28 މެއި 2023 - 07:38

ބުދަ ދުވަހާ ގުޅޭ
"އަހަރެން މިގެއިން ދިޔަސް ހެޔޮތަ؟" ސީމާ އެހިއެވެ.
ގޭމުކުޅެންއިން ފައިސަލްގެ ދެކަޅި، ސީމާގެ ދެކަޅިޔާ ދެން ވެސް ބައްދަލުވާ ގޮތެއް ނުވިއެވެ. ވަރަށް ނޭނގިފައި، ހައިރާންވެފައި ފައިސަަލަށް އެހުނީހެވެ. ކިހިނެއްވީހެއްޔެވެ؟ ގެއިން ދާންޖެހުނީ ކީއްވެގެންހެއްޔެވެ؟ އެހެން ނޭހުނީ ފައިސަލަށް ސަބަބު އެނގޭތީއެވެ. ހުރިހައި ވެސް މައްސަލައަކީ، ސީމާއަށް ސިގުނަލެއްދިނުމަށް ފަހު ފައިސަލް ނުދެނަހުރިކަމަށް ހެދީމައެވެ. ސީމާ ދޭންއުޅުނު ދައުވަތު ބޮލާލައިޖެހީމައެވެ. ވީމާ، ފައިސަލް ފެންނަ ފަށުގައި އުޅެން ސީމާއަށް އުނދަގޫވީއެވެ. ފައިސަލް ވާހަކަދެއްކީ، އެ ހުރިހައިކަމެއް އެނގޭ މީހަކު ވާހަކަދައްކާ ގޮތަށެވެ. ފައިސަލް ސުވާލެއް ނުކުރެއެވެ.
"ޓަސްލާފަ ސީމާ ހިނގައްޖެއްޔާ ޒިޔާން ވަރަށް ދެރަވާނެ." ގޭމުކުޅެމުން ފައިސަލް ބުންޏެވެ.
ސީމާ ގާތަށްއައީ އަމަށަކު ރުޅިއެއް ނޫނެވެ. ރިމޯޓު ނަގައިފައި ޓީވީ ނިއްވައިލިއެވެ.
"ކީއްވެ އަހަންނާ ދިމާއަށް ބަލަން ތިހާ އުނދަގޫވެގެން ތި އުޅެނީ؟" މަޑުމަޑުން ސީމާ އެހިއެވެ.
ފައިސަލް އިސްޖަހައިލިއެވެ. އަތުގައި އޮތް ކޮންޓުރޯލަރާ ކުޅެން ފެށިއެވެ. ހީވަނީ އެއީ ފައިސަލް އަލަށް ދުށް އެއްޗެއްހެންނެވެ.
"ޒިޔާން ވަރަށް ދެރަވާނޭ؟" މަޑުމަޑުން ސީމާ ބުނެލިއެވެ. "ޒިޔާން އެކަނިތަ ދެރަވާނީ؟ ބުނެބަލަ!"
ސީމާއަކީ އެހައި ކެރޭ ކުއްޖެއްކަމަކަށް ފައިސަލް ހިޔެއްނުކުރެއެވެ. އެހައިތަަނަށް ފައިސަލަށް ފެނިފައިވަނީ ސީމާގެ މަޑުމައިތިރިކަމާއި، މުރާލިކަމެވެ. އާމިރާ އުޅުނު އިރު ފައިސަލަށް ކުރި އިހުތިރާމަކަށް ސީމާ އެއްވެސް ބަދަލެއް ނުގެނެއެވެ. އެއްގެއެއްގައި އުޅުނަސް، ފައިސަލާއި ސީމާގެ ދެމެދުގައި ބިއްލޫރި ފާރެއް ހުރަސްވެފައިވާ ކަހަލައެވެ. ކުއްލިއަކަށް އެ ބިއްލޫރިގަނޑު ފުނޑުފުނޑުވެގެން ފޭބީއެވެ.
"އަހަރެން ހިޔެއްނުކުރަން ސީމާއަކީ ތި ގޮތަށް.." އިސްޖަހައިލައިގެން އިން ފައިސަލަށް ބުނެވުނީ އެ ވަރަށެވެ.
