ޖޫނިއާ އެތުލެޓިކްސް މުބާރާތް އައްޑޫގައި
ޖޫނިއާ އެތުލެޓިކްސް މުބާރާތް އައްޑޫގައި

މި އަހަރުގެ މަކީޓާ އެޓޯލް ޖޫނިއާ އެތުލެޓިކްސް މުބާރާތް މާޗު މަހުގެ 20 އިން 23 އަށް ސ. ހިތަދޫގައި ބާއްވަން އެތުލެޓިކްސް އެސޯސިއޭޝަނުން ނިންމައިފި އެވެ.

އެސޯސިއޭޝަނުން މިހާރު ވަނީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ. އަންނަ މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ބައިވެރިވުމުގެ ފުރުސަތު ދީފައިވާއިރު އެ ފުރުސަތު އޮތީ ރާއްޖޭގެ ސްކޫލްތަކާއި ކޮލެޖްތަކާއި އަދި އެސޯސިއޭޝަނުގެ މެމްބަރު ކްލަބްތަކަށެވެ.

ދިހަ ވަނަ މަކީޓާ އެޓޯލް ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް ކުރިޔަށް ދާނީ އަންހެން އަދި ފިރިހެން ވަކިން ތިން އުމުރުފުރާއަކަށެވެ. އެގޮތުން ހިމެނޭ އުމުރުފުރާތަކަކީ 13 އަހަރުން ދަށް، 16 އަހަރުން ދަށް އަދި 19 އަހަރުން ދަށެވެ. މުބާރާތުގައި ޖުމްލަ 66 އިވެންޓް ކުރިއަށްދާނެ އެވެ.

އެތުލެޓިކްސް އެސޯސިއޭޝަނުން ވަނީ މުބާރާތުގެ ޗެމްޕިއަން ޓީމަށް ކޮންމެ ޖިންސެއް ވަކިން 7000ރ. ގެ ފައިސާގެ އިނާމެއް ދިނުމަށް ނިންމައިފަ އެވެ. ދެ ވަނަ ޓީމަށް 5000ރ. އަދި ތިން ވަނަ ޓީމަށް 3000ރ. ދޭނެ އެވެ.

މި އަހަރުގެ އެޓޯލް އިންޓަ ސްކޫލް އެތުލެޓިކްސް މުބާރާތް އޮންނާނީ އުތުރުގެ ރަށެއްގަ އެވެ. އަދި އިންޓަ ސްކޫލް މުބާރަތް އޮންނާނީ މާލޭގަ އެވެ. ރާއްޖޭގައި އެންމެ ބާރަށް ކުރިއަރަމުން އަންނަ އެއް ކުޅިވަރު ކަމަށްވާ އެތުލެޓިކްސްގެ ޖޫނިއާ އިވެންޓްތަކުގައި ގިނަ އަދަދަކަށް ސްކޫލް ދަރިވަރުން ބައިވެރިވެ އެވެ.