ފިލްމު އިންޑަސްޓްރީ ދޫކޮށްލަފާނެކަމުގެ އިންޒާރު ރާކޭޝް ރޯޝަން ދީފި
ފިލްމު އިންޑަސްޓްރީ ދޫކޮށްލަފާނެކަމުގެ އިންޒާރު ރާކޭޝް ރޯޝަން ދީފި

ޕްރޮޑިއުސަރު-ޑައިރެކްޓަރު ރާކޭޝް ރޯޝަން އަނެއްކާވެސް ވަރަށް ގުޅިގަދަވެއްޖެ އެވެ. މިފަހަރު އޭނާގެ ފިލްމު ސިނަމާތަކުގައި އަޅުވަން ހަވާލުކުރި އެގްޒިބިޓަރުން ދެކެ އެވެ. އޭނާގެ ފިލްމު "ގާބިލް" ބުދަ ދުވަހު ރިލީޒްކޮށްފައިވާއިރު ޝާހްރުކް ޚާންގެ "ރައީސް" އާ ބޮޑު ކުރިމަތިލުމަކަށް ވަނީ ގޮސްފަ އެވެ.

ފިލްމު އިންޑަސްޓްރީ ދޫކޮށްލަފާނެކަމުގެ އިންޒާރު ރާކޭޝް ރޯޝަން ދީފި
ފިލްމު އިންޑަސްޓްރީ ދޫކޮށްލަފާނެކަމުގެ އިންޒާރު ރާކޭޝް ރޯޝަން ދީފި

އެންމެ ފުރަތަމަ އެގްޒިބިޓަރުން އޭނާ ކައިރީގައި ބުނީ ދެ ފިލްމަށް ވެސް އެއްވަރަކަށް ސްކްރީންތައް ލިބޭނެ ކަމަށެވެ. ނަމަވެސް ފިލްމު ރިލީޒްކުރި ދުވަހު ރާކޭޝް ރޯޝަން އަށް ޝޮކެއް ލިބުނީ އޭނާގެ ފިލްމަށް މާ މަދު ސްކްރީންތައް ލިބިފައިވާކަން ނޫސްތަކުގައި ލިޔެފައިވާތަން ފެނުމުންނެވެ. ކުރިން އޮތީ 50-50 ވާ ގޮތަށް ދެ ފިލްމަށް ސްކްރީންތައް ބަހާލުމަށް ކަމަށް ވިޔަސް އެންމެ ފަހުން ފިލްމު ރިލީޒްކުރިއިރު ސްކްރީންތައް ބެހިގެން ދިޔައީ 40-60 އަށެވެ. "ރައީސް" އަށް 60 ޕަސެންޓް އަދި "ގާބިލް" އަށް 40 ޕަސެންޓެވެ.

ރާކޭޝް ރޯޝަން ބުނި ގޮތުގައި ބޮޑު ދެ ފިލްމެއް އެއް ދުވަހަކު ރިލީޒްކުރުމަކީ ޕްރޮޑިއުސަރުންނާއި ޑިސްޓްރިބިއުޓަރުން އަދި އެގްޒިބިޓަރުންނާއި ފިލްމު ބަލާ މީހުންނަށް ވެސް ރަނގަޅު ގޮތެއް ނޫނެވެ. ސަބަބަކީ ފިލްމު ބަލާ މީހުން ވެސް އެއް ހަފުތާގެ ތެރޭގައި ދެ ފިލްމަކަށް ފައިސާ ޚަރަދުކުރުމަށް ނުކުޅެދޭނެތީ އެވެ. އެހެންވެ އޭނާ ވެސް "ރައީސް" އާ އެއްދުވަހަކު "ގާބިލް" ރިލީޒްނުކޮށް ވޭތޯ ވަރަށް މަސައްކަތް ކުރި އެވެ. ނަމަވެސް އެގްޒިބިޓަރުން އޭނާ ކައިރީގައި ދެ ފިލްމަށް އެއްވަރަށް ސްކްރީން ލިބޭނެކަމަށް ބުނެފައި އެންމެ ފަހު ވަގުތު ޕްރެޝަރަށް ގޮސްގެން ބައެއް ސިނަމާތައް "ރައީސް" އަޅުވަން ދޫކޮށްލީ އެވެ.