"މީ ކާކު ކުރި ކަމެއް؟ އޭނ؟" ސީމާ ވާހަަކަދެއްކީ ޒިޔާން އުޅޭކަން ދަނެގެން މަޑުމަޑުންނެވެ. "މާ މާތްވާން އުޅޭނެކަމެއް ނެތް. ބެހެއްޓި ހިސާބެއްގަ ހުންނަން އަހަންނަށް އެނގޭނެ. ތީ ހަމަ ފައިސަލްގެ ވައްތަރު. ވަރަށް ފޫހިވޭ! އާމިރާއްތައަށް ވެސް ހަމަ ތިހެނެއްނު ހެދީ. ކޮންމެ ކަމެއް ކޮށްފަ ބްލޭމްކުރާނީ އާމިރާއްތަ. ސީމާއަކީ ތި ގޮތަށް އުޅޭ ބަނޑޭހަންގަނޑޭ ކިޔާނެކަމެއް ނެތް. ފައިސަލް އުޅުނީ ތިހެންތަ؟ ހަމަ އެކަނި ޒިޔާނަށްޓަކާ ވީކެއް ވަންދެން މަޑުކުރާނަން. ކޮންމެ އެއްގޮތަކަށް ނިންމާ!"
"ކޮބާ ތީގެ މާނައަކީ؟" ސީމާއަށް ބަލައިލައިފައި ފައިސަލް އެހިއެވެ.
"އެ ވެސް އަހަރެންތަ ބުނަން ޖެހެނީ؟" ފައިސަލް ކައިރިއަށް ރިމޯޓު ހޫރައިލަމުން ސީމާ ބުންޏެވެ. "ހަނދާންކުރާތި! ވަން ވީކު. އެކަމަކު ދެން އަހަންނާ ވާހަކަނުދައްކާތި!"
ސީމާ ގޮސް ސީމާގެ ކޮޓަރިއަށް ވަނެވެ. ފައިސަލް ވިސްނަން އިނެވެ. ގޯސްހެދުނީ ކާކަށްކަން ފައިސަލަށް އެނގެއެވެ. ދެން ވެސް ރުޅިއާދެވުނީ އާމިރާދެކެއެވެ. އާމިރާ ނުދިޔަ ނަމަ، އެ މައްސަލަ ދިމާނުވާނެތީއެވެ. ވަގުުތުން ފޯނުނަގައިފައި އާމިރާއަށް މެސެޖެއް ފޮނުވައިލިއެވެ.
"މިހާރު ގުޅާ! ނުގުޅައިފިއްޔާ ފަހުން ވަރަށް ދެރަވާނެ." މެސެޖެއް ލިޔެފައި އާމިރާއަށް ފޮނުވައިލިއެވެ.
އިރުކޮޅެއް ނުވެ އާމިރާ ވައިބާއިން ގުޅިއެވެ. ގުޅިއެއްކަމަކު ވާހަކައެއް ނުދައްކައެވެ. ފައިސަލް ވެސް ވާހަކަނުދައްކައި އިނެވެ. މިނެޓެއްހައި އިރުގެ ހަމަހިމޭންކަމަށް ފަހު އާމިރާ ފޯނުކަނޑައިލިއެވެ. ފައިސަލް ގުޅިއެވެ. އާމިރާ ފޯނު ނެގީ ނުނަގަން ހުރެފައެވެ.
"ވާހަކަނުދައްކާ ތި ކަނޑާލީޔޯ؟" ރުޅިއައިސްފައި ފައިސަލް ބުންޏެވެ. "ފިރިމީހާޔާ އަނގައިންބުނުން ވެސް ހަރާންވީތަ؟"
"ތިޔޭ އަހަރެން ފޯނު ނުކުރާކަމަކީ. އަހަންނަށް އެނގޭ އަބަދު ވެސް ރޭސްވެފަކަން ހުންނާނީ. ޒިޔާނަށް ކަމެއްވީކަމަށް ހީކޮށް މި ގުޅީ،" އާމިރާ ބުންޏެވެ. "އަހަރެން ވާހަކަނުދައްކާ ވާހަކަބުނާ އިރު ފައިސަލް ހާދަ ވާހަކައެކޭ ދެއްކީ. މަ ބޭނުމެއް ނޫން މޫޑުސަކަރާތްވާކަށް. ބާއްވަނީ."
"މަޑުކޮށްބަލަ!" ފައިސަލް އެދުމުން އާމިރާ ފޯނު ނުބާއްވައި އަޑުއަހަން އިނެވެ. "އާމިރާ ތި ދިޔައީ އަންނަ ގޮތަށްތަ؟ މީން ދުވަހަކު މާލެއަންނާނަންތަ؟"
"ފައިސަލް ބުނޭ އަންނާށޭ! މާދަމާ ދާނަން ތިކޮޅަށް،" އާމިރާ އިތުރު ފުރުސަތެއްދިނެވެ. "ބުނޭ އަންނާށޭ! ބުނޭ!"
