29 މެއި 2023 - 06:11

ނާރުގެ ބައްޔެއް ބޮޑުވެ، ލަވަކިޔުންތެރިޔާ ސެލީން ޑިއޯންގެ އަންނަ އަހަރުގެ "ކަރޭޖް ވޯލްޑް ޓުއާ" ކެންސަލްކޮށްފި އެވެ.

ސީއެންއެން އިން ބުނި ގޮތުގައި ޑިއޯންގެ ސިއްހީ ހާލަތު ގޯސްވަމުން އަންނާތީ އޭނާއަށް ކުރިމަގުގައި ޓުއާ ނުކުރެވިދާނެ އެވެ.
މިދިޔަ ހޮނިހިރު ދުވަހު ޑިއޯންގެ އިންސްޓަގްރާމުގައި ކުރި ޕޯސްޓެއްގައި ބުނީ ޓުއާ ކެންސަލް ކުރަންޖެހޭތީ ހިތާމަކުރާ ކަމަށާއި އެކަމަށް ފޭނުންގެ ކިބައިން މާފަށް އެދޭ ކަމަށެވެ.
"އަހަރެންގެ ސިއްހީ ހާލަތު ރަނގަޅުވޭތޯ ވަރަށް މަސައްކަތް އެބަ ކުރަން. އެކަމަކު، 100 ޕަސެންޓު ރަނގަޅުކޮށް ހުރެ ވެސް ޓުއާ ކުރުމަކީ އުނދަގޫކަމެއް. ޝޯތައް ފަސްކުރުމަކީ އެންމެ އިންސާފުވެރި ގޮތެއް ނޫން. އެހެންވެ، އެންމެ ރަނގަޅުގޮތަކީ އަހަރެންގެ ހާލު އެއްކޮށް ރަނގަޅުވަންދެން، މިހާރަށް ބާއްވަން ހަމަޖެހިފައިވާ ހުރިހާ ޓުއާއެއް ކެންސަލް ކުރުން. އުންމީދު ކަނޑައެއް ނުލާނަން، އަދި ތިއެންމެންނާ އަލުން ބައްދަލުވާން މިހުރީ ކެތްމަދުވެފައި،" ޑިއޯން ބުންޏެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ޑިއޯން ވަނީ ނާރުގެ ބައްޔެއް ކަމަށްވާ "ސްޓިފް ޕާސަން ސިންޑްރޯމް" ޖެހުނު ކަން އިއުލާނުކޮށް، އޭނާއަށް ރަނގަޅަށް ލަވަނުކިޔޭތީ ގިނަ ޝޯތަކެއް ބާއްވާ ތާރީހު ފަސްކޮށްފަ އެވެ.
ސިއްހީ އިދާރާތަކުން ބުނާ ގޮތުގައި، އެ ބައްޔަކީ ހަށިގަނޑުގެ ނާރުތަކަށް، ހާއްސަކޮށް ސިކުނޑި އާއި ސްޕައިނަލް ކޯޑަށް ވަރަށް ބޮޑަށް އަސަރުކުރާ، ވަރަށް މަދުން ފެންނަ ބައްޔެކެވެ.
ޑިއޯން ބުނީ ބައްޔަށް ފަރުއާކުރަމުން އަންނަ ކަމަށާއި، އެ ބަލީގެ ސަބަބުން ލަވަކިޔުމުގެ އިތުރުން އޭނާގެ އާންމު ދިރިއުޅުމަށް ވެސް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.
ބޭރުގެ ނޫސްތަކުން ބުނާގޮތުގައި، ޑިއޯންގެ ކޮންސަޓުތަކަށް ދާން ޓިކެޓު ގަނެފައިވާ ފަރާތްތަކަށް ރިފަންޑު ދޭން މިހާރު ވަނީ ފަށައިފަ އެވެ.