09 ޖޫން 2016 - 16:45

ސްވިޒަލެންޑުގައި ދިރިއުޅޭ ދިވެހި ފޮޓޯގްރާރަފު އިބްރާހިމް އުޝާފަތު (އުޝާ) އެ ގައުމުގެ ޚާމް ސިޓީ ކައުންސިލްގެ އެވޯޑްސްގައި ފޮޓޯގްރަފީ އިން ޗެމްޕިއަން އެވޯޑް ހާސިލްކޮށްފި އެވެ.
މިއީ އެ ސިޓީގައި ދިރިއުޅޭ މީހުންގެ ތެރެއިން ކުޅިވަރާއި އިޖްތިމާއީ ދާއިރާ އަދި އެ ނޫން ވެސް އެކި ދާއިރާތަކުން ހާއްސަ މަސައްކަތްތައްކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ކޮންމެ އަހަރަކު އެއް ފަހަރު ދޭ އެވޯޑެކެވެ.
ޕްރޮފެޝަނަލް ފޮޓޯގްރާފަރެއްގެ ގޮތުގައި މަސައްކަތްކުރާ އުޝާ ވަނީ މިދިޔަ އަހަރު ފޮޓޯގްރަފީގެ ދާއިރާއިން ހާއްސަ މަސައްކަތްތަކެއްކޮށްފަ އެވެ. އެގޮތުން މިދިޔަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި 100 މީޓަރު ދުވުމުން ރަން މެޑަލް ހޯދި ރާއްޖޭގެ ހަސަން ސާއިދުގެ ކާމިޔާބީއާ ގުޅޭ ހާއްސަ ފޮޓޯ މައުރަޒެއް ލަންޑަނުގައި ބޭއްވި އެވެ.
"އަޅުގަނޑުގެ މަސައްކަތް ރާއްޖޭން ބޭރު ގައުމެއްގެ ސަރުކާރަކުން ގަބޫލުކުރުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް. އެންމެ ބޮޑު އުފަލަކީ މި އެވޯޑް ލިބުމުގެ ފަހަތުގައި އޮތީ ރާއްޖެއާ ގުޅޭ މަސައްކަތްތަކަކަށް ވުން. ރާއްޖޭގެ ކުޅިވަރާއި ސަގާފަތް ޕްރޮމޯޓްވާ ފަދަ އެގްޒިބިޝަންތަކެއް މިދިޔަ އަހަރު ބޭއްވިން،" އުޝާ ބުންޏެވެ.
ޓިއުނީޝީއާގައި ބޭއްވި ފޮޓޯ މައުރެއްގައި ރާއްޖޭގެ ސަގާފަތާ ގުޅޭ ފޮޓޯތަކެއް ވެސް އުޝާ ދައްކާލި އެވެ.