27 ޖެނުއަރީ 2017 - 09:18

ކަރީނާ ކަޕޫރު އޭނާގެ ފުރަތަމަ ދަރިފުޅު ތައިމޫރް ވިހެއީ މިދިޔަ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހު އެވެ. ވިހެއުމަށްފަހު ވެސް ކަރީނާ އެހެން މަންމައިންހެން ގޭގައި ދަރިފުޅު ބަލަން އިނުމުގެ ބަދަލުގައި ފެންނަނީ ރައްޓެހިންނާއެކު ޕާޓީތަކުންނާއި އެކިއެކި ކެއުންތަކުގައި ބައިވެރިވުމަށް ބޭރުގައި އުޅެނިކޮށެވެ. އަދި ބަލިވެ އިނުމުން ގައިގައި ޖެހި މަސްތައް މުޅިން ވިރުވާލާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކަރީނާ ވަނީ އޭނާގެ ކުރީގެ ހަށިގަނޑު އަނބުރާ ހޯދުމާ ވަރަށް ކައިރިއަށް ދަތުރުކޮށްފަ އެވެ.
ކުރިން ވެސް ކަރީނާ ބުނެފައިވަނީ ވިހައިގެން މާ ގިނަ ދުވަހެއް ނުވެ ހަށިގަނޑުގެ ބައްޓަން އަނެއްކާވެސް ބަދަލުކޮށްލާނެ ކަމަށެވެ. ހަށިގަނޑު ހިއްކާލުމުގެ އިތުރުން ކަރީނާ ވަނީ މުޅިން އާ ގޮތަކަށް އިސްތަށިގަނޑު ކޮށާލުމަށްފަހު އޭނާގެ ސިފައަށް ވެސް ވަރަށް ބޮޑު ބަދަލެއް ގެނެސްފަ އެވެ.
ސެލޫނަކުން ކަރީނާ ނުކުންނަނިކޮށް އިންޑިޔާގެ ނޫސްވެރިން ނަގާފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ކަރީނާގެ ސިފައަށް ގެނެސްފައިވާ ބަދަލަކީ ވަރަށް އަޖައިބުވާ ފަދަ ބޮޑު ބަދަލެކެވެ. ބަލިވެ އިނުމުން ސިފައަށް އައި ބަދަލުތައް މިހާރު އެއްގޮތަކަށް ވެސް އޭނާގެ ހަށިގަނޑަކުން ފެންނާކަށް ނެތެވެ.
ވިހެއުމަށްފަހު ކަރީނާ ބޮލިވުޑް މަސައްކަތް ފަށަން ހަމަޖެހިފައިވަނީ މޭ މަހު ޝޫޓިން ފަށާ "ވީރް ދީ ވެޑިންގް" އިންނެވެ. މި ފިލްމުގައި އޭނާއާއެކު ބައިވެރިވަނީ ސޯނަމް ކަޕޫރާއި ސްވާރާ ބާސްކަރް އަދި ޝިކާ ޓަލްސާނިއާ އެވެ.
ސިފަ ރީތިކުރުމަށް ފިލްމު ފަށަންދެން ވެސް ކަރީނާއަށް މަޑުކޮށްނުލެވުނުކަން އޭނާގެ މިހާރުގެ ސިފަ އަށް ބަލާލުމުން ޔަގީންވެ އެވެ.