26 ޖެނުއަރީ 2017 - 13:17

މާދަމާ މާލޭގައި ފަށާ ވޯލްޑް ޗެމްޕިއަންޝިޕް އަންހެން ވޮލީބޯޅަ މުބާރާތުގެ އޭވީސީ ކޮލިފައިން ބުރުގައި ރާއްޖޭގެ ޓީމަށް ހިތްވަރާ އެކު މަސައްކަތް ކޮށްފިނަމަ ތަފާތު ދެއްކޭނެ ކަމަށް ގައުމީ އަންހެން ވޮލީ ޓީމުގެ ކޯޗު އަހުމަދު އަދީލް (ބޭބެ) ބުނެފި އެވެ.

އޭޝިއާގެ ފައިނަލް ކޮލިފައިން ބުރުން ޖާގަ ހޯދަން މި ގްރޫޕްގައި ވާދަކުރާނީ ރާއްޖޭގެ އިތުރުން ނޭޕާލާއި އިރާން އެވެ. ފުރަތަމަ މެޗުގައި މާދަމާ ހަވީރު ރާއްޖެ ކުޅޭނީ ނޭޕާލްއާ ދެކޮޅަށެވެ.
މިދިޔަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖޭގެ އަންހެން ޓީމު ވަނީ ނޭޕާލް އަތުން ބަލިވެފަ އެވެ. ނޭޕާލް އަކީ މި ސަރަހައްދުގެ ގައުމުތަކަށް ބަލާއިރު އަންހެން ވޮލީގައި ކުރިއެރުން ހޯދަމުން އަންނަ ގައުމެކެވެ.
ރާއްޖޭގެ ކޯޗު އަދީލް މިއަދު "މިހާރަ"ށް ބުނީ ރާއްޖޭގެ އަންހެން ޓީމު ވެސް ވަނީ ބޮޑު ކުރިއެރުމެއް ހޯދާފައި ކަމަށެވެ.
"މިދިޔަ އަހަރުގެ ގޭމްސް އަށް ގާތް ގަނޑަކަށް ހަމަ އަހަރެއް މިވީ. އޭރާ އަޅާކިޔާއިރު ވެސް އަންހެން ވޮލީ ޓީމު ވަނީ ބޮޑު ކުރިއެރުމެއް ހޯދާފައި. މި ކުޅުންތެރިންގެ ޕްރެކްޓިސްތަކުން އެބަ ފެނޭ އެކަން. ހަގީގަތުގައި މުޅި ޓީމު އޮތީ ރަނގަޅު ރޫހެއްގައި. އެންމެންގެ އަޒުމަކީ ވެސް މޮޅުވުން،" އަދީލް ބުންޏެވެ.
މި މުބާރާތުގައި ވާދަކުރާ އަނެއް ދެ ޓީމުން ވެސް ވަނީ ތައްޔާރުވުމުގެ ގޮތުން މެޗުތަކެއް ކުޅެފަ އެވެ. ރާއްޖޭގެ ޓީމަށް މެޗުތަކެއް ކުޅެން ނުލިބުނު ނަމަވެސް އަދީލް ބުނީ ތައްޔާރީތަކާ މެދު ޖުމްލަކޮށް ހިތްހަމަ ޖެހޭ ކަމަށެވެ.
"ޓީމު އެކުގައި ގިނަ ދުވަސްތަކެއް ވަންދެން ޕްރެކްޓިސް ކުރުމަކީ ވެސް ފައިދާ ބޮޑު ކަމެއް. ވާދަވެރި ޓީމުތަކަށް އޮތީ މުބާރާތް ކުޅުމުގެ ކުރިން ކުޅުނު މެޗުތަކުގެ އެޑްވާންޓޭޖް. އެކަމަކު އަހަރެމެންނަށް އޮތް ވަރަށް ބޮޑު އެޑްވާންޓޭޖެއް އަމިއްލަ ގައުމުގައި ކުޅުމަކީ. އޭގެ ބޭނުން ހިފޭނެ،" އަދީލް ބުންޏެެވެ.