އެހެން ބުނެފިއްޔާ ފައިސަލް ދަށްވީއެވެ. އާމިރާގެ ދެފައިބުޑަށް ވެއްޓުނީއެވެ. ފައިސަލް ވިސްނީ އެ ގޮތަށެވެ. އެ ގޮތަށް އާމިރާ ގެއަށް ގެނެސްފި ނަމަ، ނޭވަޔަކު ދެކޮޅު އާމިރާ އެ ވާހަކަ ގޮވައިލާނެއެވެ. މީހުން އެންމެ ގިނަވާ ވަގުތަކު ފައިސަލް ލަދުގަންނަވައިލާނެއެވެ. އެ ފުރުސަތެއް ފައިސަލް ނުދޭނެއެވެ. ދެން އިވުނީ އާމިރާ ފޯނުކަނޑައިލި އަޑެވެ. ފައިސަލް ގުޅައިގުޅައި ވެސް އާމިރާ ދެނެއް ފޯނެއް ނުނެގިއެވެ.
އާމިރާ ދިޔުމުން ގެއަށް ވެރިވި ފަޅުކަމުގެ މައްޗަށް އަނެއް ނުތަނަވަސްކަން ހިޔަނިއެޅިއެވެ. ފައިސަލްއަކާ ސީމާ ވާހަކައެއް ނުދައްކައެވެ. ޒިޔާން ކައިރީގައި ހުންނަ ފަހަރުތައް ފިޔަވައެވެ. މައްސަލައެއްޖެހިގެން އުޅޭކަން ޒިޔާނަށް އަންގާކަށް އެކަކު ވެސް ބޭނުމެއް ނުވެއެވެ. އެހެނަސް، ކުރިން ވެސް ގޭގައި ސީމާ ކުރި ހުރިހައިކަމެއް، ހަފުތާއެއް ވަންދެން ކޮށްދޭން ސީމާ ހުރީ ނިންމައިގެންނެވެ. ސީމާގެ ބަދަލުގައި ގޭގައި ބަހައްޓާނެ ކުއްޖަކު ލިބޭތޯ ފައިސަލް މީސްމީޑިޔާގައި އަތްފުނާއެޅިއެވެ. އެކި ރައްޓެހިން ގާތުގައި އެހީއަށް އެދުނެވެ. ކޮފީމޭޒެއް ދޮށުގައި އިނަސް ފައިސަލް އިންނަނީ ފޯނުން އެތައްމިތަން ހާވާށެވެ.
"ތިއަށް ވުރެ މާ ރަނގަޅެއްނު އެޑެއް ޖެހިއްޔާ!" ކޮފީމޭޒުގެ އަނެއް ފަރާތުގައި އިން ސިރާޖު އެދުނެވެ. "ޖަހާ ދެ ކުދިން ބަލާނެ ދިވެއްސަކު ބޭނުމޭ! ނޭޕާލް ބިޓެއް ގެންނަމާ! އެ ކުދިން ވަރަށް ހިތްހެޔޮވާނެ. ޝަކުވާއެއް ނުކުރާނެ. ބޮސް ބުނާ އެއްވެސް ކަމަކަށް ނޫނެކޭ ނުބުނާނެ."
ފައިސަލް ލޯއަޅައިލިއެވެ. ސިރާޖު ފެންނަކަމަކަށް ނެހެދިއެވެ. އެ ދަނޑިވަޅަކީ ދެ އަންހެންކުދިން އެ ކެފޭއަށް ވަން ވަގުތެވެ. ފައިސަލްގެ ލޮލުގައި އަޅައިގަތީ އެ ތަނުން އެކަކެވެ. ފުރަގަހުން ފެނުނު ނަމަވެސް އެ އިސްތަށިގަނޑު ފައިސަލް ދުވަހަކު ވެސް ހަނދާނެއް ނުނެތޭނެއެވެ. އެއީ، ޒިޔާންގެ ފުޓުބޯޅަމެޗު އޮތް ދުވަހު ދަނޑުން ފެނުނު ކުއްޖާއެވެ. ހިނދުކޮޅަކަށް ފައިސަލްގެ ނިންޖާއި ވިންދު ޖަހައިގަނެގެން ގެންދިޔަ ސިކާރަވެރިޔާއެވެ. ފުރަގަސްދީގެން ހިނގަމުން ގޮސް އޭނަ އިށީނީ ސިރާޖުގެ ފުރަގަހުގައި ހުރި ގޮނޑިއެއްގައެވެ. ފައިސަލަށް މޫނު ފެންނަ ގޮތަށެވެ. އެ މޫނު ފެނުމުން ވެސް ފައިސަލްގެ ނުތަނަވަސްކަމުން އެއްބައި އުނިވި ކަހަލައެވެ. އޭރު އެ ކުއްޖާއަކަށް އަދި ފައިސަލެއް ނުފެނެއެވެ. ފެންނަ ވަގުތު އޭނަ ކަންތައްކުރާނީ ކިހިނެއްކަމެއް ވެސް ފައިސަލަކަށް ނޭނގެއެވެ.
