27 މެއި 2023 - 16:53

ރޭންކިންގެ ފަހު މެޗުގައި ބަންގްލަދޭޝް ބަލިކޮށް، މޮޅަކާ އެކު ރާއްޖޭން ސެންޓްރަލް އޭޝިއަން ވޮލީބޯޅަ އެސޯސިއޭޝަން (ކާވާ) އަންހެނުންގެ ވޮލީބޯޅަ ޗެލެންޖް ކަޕް ނިންމާލައިފި އެވެ.
ބަންގްލަދޭޝްއާ ވާދަކޮށް ރާއްޖެ މޮޅުވީ 3-1 ސެޓުންނެވެ. ފުރަތަމަ ސެޓް 25-21 އިން ބަންގްލަދޭޝް ކާމިޔާބުކުރި ނަމަވެސް ރާއްޖޭން ވަނީ ޖެހިގެން އައި ތިން ސެޓު 25-14، 25-23 އަދި 25-15 އިން ކާމިޔާބު ކޮށްފަ އެވެ.
މިއީ މި މުބާރާތުގައި ރާއްޖެ އަށް ކާމިޔާބު ކުރެވުނު ހަމައެކަނި މެޗެވެ. މި މެޗުން މޮޅުވެގެން ރާއްޖޭން ވަނީ މުބާރާތުގެ ހަތްވަނަ ހޯދައިފަ އެވެ.
ގުރޫޕް ސްޓޭޖުގެ ތިން މެޗުގައި ކަޒަކިސްތާނާއި އުޒްބަކިސްތާން އަދި ސްރީ ލަންކާ އަތުން ވެސް ސީދާ ތިން ސެޓުން ބަލިވެ ރާއްޖެ އަށް ސެމީގެ ފުރުސަތެއް ނުލިބުނެވެ. ޖުމުލަ 8 ގައުމު ވާދަކުރި މުބާރާތުގެ ރޭންކިންގެ ފުރަތަމަ މެޗުގައި ކިރިގިސްތާނާ ވާދަކޮށް ވެސް ސީދާ ތިން ސެޓުން ބަލިވެގެން މުބާރާތުގެ ގަދަ ހައެއްގައި ހިމެނުމުގެ ފުރުސަތު ގެއްލުމުން، ރާއްޖެ އަށް ޖެހުނީ ހަތްވަނަ އަށް ވާދަ ކުރާށެވެ.
މިއީ މިދިޔަ ފެބްރުއަރީ މަހު ރާއްޖޭގައި ބޭއްވި ފޯ ނޭޝަންސް ކަޕަށް ފަހު ގައުމީ ޓީމާ ހަވާލުވި ތައިލެންޑްގެ ކޯޗު ވިޗީޕޮން ފޯންޗާޓްޔިންޗީޕް އާއެކު ޓީމު ކުރި ފުރަތަމަ ތަޖުރިބާ އެވެ.
މިއަދުގެ މެޗުގައި ރާއްޖޭގެ ޓީމު ގިނަ ވަގުތު ބޮޑު ލީޑެއްގައި ކުރީގައި އޮތް ނަމަވެސް ޓީމުގެ ފަރާތުން ގިނަ ގޯސަތަކެއް ހެދި އެވެ. ފަހު ސެޓުގައި ވެސް ރާއްޖޭން 20 ޕޮއިންޓް ހަމަކުރި އިރު ވެސް ބަންގްލަދޭޝް އަށް ލިބިފައި ވަނީ ފަސް ޕޮއިންޓެވެ. އެކަމަކު ގިނަ ދިވެހި ޓީމުގެ ގިނަ ގޯސްތަކެއްގެ ސަބަބުން ބަންގްލަދޭޝް އިން ގިނަ ޕޮއިންޓުތަކެއް ހޯދި އެވެ.