28 މެއި 2023 - 13:50

ރާއްޖޭގެ ގައުމީ އެއާލައިންގެ ދަރަޖަ ބިއޯންޑް އަށް ލިބިފައިވާ ކަމަށް ސީއެންއެންގެ ވިޔަފާރި ޝޯ "ކުއެސްޓް މީންސް ބިޒްނަސް"ގައި ބިއޯންޑްގެ ސީއީއޯ ޓޭރޯ ޓަސްކިލާ އަށް ވިދާޅުވެވުނީ އޮޅުމަކުން ކަމަށާއި އެހެންވެ އެކަމަށް މާފަށް އެދޭ ކަމަށް އެ އެއާލައިނުން ބުނެފި އެވެ.
އެ އެއާލައިނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ރާއްޖޭގައި އެއާލައިން އޮތް މަގާމު ހާމަކޮށްދޭން ބޭނުންކުރެވިފައިވަނީ އެންމެ ރަނގަޅު ބަސް ނޫން ކަމަށެވެ. އެހެންވެ މާފަށް ވަނީ އެދިފަ އެވެ.
"މޯލްޑިވިއަން އަކީ ރާއްޖޭގެ ގައުމީ ދަރަޖަ ލިބިފައިވާ ހަމައެކަނި އެއާލައިން. އެ ދަރަޖަ ހޯދުމަށް އަޅުގަނޑުމެން އަދި މަސައްކަތެއް ވެސް ނުކުރަން. އެކަމުގެ މަޝްވަރާއެއް ވެސް ނުހިނގާ،" ބިއޯންޑުން ބުންޏެވެ.
ބިއޯންޑްއިން ބުނީ އެ އާލައިނުގެ އަމާޒަކީ ރާއްޖޭގެ މުއައްސަސާތަކާ ގުޅިގެން ޓޫރިޒަމަށް ތިޔާގިކަން ގެނެސްދިނުން ކަމަށެވެ. އަދި ރާއްޖޭގައި ވަޒީފާގެ ފުރުސަތުތައް އެއާލައިނުން ފަހިކޮށްދީ، ރާއްޖެއަށް ދުރު ގައުމުތަކުން ފަތުރުވެރިން އަންނަ އަދަދު އިތުރުކޮށްދިނުމަކީ އެ އެއާލައިނުގެ އަމާޒެއް ކަމަށް ބުންޏެވެ.
ބިއޯންޑް އަކީ ފުރަތަމަ ޕްރިމިއަމް ލެޝާ އެއާލައިނެވެ. ލަގްޒަރީ ތަޖުރިބާތަކެއް ފަސިންޖަރުންނަށް ފޯރުކޮށްދޭނެ މި އެއާލައިނަކީ ދުރުރާސްތާތަކުގެ ދަތުރުތަކަށް އަމާޒުކޮށްފައިވާ އެއާލައިނެކެވެ.
މި އެއާލައިން މި އަހަރު ފެށުމުގެ މަސައްކަތްތައް އަންނަނީ ކުރަމުންނެވެ.