"އެއީ މަޖަލަކަށް ބުނި އެއްޗެއް،" ސިރާޖު ބުންޏެވެ. "ތީގެ އެންމެ ރަނގަޅު ހައްލަކީ އާމިރާ ގެނެސް، ސީމާ ފޮނުވާލުން. ކަލޭގެ އީގޯއަށް ފައިންއަރާ ޗިސްކޮށްލާ!"
"އަޖައިބެއްނު! ކިތައް ފަހަރު ގުޅައިފިން؟" ފައިސަލް އެހިއެވެ. "މި ތާ އިނދެގެން ގުޅި ވަރު ގައިމު ކަލެއަށް ފެންނާނެ. ފޯނެއް ނުނެގިއެއްނު! ގެއަށް ވަންނަ ކޮންމެ ފަހަރަކު ދަރި އެބަ އަހާ މަންމަ ގުޅިހޭ؟ އޭނައަށް ހީވަނީ އަހަރެން އެ ކަމާ ނޫޅޭނިއްޔޭ! މިހާރު ބުނެފިން މަންމަ ހުރީ އިންޑިޔާގައޭ! ބުނި އެއްޗެއް އެނގޭތަ؟ ޑެޑީ އިންޑިޔާއަށް ގޮއްސާނަންހޯ؟ މަ ދިޔަސް ހޭނައްތާފަ އާމިރާ ގެންނަންޖެހޭނީ. އޭނަގެ ރުޅި އެހެރީ އަލިފާނުން ނެގި ގޮތަށް. ފިނިވާނެ ދުވަހެއް ނޭނގެ."
އެ ވަގުތަކީ، އަންހެންކުއްޖާއަށް ފައިސަލް ފެނުނު ވަގުތެވެ. އެ ކުއްޖާ ގާތަށް އައީ ރަކިހިންޏެކެވެ. ފައިސަލަށް ވެސް ހިނިތުންވެވުނެވެ. ދަނޑުގައި ހިނގި ހާދިސާ ހަނދާންވީމައެވެ.
"މިހާރު ކޮން ކަމަކާ ތި ހެނީ؟" ފަސްއެނބުރި ބަލައިލަމުން ސިރާޖު އެހިއެވެ.
ސިރާޖު އެނބުރުނު އިރު އަންހެންކުއްޖާ އިނީ ފައިސަލަށް ބަލާކަށް ނޫނެވެ. ވީނުވީއެއް ސިރާޖަކަށް ނޭނގުނެވެ.
"ކަލޭ ކޮން ކަމަކާ ހުނީ؟" ސިރާޖު އެހިއެވެ. "އެއީ ކޮން މަންޖެއެއް؟"
"ކޮބައިތަ މަންޖެއެއް؟" ފައިސަލް ނުވެސް ދެނަހުއްޓެވެ. "ކަލޭ ކިޔާ އެއްޗެހިން ހިނިނައިއްޔާ ދެރައެއްނު."
ސިރާޖުގެ ފޯނު ރަނގަބީލުވާން ފެށިއެވެ. ފޯނު ނަގައިގެން ސިރާޖު ވާހަކަދެއްކި އިރު ފައިސަލްގެ ސަމާލުކަން ހުރީ އެހެން ދިމާއަކަށެވެ. އަނެއްކާ ވެސް އެ ކުއްޖާ ގެއްލޭކަށް ފައިސަލް ބޭނުމެއް ނޫނެވެ.