އަންހެން ވޮލީގެ ކޯޗެއްގެ ގޮތުގައި އަދީލް މަސައްކަތް ކުރަން ފެށި ފަހުން އެ ޓީމު އަންނަނީ މެޗަކަށް ފަހު މެޗެއްގައި ކުޅުން ރަނގަޅު ކުރަމުންނެވެ. މިދިޔަ އަހަރު އިންޑިއާގައި އޮތް ސައުތު އޭޝިއަން ގޭމްސްގައި ވެސް އެކަން ފެނުނެވެ.
އަދީލް ބުނީ ހުރިހާ ކުޅުންތެރިން ވެސް ވަރަށް ބުރަކޮށް މަސައްކަތްކުރާ ކަމަށެވެ.
"އަބަދުވެސް ކުޅުންތެރިން ބަލާނެ މެޗަކަށް ފަހު މެޗެއް ރަނގަޅު ކުރަން. އެއީ ވަރަށް މުހިއްމު ކަމެއް. މި ޓީމަށް ކުރިއެރުން ލިބުމުގެ ސިއްރަކީ ވެސް އެއީ ކަންނޭނގެ. ކުޅުންތެރިންގެ އިތުބާރު ދަމަހައްޓައިގެން ބޭނުންވާ ކާމިޔާބު ހޯދަން މަސައްކަތް ކުރެވޭނީ،" އަދީލް ބުންޏެވެ.
މި މުބާރާތުގައި ރާއްޖެއާ ވާދަކުރާ އަނެއް ދެ ޓީމު ކަމަށްވާ ނޭޕާލާއި އީރާން އަކީ ފެންވަރު ރަނގަޅު ކުޅުންތެރިން ތިބި ޓީމެއް ނަމަވެސް ރާއްޖޭގެ ކުޅުންތެރިންނަށް ވެސް ތަފާތު ދެއްކޭނެ ކަމަށް އަދީލް ވަނީ ބުނެފަ އެވެ.
"ނޭޕާލަކީ ވެސް މި ސަރަހައްދުގައި ފާހަގަކޮށްލެވޭ ޓީމެއް. ދެން އީރާނަކީ މި ސަރަހައްދަށް ވުރެން ތަންކޮޅެއް ވަރުގަދަ ހިސާބެއްގައި ވާދަކުރާ ޓީމެއް. މި ދެ ޓީމާ ދެކޮޅަށް އަހަރެމެން ނުކުންނާނީ އެކަން ދަނެގެން. އަހަރެމެންގެ ހުނަރާއި ސަޕޯޓަރުންގެ ހިތްވަރާ އެކު ނަތީޖާ ނެރެން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަން،" އަދީލް ބުންޏެވެ.
އޭނާ ބުނީ ޓީމުގައި އަނިޔާގެ ކުދި މައްސަލަތަކެއް އެބަހުރި ކަމަށާއި އުއްމީދުކުރަނީ މާދަމާގެ މެޗަށް އެ ކުޅުންތެރިން ވެސް ފިޓްވާނެ ކަމަށެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި ރާއްޖެ އާއި ނޭޕާލް ބައްދަލުކުރާނީ މާދަމާ ހަވީރު އެވެ. ހޮނިހިރު ދުވަހު ހަވީރު ނޭޕާލާއި އީރާން ވާދަކުރާއިރު، ފަހު މެޗުގައި އާދިއްތަ ދުވަހު ހަވީރު ރާއްޖެ ކުޅޭނީ އީރާންއާ އެވެ. މުބާރާތުގެ ހުރިހާ މެޗެއް ވެސް އޮންނާނީ ހަވީރު 5 ޖަހާއިރު އެވެ. މެޗުތައް ކުޅޭނީ ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގަ އެވެ.