ރާކޭޝް ރޯޝަން ބުނީ މިގޮތަށް މިކަންތައްތައް ވަމުންދާނަމަ ފިލްމު އުފެއްދުމުގެ ޚިޔާލު އޭނާ މުޅިން ދޫކޮށްލާނެ ކަމަށެވެ. ސަބަބަކީ އޭނާގެ ފިލްމުގެ ކަލެކްޝަން ދަށްވެއްޖެނަމަ އޭނާ އަށް 150 ކްރޯޑު (1500 މިލިއަން ރުޕީސް)ގެ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހޭނެތީ އެވެ.

އިންޑިޔާ ފިޔަވައި ފިލްމު ރިލީޒްކުރާ ޑުބާއީ، ޔޫކޭ، ޔޫއެސްއޭ، ނިއުޒިލެންޑް އަދި ސިންގަޕޯ ފަދަ ތަންތަނުގައި ދެ ފިލްމަށް ވެސް އެއްވަރަކަށް ސިނަމާތައް ދީފައިވާއިރު އިންޑިޔާގައި މިގޮތަށް ކަންތައް ކުރަން ޖެހުނީ ކީއްވެތޯ ރާކޭޝް ރޯޝަން ވަރަށް ރުޅިއައިސްފައިވާ ސުވާލު ކުރި އެވެ.

މިހާރު ބެލެވޭ ގޮތުން ރާކޭޝް ރޯޝަންގެ ފިލްމު އުޅެނީ ވިޔަފާރީގެ ގޮތުން ޝާހްރުކް ޚާންގެ ފިލްމަށް ވުރެ މާ ފަހަތުގަ އެވެ. ފުރަތަމަ ދުވަހު "ރައީސް" ބަލަން ވަން މީހުންގެ އަދަދު ވަރަށް ގިނަ އެވެ. ބަންދު ދުވަހަކަށް ނުވުމާއެކު ވެސް "ރައީސް" ބަލަން ސިނަމާތައް ފުރެންދެން މހުން ވަދެ ތިއްބެވެ. ނަމަވެސް "ގާބިލް" އެޅުވި ސިނަމާތަކުގެ ފުލްވެފައިވަނީ 40 ޕަސެންޓް ވަރެވެ.

މީގެ ކުރިން ރިތިކް ރޯޝަން ވެސް މި ދެ ފިލްމުގެ ކުރިމަތިލުމާ ބެހޭ ގޮތުން މާ ބޮޑަށް ވަކި ކޮޅަކަށް ޖެހި ވާހަކައެއް ނުދައްކަ އެވެ. ނަމަވެސް މިކަންތައް މިގޮތަށް ދިމާވެ "ގާބިލް"ގެ ވިޔަފާރި ދަށްވުމުން ރިތިކް ވެސް ވަނީ އޭނާގެ ބައްޕަ އަށް ތާއީދުކޮށް ވާހަކަ ދައްކައިފަ އެވެ. އަދި ނާއިންސާފުން ކަންތައްތައް ވާނަމަ އޭނާއަށް ވެސް އެކަންކަމާ އެއްބަސް ނުވެވޭނެ ކަމަށް ވަނީ ބުނެފަ އެވެ.

ފުރަތަމަ ދުވަހުގެ ބޮކްސް އޮފީސް ރިޕޯޓަށް ބަލާއިރު "ރައީސް" އަށް ފުރަތަމަ ދުވަހު 20.50 ކްރޯޑު (205 މިލިއަން ރުޕީސް) ލިބިފައި ވެއެވެ. "ގާބިލް" އަށް ލިބިފައިވަނީ މީގެ ދެބައިކުޅަ އެއްބައިހާ މިންވަރެއް ކަމަށްވާ 10.2 ކްރޯޑު (102 މިލިއަން ރުޕީސް) އެވެ.