"އޭ! މަންޖެއެއް އޯކޭވެއްޖެ!" ޖީބަށް ފޯނުލަމުން ސިރާޖު ބުންޏެވެ. "ދިވެހި ކުއްޖެއް. ރައްޓެއްސެއްގެ ގޭގަ ހުރީ. އަހަންނަކަށް ނޭނގެ ކިހިނެއްހުރި ކޮން އޭޖެއްގެ ކުއްޖެއްކަމެއް ވެސް. ބޭނުންތަ މީޓުކޮށްލަން ދާން؟"
"އޭނ؟" ފައިސަލަށް ބުނެވުނެވެ. "ކީކޭ؟"
"އާނ! ހިނގާ މި ތަނުން ނުކުންނަމާ!" ސިރާޖު ތެދުވިއެވެ. "އެކްސްގިއުޒް! ބިލް!"
އެ ފަހަރު ވެސް ފައިސަލަށް އެ ކުއްޖާ ގެއްލުނީއެވެ. ފައިސަލްގެ ސައިކަލު ފަހަތުގައި ސިރާޖު މިސްރާބުޖެހީ ސިރާޖު ބުނި އަންހެންކުއްޖާ ހުރި ގެއަށެވެ. ފައިސަލް ބޭނުންވީ ސިރާޖު ސައިކަލުން ބާލުވައިފައި އަލުން ގޮސް ކެފޭއަށް ވަންނާށެވެ. އެހެނެއް ނެހެދުނެވެ.
"ހަމަ ޒިޔާން ވަރުގެ ކުއްޖެއް ބަލަން ގެނައި މަންޖެއެކޯ!" ސިރާޖު ކިޔައިދިނެވެ. "ނަން ވެސް ބުނި އެކަމަކު މިހާރަކު ހަނދާނެއް ނެތް. ކުއްޖާ މިހާރު ބޮޑުވެގެން ކިޔަވަން ފުރައިފި. އެ މަންޖެ ބޭނުމެއް ނޫނޯ ރަށަށްދާކަށް. ހަޝްމާއޭކަން ނޭނގެ ބުނީ. އުމުރެއް ނާހަން. ބައްދަލުކޮށްލީމަ އެނގިދާނެތާ ވާއެއްޗެއް."
ހަޝްމާ ހުރީ ފައިސަލް ހީކުރި ގޮތަކަށް ނޫނެވެ. ބަލައިބެލުމަށް ސީމާއަށް ވުރެ ދޮށްޓެވެ. ހަރުދަނާ ގޮތެއް ހުއްޓެވެ. ޒަމާނީ ބުރުގާއަޅާ، ހިތްހެޔޮ ގޮތެއްހުރި ކުއްޖެކެވެ. ބައްދަލުވުން ނިންމައިލީ، ދެތިން ދުވަސް ތެރޭގައި ފައިސަލްގެ ގެއަށް ބަދަލުވާން ގުޅައިލާނެކަމަށް ބުނެފައެވެ. ފައިސަލް ބޭނުންވީ ޒިޔާނަށް ވެސް އަންގައިގެން އެ ކަންތައް ކުރާށެވެ.
ބޮޑު ވާރޭގަނޑެއް ބޯމަތިވަމުންއައި ރެޔެކެވެ. ޒިޔާން ޕިއްޒާއެއް ބޭނުންވެގެން އުޅޭތީ ފައިސަލް އެ ކަމުގައި އަވަދިނެތި އުޅުނެވެ. ޒިޔާން ބޭނުންވާ ތަނުން ފޯނަކަށް ޖަވާބެއްނުދެއެވެ. ދެބަފައިން ސޯފާގައި ތިއްބައި ސީމާ ހުރަސްކުރިއެވެ.
"އަހަރެން ޕިއްޒާއެއް ހަދައިދީފާނަން." ސޯފާ ކައިރިއަށް މަޑުކޮށްލައިފައި ސީމާ ބުންޏެވެ.
ޒިޔާން އެ ރޭ ބޭނުންވީ އޯޑަރުކޮށްގެން ގެންނާށެވެ. ހިނިތުންވެލާފައި ސީމާ ގޮސް ކޮޓަރިއަށް ވަނެވެ. ޒިޔާން ދެއްކީ ސީމާގެ ރަނގަޅުކަމުގެ ވާހަކައެވެ. ފައިސަލް ހިތަށްއެރިއެވެ. ކިތަންމެ ދުވަހަކު މަޑުކުރިޔަސް، އެ ވާހަކަދައްކަން ރަނގަޅު ދަނޑިވަޅެއް ނާންނާނެއެވެ.
"ސީމާ ބޭނުން މި ގެއިން ދާން،" ފައިސަލް ބުންޏެވެ. "ދަރިފުޅަށް އޯކޭތަ؟"
ނުނިމޭ