޒަރުތައް ފޮހެލުމުގެ ބަދަލުގައި ތިރިއަށް އިންޒާރުގެ ލިޔުންކޮޅު އަރުވައިގެން ފަރުޖައްސާލަން ފިލްމު އުފައްދާ ފަރާތުން ބޭނުންވާނެ ކަމަށް ބެލެވެ އެވެ.
ދެ ވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ސައިފް އާއި ކަންގަނާ އަދި ޝާހިދުގެ މެދުގައި ހިނގާ ތިނެސްކަން ލޯތްބެއްގެ ވާހަކަ ދައްކުވައިދޭ މި ފިލްމު ރިލީޒްކުރާނީ އަންނަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު އެވެ.